logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ފޭސްބުކުން ޝިފްޒާގެެ ޙަޔާތުގެ ޑައިރީން ދުވަހެއް

ތިރީގައި މިނަކަލް ކޮށްލަނީ ނޫސްވެރިޔާ އަދި ޓީވީ އެންކަރު ޝިފްްޒާ މުސްތަފާ އޭނާގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ މުހިއްމު ލިއުމެކެވެ. މިލިއުމުގައި އޭނާ މުޖުތަމުއަށް ދޫކޮށްލާފައިވަނީ ވަރަށް ވެސް އަގު ހުރި ފިލާވަޅެކެވެ.
—————————————————————————————————————————————–
ޝުކުރުން ފުރިގެންވާ ދުވަހެއް
ޚިތާނު މޫސުމަށް ވުމުން މިދުވަސްކޮޅު ހޭދަކުރަން ޖެހިފައިވަނީ ހުޅުމާލޭގައެވެ. ނަމަވެސް ޚިތާނުކޮށްދީ އުޅޭތީކީ ނޫނެވެ. ކޮއްކޮގެ ދަރިފުޅު ނަކަތްގެ ލައްވައިގެން އުޅޭތީއެވެ.
ހެނދުނު މާލެ ދާން ނުކުތްއިރު ވިއްސާރައިގެ ކުލަވަރު ދައްކާތީ ކޮއްކޮ ލައްވާ އެޕުން ޓެކްސީއެއް ނެގީމެވެ. ހިނދުކޮޅެއް ތެރޭގައި ކާރު އަތުވެއްޖެއެވެ. ދޮރު ހުޅުވައިލުމުން ޑްރައިވަރު ބުނެލިއެވެ. "ލައިގެން ހުންނާނީ ކަޅުކުލައިގެ ހެދުމެކޭ ބުނީ. ނަން ބުނެލިނަމަ ހޯދަން މާފަސޭހަ ވީސް" ފުރަތަމަ ހިތަށްއެރިއެވެ. މިވީ ކިހިނެއް ބާއެވެ! ބައެއް މީހުންގެ ނަމުން ކަޅުކުލަ ރަމްޒުކޮށްދެނީތާއެވެ! ޑްރައިވަރުގެ އެެ ސަމާސާ ޖުމުލައިގެ އަސްލު މާނަ ވިސްނުނީ ކާރަށް އަރައި އިށީނދެ ހަމަޖެހިލުމުންނެވެ. ޑްރައިވަރަށް އޭނާގެ ފަސިންޖަރަކީ ކާކުކަން ފަޅައިއެރީއެވެ. އަދި ހިތަށްއެރިއެވެ. މިވަރުން ވައްކަމެއް ވެސް ނުކުރެވޭނެތާއެވެ!
ކާރު ގޮސް ބުރިޖު މައްޗަށް އެރީ އޮއްސައިލައިފިއެވެ. ހިތަށްވެރިވި އުފާވެރިކަމުގައި އިނދެ، ޑްރައިވަރުގެ މަސައްކަތާ ގުޅޭގޮތުން ކުޑަކޮށް އޮޅުންފިލުވަން ފެށީމެވެ. ދިރިއުޅުން އޭގެ މައްޗަށް ބިނާކުރަން ރަނގަޅު، އަބުރުވެރި މަސައްކަތެއްކަން އެނގުނެވެ. މާގިނަ އިރެއް ނުވެ މަންޒިލަށް ވާސިލް ވެވިއްޖެއެވެ. ސުޕްރީމް ކޯޓު ދޮރުމައްޗަށް ފައިބައި ކޯޓު ތެެރެއަށް ވަންއިރުވެސް ބޯކޮށް ވެހެއެވެ. ކާރަކަށް އެރުނީ ހަމަ ނަސީބަކުންނޭ ހިތަށްއެރިއެވެ.
ކޯޓުން ބައްދަލުވީ ޢިއްޒަތްތެރި ފަނޑިޔާރުންނާއެވެ. އެފަދަ ގޮތަކަށް އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުވި ފުރަތަމަ ފަހަރަށް ވުމުން ޒާތްޒާތުގެ ޝުޢޫރުތައް ވެސް ހިތުތެރޭގައި ހިނގިއެވެ. ނަމަވެސް އެބޭފުޅުން ފެނުނީ ހީކުރި ގޮތަކަށް ނޫނެވެ. ވަރަށް ހިތްތިރި، ޙަޤީޤަތުގައި ވެސް ޢިއްޒަތްތެރީންގެ ގޮތުގައެވެ. ވާރޭ ތެރޭ ކާރެއްގައި އަޅުގަނޑު ބުރިޖު ހުރަސްކުރި ވަގުތު ސައިކަލުގައި ތެމިފޯވެގެން އެ ބުރިޖު ހުރަސްކުރި ޒުވާން ކުއްޖަކު ފަނޑިޔާރުންގެ ކުރިފުޅުމަތީ އަޅުގަނޑާ ޖެހިގެން އިނެވެ. އެ ކުއްޖާފުޅު އިނީ ހީކަރުވައިގެން އަވަދިވެފައެވެ. ދެފަރާތުން ވާހަކައިގެ ސީރިއަސް ކަމަށް ގެއްލިފައި ތިއްބާ އެއް ފަނޑިޔާރަށް މި ކުއްޖާގެ ޙާލަތު ފެނިވަޑައިގެންފިއެވެ. ހަމަ ވަގުތުން ތެދުވެވަޑައިގެން ރިމޯޓު އޮތް ހިސާބަށް ވަޑައިގެން އެ ނަންގަވައި އޭސީ މަޑުކޮށްލެއްވިއެވެ. އަޅުގަނޑު ހިތަށްއެރިއެވެ. އިންސާފަކީ އޭގެ ޒާތުގައި ހާދަ ރީތި އެއްޗެކެވެ. ބޮޑުފަނޑިޔާރުގެއިން މިފެނުނީ އަސްލު އިންސާފު އޮންނަންވާ ގޮތުގެ ކުޑަ މިންވަރެކެވެ.
ކޯޓުން ނިމިގެން މެންދުރު ފަހު އެނބުރި ހުޅުމާލެ ދިއުމަށްޓަކައި ބަހަށް އެރުމަށް ކިއޫގައި މަޑުކޮށްލީމެވެ. އަޅުގަނޑާ ޖެހުމުން ބަހަށް އަރައި މެޝިނުގައި ބަސްކާޑު ޖައްސައިލީމެވެ. ސްކްރީނަށް އެރި މެސެޖުން ދިޔައީ ސިއްސައިގެންނެވެ. "ކާޑް އެކްސްޕަޔަރޑް!" ހައިރާން ކަންމަތީ މެސެޖު ކިޔައިލެވުމުން ޑްރައިވަރު ވަގުތުން ބުނެފިއެވެ. އަވަހަށް ގޮސް އިށީންނާށެވެ. ފަހަތުން އެހެން މީހުންވެސް ބަހަށް އަރާތީ، ޖާގަ ދިނުމުގެ ގޮތުންނާވެސް އެކު އަވަހަށް ބަހުގެ މަތީބަޔަށް އަރައި އިށީނދެއްޖައީމެވެ.
ދަތުރުމަތީގައި ހަނދާނަށް އައެވެ. ހުޅުމާލެ ބަސްދަތުރު ފެށި ދުވަސްވަރު ވެސް މިޒާތު ލަނޑެއް ލިބުނެވެ. އެ ދުވަހު ބަހަށް އަރައި 500 މާރު ނުވެ، 5 ރުފިޔާ މަދުވެގެން އުޅެނިކޮށް ބުރަކަށީ ކޮއްޓާލާފައި 5 ރުފިޔާ ދިއްކޮށްލީ ތުއްތު ކުއްޖަކު އުނގަށް ލައިގެން އިން އަންހެނެކެވެ. އެދުވަހު ސަލާމަތް ކޮށްދިނީ އެ ދީލަތި ކަމަނާއެވެ. މިއަދު މިސަލާމަތްވީ ބަސް ޑްރައިވަރާ ހެދިއެވެ. ބަހުން ފައިބަމުން އަނެއްކާވެސް ޑްރައިވަރު ގާތަށް ޖެހިލާފައި ސާފުކޮށްލީމެވެ. "އަޅުގަނޑު ކުރަންޖެހޭ އިތުރު ކަމެއް އެބައޮތްތޯ؟" ނޫނެކޭ ބުނުމުން އަނެއްކާވެސް އަހައިފީމެވެ. "މިއީ އަޅުގަނޑަށް ދެއްވި އިނާޔަތެއްތޯ ނޫނީ ކޮންމެ މީހަކު އެރިޔަސް އަމަލުކުރައްވާ ގޮތްތޯ؟" އަޅުގަނޑު ބޭނުންވީ އެމްޓީސީސީން ދެނީ ޚިދުމަތެއްކަން ކަށަވަރު ކުރުމަށެވެ. ޚިދުމަތެއްނަމަ ހަމަހަމަ އުޞޫލު އޮންނަން ޖެހޭތީއެވެ. ޑްރައިވަރުގެ ޖަވާބުން އެކަން ޔަޤީންވިއެވެ. ކޮންމެ މީހަކަށް އެފަދަ ކަމެއް ދިމާވިޔަސް އަމަލުކުރާ އުޞޫލަކީ އެއެވެ. ނަމަވެސް ޝަރުޠަކީ ތަކުރާރު ނުވުމެވެ. ބަސް ޑްރައިވަރާއި ކާރު ޑްރައިވަރާއި ފަނޑިޔާރުގެ އަމަލުން ވެސް ހިތަށް ނިކަން ފިނިކަން ލިބުނެވެ. ދުވަސް ނިންމައިލުމަށްފަހު ޝުކުރުން ފުރިގެންވާ ހިތަކައިގެން އެނބުރި އައިސް ގެއަށް ވަނީމެވެ.
ފެށިއިރު ފާހަގަ ކުރިހެން ބައިންދައިގެން އުޅޭތީ، މިވަގުތު ސިކުނޑި ތާޒާކޮށްލުމަށް ޙަޔާތުގެ މި ޞަފުޙާ ލިޔުމަށް ތިރިކޮށްލީއެވެ. ކުދިކުދި ކަންކަމުން ވެސް އަނެކާއަށް އުފާވެރިކަން ދެވިދާނެ ކަމާއި، އަދި އެހެންމެ ކުދިކުދި ކަންކަމުން އަމިއްލަ ނަފުސަށް ވެސް ހިތްހަމަ ޖެހުން ހޯދިދާނެކަން ބުނެދީ، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުންވެސްމެއެވެ. ބޭނުންވަނީ ޝުކުރުވެރި ހިތެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *