ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީގައި ދިވެހިރާއްޖެ، ޝަރަފުވެރި 4 ކެޓަގަރީ އަކުން އެވޯޑް ޙާސިލްކޮށްފިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ކެޓަގަރީގެ ބައިން އެވޯޑް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފައިވަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް، އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް 4 އެވޯޑެއް ހާސިލުކޮށްފައިވެއެވެ. އެގޮތުން ރާއްޖެއިން ހާސިލުކުރި އެވޯޑްތަކަކީ؛
1. އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024
2. އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024
3. އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024
4. އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024
ރާއްޖެއަށް ލިބުނު އެވޯޑްތަކާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޓޫރިޒަމް، އިބްރާހީމް ފައިޞަލާއި އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން، އައިޝާ ނޫރައިން ޖަނާޙާއި އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ފާޠިމަތު ތައުފީޤް އަދި ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ޚަލީލްއެވެ.
1993 ވަނަ އަހަރުގައި އުފެދިގެން އައި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ.