logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ފްލެޓް ލިސްޓަށް އުނިއިތުރުކުރުމެއް ނެތި ހަވާލު ކުރުމަށް މަޖިލީހުން ފާސްކޮށްފި

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމި ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަމަށް ކަނޑައެޅި ފަރާތްތަކުގެ ލިސްޓަށް އުނި އިތުރެއް ނުގެނެސް، އެ ލިސްޓާ އެއްގޮތަށް ފްލެޓުތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ފްލެޓް ލިސްޓަށް ގިނަ ޝަކުވާ ހުށަހެޅިފައި ވާތީ އެ މައްސަލަތައް ދިރާސާކޮށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނެރުނު ރިޕޯޓާއި ގުޅިގެން މަޖިލީހުގައި މިއަދު ވަނީ ވޯޓެއް ނަގާފައެވެ. މި މައްސަލަ އެގޮތަށް ފާސްކޮށްފައިވަނީ މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ 29 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ މައްސަލައާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓުތައް ހަވާލު ކުރުން ލަސްވާ ކަމަށް ފާހަގަ ކުރައްވައި ހުށަހެޅި މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުއާ ކޮމިޓީން ވަނީ ބައްދަލު ކޮށްފައެވެ. މީގެ އިތުރުން ނިމިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވި މުހައްމަދު އާރިފްގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންނާއި ވެސް ވަނީ ބައްދަލުކޮށްފަ އެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވަ ގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑަ އަޅާފައިވާ ފުލެޓުތައް ހަވާލުކުރުން ވަނީ ލަސްވެފައެވެ. އަދި ފުލެޓުތައް ހަވާލުކުރުން ލަސްވުމާ ގުޅިގެން އާންމުން ކަންބޮޑުވާކަމާއި، ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އާއްމުކޮށްފައި އޮތުމުން އެ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމަށެވެ. އަދި ސަރުކާރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެ ފުލެޓު ދިނުމަށް ވައުދުވެފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަ ޗކޮށްފައި ވެއެވެ.

މި ޝަކުވާތަކަށް ކޮމިޓީގެ ރިޕޯޓުގައި ވަނީ ގެޒެޓުގެ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް ފްލެޓުތައް ހަވާލު ކުރުމާއި، ގިނަ ބައެއްގެ ހައްގާއި ގުޅިފައިވާ ކަމެއްގައި މިގޮތަށް މައްސަލަ ދިގު ދެންމުމުގެ ބަދަލުގައި ވީހާވެސް އަވަހަށް ފްލެޓުތައް ހަވާލު ކުރުމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުން އިއުލާން ކުރީ ދައުރު ނިމެން ކުޑަތަން ވެފައި ވަނިކޮށެވެ. އަދި ހަމަ އެރޭ އެމަސައްކަތް ހުއްޓާލުމަށް އޭސީސީން އަންގާފައިވެއެވެ. ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ ގާތްގަނޑަކަށް 20 އިންސައްތަ ފޯމުގަ އެވެ. އަދި އަނެއް 19 އިންސައްތަ ވެސް ޝަރުތު ހަމަވި ނަމަވެސް މައުލޫމާތުގެ ފުށުއެރުން ތަކެއް އެ ފޯމް ތަކުގައިވެސް ހުރި ކަމަށް އޭސީސީން މީގެ ކުރިން ބުނެފައިވެއެވެ.

އޭސީސީއާއި މިނިސްޓްރީގެ ވާހަކަ މިފަދަ ގޮތަކަށް ހުރިއިރު ފްލެޓް ލިބޭނެ ކަމުގެ އުންމީދުގައި ފްލެޓް ލިބޭ ޓަވަރާއި ފަންގިފިލާގެ އިތުރުން ޔުނިޓް ނަމްބަރުވެސް އިނގޭ އެގްރީމަންޓެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު ސޮއިކޮށްގެން ތިބި 4000 މީހުން ތިބީ ހާސްކަންމަތީގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *