އެންޓި-ޑިފެކްޝަން ގާނޫނަކީ އެމްޑީޕީން ރައީސުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު (ފޮޓޯ) މަޅީގައި ބެއްދުމަށް ރާވާގެން ޖެހި މަޅި ފައްޗެކެވެ. އެއީ އެމްޑީޕީގެ އިސްވެރިންގެ ވިސްނުމުގައި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ނުލިބިއްޖެނަމަ މެންބަރުން ގަނެގެން ޕީއެންސީއަށް ގެންދާނެއެވެ. އެމްޑީޕީން އަންދާޒާކޮށްފައި ވަނީ އާދިއްތަ ދުވަހުގެ އިންތިހާބުން ސަރުކާރަށް ލިބޭނީ 34-40 އާ ދެމެދުގެ އަދަދެއްގެ ގޮނޑިއެވެ. އޭގެ ބަދަލުގައި އެމްޑީޕީއަށް 93 މެންބަރުން އިންތިހާބުކުރި މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބޭނެ ކަމަށެވެ. އަވަސް އަރުވާލައިގެން އެންޑި ޑިފެކްޝަން ގާނޫނެއް އެމްޑީޕީގެ މެޖޯރިޓީ އޮތް މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދެންނެވި ކަންކަމަށް ބުރަވެ، ޑރ. މުއިއްޒުއަށް ކެހި ދިނުމުގެ ގޮތުންނެވެ.
އާދިއްތަ ދުވަހުގެ އިންތިހާބުގައި ކަންތައް ދިމާވީ އެމްޑީޕީ ޖެހި ހިސާބާ ދިމާ އިދިކޮޅަށެވެ. ވެރިކަންކުރާ ޕީއެންސީއިން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައި މުޅި ގައުމަށް ހައިރާންކަން ގެނުވުމުގެ އިތުރުން އެމްޑީޕީ ބޮޑު މާޔޫސް ކަމެއްގެ ތެރެއަށް ވައްޓާލާފައެވެ. އެމްޑީޕީއަކީ އިންތިހާބުތަކުން ބަލިވާ ހާލަތްތަކުގައި ލަސްނުކޮށް ނޫސްކޮންފަރެންސް ބާއްވައިގެންނާއި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، އާންމު މެންބަރުންގެ ހިތްވަރު އާލާކުރުމުގެ ސަގާފަތެއް ނިމިދިޔަ އިންތިހާބާ ހަމައަށް ވެސް ގެންގުޅުނު ޕާޓީއެކެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ލިބުނު ބޮޑު ދެރައާއެކު ޕާޓީގެ ލީޑަޝިޕުން ވަނީ "ފިލާފަ"އެވެ. ސޯޝަލް މީޑީޔާއަށް މެސެޖެއް ދޫކޮށްލުން ފިޔަވައި، އިންތިހާބުން ފޭލްވާން މެދުވެރިވި ސަބަބު ގައުމީ މަޖިލީހުގައި މަޝްވަރާކޮށް، މާޔޫސްވެފައިވާ އާންމު މެންބަރުންނަށް ހިތްވަރުދިނުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރެއެވެ. މިއީ ވިދިވިދިގެން ބޮޑު ބަލިވި ފަހަރު ކަމުން ލީޑަޝިޕުން އާންމު މެންބަރުންނަށާއި ގައިމީ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެކަމަކު އަދިވެސް ލީޑަޝިޕް ތިބީ ފިލައެވެ. ހިމޭނުންނެވެ.
މިހާރު އެމްޑީޕީގެ އާންމު މެންބަރުން އެންމެ ބޮޑަށް ނުރުހުން ވެފައިވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި އެންޓި ޑިފެކްޝަން ގާނޫނުގެ ދޯހަޅިކަމުންނެވެ. އެއީ އާދިއްތަ ދުވަހުގެ އިންތިހާބުން ކާމިޔާބު ހޯދި އަމިއްލަ ކެންޑިޑޭޓުން ސަރުކާރު ހިންގާ ޕީއެންސީއާއަށް ސޮއިކޮށް ސްޕަ މެޖޯރިޓީ ފުޅާކުރުމުންނެވެ. އެއީ އެމްޑީޕީން ފާސްކުރި ގާނޫނުގައި އޮތް ބޮޑު ބާގަނޑެއްގެ ނަތީޖާއެވެ. ގާނޫނު ބުނާގޮތުން އެގާނޫނުގެ ބާރު ހިނގާނީ އިންތިހާބީ މެންބަރުންގެ ގާނޫނީ ހުވާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ރަސްމީކޮށް ވާ ހިސާބުންނެވެ.
އިންތިހާބުވާ ހިސާބުން އަދި ގާނޫނުގެ ބާރެއް ނުހިނގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާޢީލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެ ޕީއެންސީއާ ގުޅުނު ހަ މެންބަރުންގެ އެއްވެސް ޝަރުތެއް އުންޏެއް ނުވާކަމަށެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ފާސް ކުރި އެންޓި ޑިފެކްޝަން ގާނޫނާވެސް ހިލާފު ނުވާ ކަމަށާއި އެންޓި ޑިފެކްޝަން ގާނޫނުގެ 3 ވަނަ މާއްދާގައި ބުނާ ފަދައިން 20 ވަނަ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބު ވެފައިވާ ކޮންމެ މެންބަރަކަށް ވެސް މެއި 28، 2024 ގެ ކުރިން އެ ބޭފުޅަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށް ހަބީބް ވިދާޅުވިއެވެ.
ޕީއެންސީއާ ގުޅިވަޑައިގެންނެވި މިނިވަން ކެންޑިޑޭޓުންގެ ތެރޭގައި ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް, މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު, މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު, ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް, ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒްއެވެ.
އަލަށް ސޮއިކުރި މެންބަރުންނާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް އެކަނިވެސް މިހާރު 72 ގޮނޑި ލިބެއެވެ.
އެންޓި-ޑިފެކްޝަން ގާނޫނުގައިވާ ގޮތުން މެންބަރުންގެ ގޮނޑި ގެއްލޭނީ އަންނިވި ހާލަތްތަކުގައެވެ.
1. ޕާޓީން އަމިއްލައަށް ވަކިވާން ހުށަހަޅާއި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވުން
2. އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ނަމުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވުން
3. އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަމުން ވެއްޖެނަމަ އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަލިޖީހަށް އެންގުން
4. ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން
އެންޓި ޑިފެކްޝަން ގާނޫނުގެ މައިގަނޑު މަގުސަދެއް ކަމަށް ގާނޫނުގައި ބުނެފައިވަނީ އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުން ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ އިތުބާރާއި ޔަގާންކަން ލިބިފައިވާ ބައެއް ކަމަށް ހެދުމެވެ.
ގާނޫނުގެ ތައާރަފުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ؛ "މިއީ ދިވެހިރާއްޖޭގައި ހިނގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ސިޓީ ކައުންސިލްތަކަށާއި އަތޮޅު ކައުންސިކްތަކަށާއި ރަށު ކައުންސިލް ތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށް ފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެމީހަކު ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ނުވަތަ އަމިއްލަގޮތުން އިންތިހާބުވެފައިވާ މެންބަރަކޔ އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު ޢަމަލުކުރާނެޭ ގޮތް ކަނޑައެޅުމާއެކު އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތްތައް ބަޔާންކުރުމުގެ ގާނޫނެވެ."
މި ގާނޫނުގެ ދަށުން މެންބަރުކަމުން ވަކިވާ ނުވަތަ އިސްތިއުފާ ދޭ މެންބަރުންނަށް ވެސް ބައި އިލެކްޝަންގައި ބައިވެރިވޭ ގޮތަށް ގާނޫނުން ވަނީ ފުރުސަތު ދީފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ނޫސްވެރިޔާ ތިފާޅުކުރީ އަމިއްލަހިޔާލު. ގާނޫނުހެދީ ބަޔަކަށް ލަނޑުދޭކަށްނުން. އެއީކުރިންވެސް ހެދިގާނޫނެއް. އުވާލީ ޕީޕީއެމް އިން. އަމިއްލަމެމްބަރުން އިންތިހާބުވިތާ 3 ދުވަސއ ފަހުން އެހެންޕާޓީއަކްށް ދިޔުން އެއީ ލަދުހުތުރު ކަމެއް. އަމިއްލަގޮތުންވާދަކުރީމަ އެމީހުންހޮވުނީ. ދިޔައީ ހަމަ ރިޝްވަތާ އަމިއްލައެދުމަށް. މިއީހުރިހާދިވެހިންގެ ރާއްޖެއެއް. ސަރުކާރުކެންޑިޑޭޓުނެއް ނުތިބޭނެ. މުޅިގައުމު ރިޝްވަތަށް ގޮސް ނިމިފަ
ނޮޅިވަރަން ދާއިރާ މެންބަރު ވެސް
މެގާރ ސުޕަރ މެޖޯރިޓީ
ކުރިންވެސް ކަންތައް ކޮއްފައި އޮތީ އެގޮތައް ބަޔަކު ބޭނުން ޥީމާ ބަދަލުކުރީ