އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް މިހާރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް އަންގާފައި ވީނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ އާ މަޖިލިސް ހުވާކުރުމުން އެކަމާ ބެހޭ ގޮތުން ދިރާސާކުރުމަށް ފަހުގައި ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރުމާ ގުޅޭގޮތުން މި ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ހީނާ ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ނަގަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް ނަގާނެ ކަމަށެވެ. އެކަމަކު އިޒްރޭލް ޕާސްޕޯޓް މަނާކުރާނީ އާ މަޖިލިސް ހުވާކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވަނީ ދާދި ފަހުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އދ. ގެ މަޖިލީހުގައި ފަލަސްތީނުގެ ހައްގުގައި ދެއްކެވި ވާހަކަތަކަށް ތައުރީފުކުރައްވާފަ އެވެ.