logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

އިޖުތިމާއީ ޑައިރީން ސަފްހާއެއް: ބައްޕަގެ އަނިޔާވެރި ވަކިތަކުން….

އޭރު ދަންވަރު ދޭއް ޖަހައިފިއެވެ. އަހަރެން ކާރު ދުއްވަމުން ދިޔައީ ހުޅުމާލެ ފޭސް ދޭއްގައެވެ. ދުވަހަށް އަމާޒު ހިފި ވަރަށް އާމްދަނީ ނުލިބޭތީ ދަންވިއަސް ދަތުރެއް ލިބޭތޯ މަސައްކަތްކުރަނީއެވެ. ފޯނުގައިވާ އެޕްލިކޭޝަނުން ކާރެއް ބޭނުންވެގެން އިޝާރާތްކުރަން ފެށީ ފޭސް ދޭއްގެ ހަތް ވަނަ ޓަވަރުންނެވެ. އެދަތުރު ނަގައިގެން އެދިމާއަށް ދުއްވަން ފެށީމެވެ. އެޕްލިކޭޝަނުން ދައްކާ ލޮކޭޝަންގައި ކާރު މަޑުކޮށްލިއިރު ކާރުގެ ވާތް ފަރާތުން ޕޭމަންޓުގައި ޒުވާން ފުރާގެ އަންހެން ކުއްޖަކު މަޑުކޮށްލައިގެން ހުއްޓެވެ. ކާރު ނަމްބަރަށް ބަލާލާފައި އައިސް ކާރަށް އަރައި އެކުއްޖާ އިށީނީ ފަހަތު ސީޓުގައެވެ.

އަހަރެން ކާރު ދުއްވާލަން ނުފަށަނީސް އެކުއްޖާ އެދުނެވެ؛ "އެޕްލިކޭޝަން ނިއްވާލަ ދީފާނަންތަ؟"

އަހަރެންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެޕްލިކޭޝަން ނިއްވާލާފައި ދެން ދާނީ ކޮންތާކަށް ހެއްޔެވެ؟ އަހަރެންނަށް ވެސް ކުރެވުނީ ސުވާލެކެވެ.

އެކުއްޖާ އެދުނީ ހުޅުމާލޭގައި މަޑު ދުވެލީގައި ބުރެއް ޖަހާލަދިނުމަށެވެ. ކާރަށް ދޭން ޖެހޭ ލާރި ބަރާބަރަށް ދޭނެ ކަމަށް އެމަންޖެ ބުންޏެވެ. އެކުއްޖާ އެދުނު ގޮތަށް އަހަރެން ކާރު ދުއްވަން ފެށީމެވެ. ކާރު ގޮސް ބޮޑު މަގަށް ރަނގަޅަށް ނުނިކުމެވި އުޅެނިކޮށް އެކުއްޖާ އަޑުން އަޑު ނަގާފައި އެފެށީ ރޯށެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ކާރު ދުއްވަމުން ދިޔައިމެވެ. ފަސް ވަރަކަށް މިނިޓް ފަހުން އެކުއްކާ ގިސްލަމުން އަހަރެންނާ ސުވާލުކުރިއެވެ؛ "އަހަރެންނަށް އެހީވެދީބަލަ! ޕްލީޒް! ޕްލީޒް!"

އެހީވާންވީ ކޮންކަމަކަށްތޯ އަހަރެން އެހުމުން އަނެއްކާވެސް އެކުއްޖާ ފެށީ ރޯށެވެ. އެހިސާބުން އަހަރެން ކުޑަކޮށް ބިރު ހީވަން ފެށިއެވެ. އަނެއްކާ އަހަރެންނަށް ލޮޓިއެއް ދޭން ރާވަނީ ނޫން ބާވައެއް ހިތަށް އެރުމުންނެވެ.

ފޭސް ދޭއްގެ އިރުމަތީ ބްރިޖް ހުރަސްކޮށް ފޭސް އެކަކަށް ކާރު އެފޭބީއެވެ. ގަޑިއަކު 10 ކިލޯ މީޓަރުގެ މަޑު ދުވެއްޔެއްގައެވެ. އެ ކުއްޖާގެ ވާހަކަ ފެށުނީ މިހިސާބުންނެވެ.

"އަހަރެން އަމިއްލައަށް މަރުވާން ވެސް ކިތަންމެ ފަހަރަކު މަސައްކަތްކޮށްފިން. އެކަމަކު….."

އަހަރެން ހަމަ އަޑުއަހަމުން ކާރު ދުއްވަމުން ދިޔައިމެވެ. އެމަންޖެގެ ވާހަކަ ދިޔައީ ކުރިއަށެވެ.

"އަހަރެންގެ ބައްޕައަކީ އިންސާނެއް ނޫން. މަންމަ ގޭގަ ނޫޅޭ ކޮންމެ ފަހަރަކު އަހަރެންނަށް ގޯނާކުރޭ. ނުރުހުމުގައި ރޭޕްކޮށްލާނެ. މިހާރު އަހަރެންގެ ބޭނުމެއް އެއްވެސް ފިރިހެނަކަށް ނުހުފޭ ވަރަށް އަހަރެންނަށް އަނިޔާ ދީފި، ގޯނާކޮށްފި. މިހާރުވެސް އެބައި އެތެރެއިން ފާރުވެގެން ދޮސް ވެސް އެބަ އާދޭ. ހީސްލާއިރު ހީވަނީ ހޭނެތިދާނެހެން ރިއްސާވަރުން،"

އަހަރެންނަށްވެސް އަސަރުކޮށްފިއެވެ. އެއީ ހަމަ ތެދެއްބާވައޭ ހިތަށް އެރިނަމަވެސް ޝައްކު ޔަގީނަށް ބަދަލުވަނީ އެމަންޖެގެ ދެ ލޮލުން ހޯސް ލާފައި ފައިބަމުން ދިޔު ކަރުނަތަކުންނެވެ. އެހެން ގެއަކަށް ބަދަލުވާން ވީނޫންތޯ އަހަރެން އެކުއްޖާއާ ސުވާލުކޮށްލީމެވެ. އެ ސުވާލު އަނގައިގަ އޮއްވާ އެކުއްޖާގެ ޖަވާބު އައެވެ. ރޮމުންނެވެ؛ "އަހަރެން ގެއިން ނުކުމެއްޖެއްޔާ މަންމަ މަރާލާނެ ކަމަށް އޮތީ ބައްޕަ ބުނެފަ.  މިހާރުވެސް ރެއެއް ދުވާލެއް ނުދާނެ މަންމައަށް ކޮންމެވެސް އަނިޔާއެއްކޮށްނުލާ. އަހަރެންމީ ހުރި ހަމައެކަނި ދަރިފުޅު. މަންމައަށްވެސް މިހާރު މިކަން އެނގޭ. އެހެންވެ ހުންނަނީ ސައިކޮވެފަ. އަހަރެން މަންމަ ކައިރީގަ ހުންނަނީ ވަރަށް ހިތްވަރު ކޮށްގެން. މަންމަގެ ހައްގުގަ."

އެއީ ރީތި ކުއްޖެކެވެ. ދޮނެވެ. އާންމު ދިވެހި ކުދިންގެ އިސްކޮޅެކެވެ. ވަނާތައް ފުރިހަމައެވެ. އުމުރުން އަދި ފަންސަވީހުން މައްޗަކަށް ނުދާނެކަން ޔަގީނެވެ.

އަހަރެން ގޮސް ކާރު މަޑުކޮށްލީ ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކައިރިއަށެވެ. މައްސަލަ ޕޮލިހަށް ހުށައަޅައިގެން ތިކަމުން އަވަހަށް ސަލާމަތް ވާން ވީނޫންތޯ އެމަންޖެ ގާތު އެހީމެވެ.

"ނޫން! ނޫން! ނޫން! އޭރުން އަހަރެންވެސް މަންމަ ވެސް މަރާލާނެ. ޕްލީޒް މިތަނުން ދުރަށް ދުއްވާލަދީ. އަހަރެން މިހާރުވެސް ނޭވާ ހާސްވާން ފަށައިފި. އަހަރެން ކައިރީގަ އޮވެފަ ދެންމެ ބައްޕަ ނިދަން ވަނީމަ ކުޑަކޮށް ހަމަޖެހިލަން ވެގެން ކާރެއް މިގެނައީވެސް. މިގަޑީގަ އެކަނި ހިނގާފަ އުޅެން ބިރުގަންނާތީ. މާދަމާ އޮފީހަށް ދާން ވާއިރަށް އަދި ކުޑަކޮށް ނިދާލެވޭތޯ ބަލަން ވެގެން،" އެމަންޖެގެ ވާހަކަތަކުން އަހަރެންނަށް ލިބެމުން ދިޔައީ އާދަޔާ ޚިލާފު ހައިރާން ކަމެކެވެ. އަދި ހިތުގައި އުފެދުނީ ހަމްދަރުދީގެ އިންތިހާއެވެ.

އެދުނު ގޮތަށް އަހަރެން ޕޮލިސް ސްޓޭޝަނާ ދުރަށް ކާރު ދުއްވަން ފެށީމެވެ. ސެންޓްރަލް ޕާކު ވަށާލާފައި ފޭސް ދޭކާ ދިމާއަށް ދުއްވާލުމުން އެކުއްޖާ ބުނީ 300 ރުފިޔާއަށް ވާ ވަރަށް ދުއްވާފައި އަހަރެން ގެންގޮސް ނެގިތަނަށް ލައިދިނުމަށެވެ. އަހަރެން ބުނީމެވެ؛ "މަންޖެ ހަމަޖެހުނީމަ އަހަރެން ކައިރީގަ ބުނޭ. އޭރުން ގެންގޮސް ގެއަށް ލައިދޭނަން. 300 ރުފިޔާއަކީ މައްސަލައެއް ނޫން."

އަހަރެން ހިތަށް އެރިއެވެ. މިއީ ކިހިނެއްވާ ކަމެއްތޯ ރަނގަޅަށް އޮޅުން ފިލުވާނަމެވެ. ބައްޕަގެ ތިކަންތައް ފެށުނީ ކިހިނެއްތޯ އަހާލީމެވެ. އަދި މި ސުވާލަށް ޖަވާބުދޭނީ ކޮއްކޮ ބޭނުމިއްޔާއޭ ވެސް ބުނީމެވެ.

"ކިޔައި ދީފާނަން! ހުރިހާ ވާހަކައެއްވެސް ކިޔައިދީފާނަން! އެކަމަކު މިކަން އަހަންނާ މަންމައަށްޓަކައި ސިއްރުކޮށްދޭތި!" އެމަންޖެ ވާހަކަ ދައްކަން ފެށިއެވެ.

"މީގެ ހަމަސްކުރިން މަންމަ ވަރަށް ބޮޑަށް ޔޫރިން އިންފެކްޝަނެއް ވެގެން ތިން ހަފުތާއަށް ބޭސް ކާން ޑޮކްޓަރު ބުނި. އަދި ފިރިމީހާ ގުޅުން ނުހިންގަން ބުނެފަ އޮތީމަ އެވާހަކަ މަންމަ އޮތީ ބައްޕަ ކައިރީގަ ބުނެފަ. މަންމަ ބޭސްކުރަން ފެށިތާ ގާތްގަނޑަކަށް ހަފުތާއެއްވީތަނާ އެއްރޭ މީހަކު އަހަރެން ކޮޓަރީގައި ޓަކި ޖަހާތީ ނިދަން އޮވެފައި ގޮސް ހުޅުވާލިއިރު ހުރީ ބައްޕަ. މިރޭ ނިދާނީ ދަރިފުޅު ކައިރީގައޭ ކިޔާފަ އައިސް އެނދުގަ އޮށޯވެއްޖެ. އަހަރެން އެނދު ކައިރީގަ އިށީނދެގެން މަޑުކޮށްލުމުން ބައްޕަ އެދުނީ ކޮޓަރީގެ ބޮކި ނިވާލަން. ބައްޕައަށް ނިދުނީމަ ބޮކި ދިއްލާށޭވެސް ބުނި. އަހަރެން ގޮސް ހަމަ ބޮކި ނިވާލީ ފަހަތުން އައިސް އަނގަމަތީގައި އަތް އަޅާ އުރާލައިގެން ގެންގޮސް އެނދު މައްޗަށް ވައްޓާލި. ދެން އެވީކަމެއްވެ ނިމުނީ. ބައްޕަ ނިކުމެގެން ދަމުން ބުނި މިވާހަކަ ދައްކައިފިއްޔާ ކަލޭވެސް މަންމަ ވެސް މަރާލާނަމޭ. އަހަރެންނަށް ޝޮކު ލިބުންވަރުން ހެނދުނު ވީއިރުވެސް އިނީ ރޯން ވެސް ނޭނގިފަ. އޮފީހަށްވެސް ނުގޮސް މުޅި ދުވަސް ހޭދަކޮށްލީ ކޮޓަރީގަ. މަންމަ އައިސް ކޮޓަރީގަ ތަޅާ ހެދުމުން ވެސް ދޮރެއް ނުހުޅުވަން،" ވާހަކަ މިހިސާބަށް ދިޔައިރު ކާރު ފޭސް ދޭއްގެ ހަތް ނަމްބަރު ފްލެޓް ކައިރިއަށް މަޑުކޮށްލައިފީމެވެ.

އެމަންޖެ އަހަރެންނަށް 300 ރުފިޔާ ދިއްކޮށްލުމުން، 100 އޯކޭ ވާނެއޭ ބުނެފަ 200 ރުފިޔާ އަނބުރާ އެކުއްޖާއަށް ދިނީމެވެ.

ކާރުން އެކުއްޖާ ފައިބައިފިއެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރެމެން މި ދިރިއުޅެނީ ކޮން ފަދަ ނުބައި މުޖުތަމައެއްގައި ހެއްޔެވެ؟ އަހަރެމެންގެ ލޯމަތީ ފަރުދާ ވެގެން މި ހިނގަނީ ކިހާ ބޮޑެތި ފާފަތަކެއް ހެއްޔެވެ؟ އަދި މިއީ ރޯދަ މަހެވެ. މިމަހު އެފަދަ ކަންކަމަށް ބިރުވެރިކަމެއް ނެތް މީހަކީ އެމަންޖެ ބުނިހެން ހަމަ އިންސާނެއް ނޫނެވެ. އިންސާނެއްގެ ސޫރައެކެވެ. ޖަނަވާރެއްގެ ހިތަކާއި ސިކުނޑިއެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *