މިދިޔަ ރޯދަ މަހުގެ ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓް ދޭން ސަރުކާރުން ނިންމި ނަމަވެސް ބިލްތައް ލިބުނުއިރު ބޮޑުވުމުގެ ޝަކުވާތަކާ ގުޅިގެން ޑިސްކައުންޓާ ގުޅޭ ތަފުސީލުތަކެއް އެމްޑަބްލިއުއެސްސީން ހިއްސާކޮށްފިއެވެ.
އެ ކުންފުނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޯދަ މަހުގެ ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެ ކުންފުނީގެ އުސޫލުން ޑިސްކައުންޓު ދީފައި ވާނީ މާޗް 11 އިން އެޕްރީލް 11 ގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށް ކަމަށެވެ.
އެގޮތުން، މި މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށާއި އެއީ ޑޮމެސްޓިކް ކެޓަގަރީ އަށް ބިލްކުރެވިފައިވާ މިންވަރުގެ 24.5 ޕަސެންޓް ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
ނަމަވެސް ބިލްތަކުގައި ރޯދަ މަހު ބޭނުން ކުރެވުނު ފެނާއި ކަރަންޓު ހިމެނިފައި ވަނީ އެކި މިންވަރަށް ކަމަށްވުމާ އެކީ ރޯދަ މަހުގެ ތެރޭގައި ފޮނުވި ބިލްތަކުގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ބޭނުންކުރި ފެނާއި ކަރަންޓުގެ އަގަށް ވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވުމާ އެކީ މިދިޔަ މަހުގެ ބިލްތަކަށް ޑިސްކައުންޓް ދޭނެ ކަމަށް އެމްޑަބްލުއުއެސްސީން ބުންޏެވެ.
އެހެންކަމުން، އޭޕްރީލް މަހުގެ ބިލް ޑިސްކައުންޓު ހިމަނައިގެން ފޮނުވި މާޗް މަހުގެ ބިލަށް ވުރެ ބޮޑުވާ ނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށް ދޭން ނިންމައި، އުނިކޮށްދެވޭ މިންވަރަކީ މިދޔަ މަހުގެ ބިލްގެ 10 އަށް ވުރެ ކުޑަމިންވަރެއް ނަމަ، 10 ޕަސެންޓާ އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށް ދޭން ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.
އަދި އޭޕްރީލް މަހުގެ ބިލް މާޗް މަހުގެ ބިލަށް ވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭނެއެވެ. މީގެ އިތުރުން، އަލަށް ފެން އަދި ކަރަންޓް ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލް މަހުގެ ބިލް ނަމަ އެފަދަ ފަރާތްތަކަށްވެސް އޭޕްރީލް މަހުގެ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެ ކުންފުނިން ބުނީ އެޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދެވޭ އަދަދާއި މިހާތަނަށް އޭޕްރީލް މަހުގެ ބިލް ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްލާހު ކުރުމުން އަދަދުތަކަށް އަންނަ ބަދަލުތަކާއި، ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރަށް ކުރެޑިޓް ކުރެވޭ ހާލަތުގައި އެ މައުލޫމާތު ވެސް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާކުރާނެ ކަމަށެވެ.
ކަރަންޓު ބިލާއި ފެން ބިލަށް އިތުރަށް ދޭން ނިންމި ލުޔާއެކު ލަސްނުކޮށް ބިލްތައް ދެއްކެވުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.