logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރައީސް ނަޝީދު ވިދާޅުވަނީ އިންޑިއާއާ ދުރުވެގެން ރާއްޖެއަށް ވާނެ މޮޅެއް ނެތް ކަމަށް

އިންޑިއާއަކީ ކުރިއަރަމުން އަންނަ ބޮޑު ބާރެއް ކަމަށާއި އިންޑިއާއާ ދުރުވުމުން ރާއްޖެ ނާޒުކުވެއްޖެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ކަންކަމުން ދުރުވެ, ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެ ޤައުމުގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގަ އެވެ.

"އިންޑިޔާ އަކީ ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ޤައުމެއް، އެ ތަރައްޤީގެ ތެރެއަށް ވަންނަން އެބަޖެހޭ،"

އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ, ރާއްޖޭގެ ސަލާމަތަށް އިންޑިއާއިން އަބަދުވެސް މުހިންމު ރޯލެއް އަދާ ކުރަމުން އަންނަ ކަމަށެވެ.

"1998 ވަނަ އަހަރު ދިވެހި ސަރުކާރު ވައްޓާލަން ބަޣާވާތެއް ކުރި. އިންޑިއާގެ އެހީގައި އެކަން ވަނީ ނާކާމިޔާބުކޮށްފަ. މަދު ބަޔަކަށް އައިސް އަޅުގަނޑުމެންގެ ކުޑަކުޑަ ޖަޒީރާ ޤައުމު ހަލަބޮލި ކޮށްލެވިދާނެ. އަޅުގަނޑުގެ ނަޒަރުގައި، އިންޑިއާއާ ދުރުވުމަށް ފަހު، މިހާރު އަޅުގަނޑުމެން މިތިބީ، ކުރިއަށްވުރެ މާ ބޮޑަށް ނާޒުކުވެފައި،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ, އިންޑިއާއާއެކު ރާއްޖެއިން ގާތް ގުޅުމެއް ބާއްވަމުން އަންނަތާ ޒަމާންތަކެއް ވެފައިވާ ކަމަށާއި އިންޑިއާއާއި ދެކޮޅަށް އެއްވެސް ކަމެއް ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އިންޑިއާ ބޮޑު ބާރަކަށް ވުމަށް ކުދި ގައުމުތަކަށް އެހީތެރިވާން ޖެހޭ ކަމަށާއި އިންޑިއާގެ އަމިއްލަ މޮޑެލްއެއް އުފައްދައިގެން ނޫނީ ދުނިޔޭގެ "ސުޕަޕަވަރަކަށް" ނުވެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ތަކުރާރުކޮށް އިންޑިއާގެ ދިފާއުގައި ވާހަކަ ދައްކަވާ ނަޝީދު ވަނީ ލަންކާ ނޫހަށް ދެއްވި އިންޓަވިއުގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި މިއަދުގެ ސަރުކާރުން އިންޑިއާ ދުރުކޮށް ޗައިނާއާއިއެކު ދަނީ ގުޅުން ބަދަހިކުރަމުންނެވެ.

ދިވެހި ސަރުކާރުން އިންޑިއާއާއި ދުރުވުން ކަމުގައި ރައީސް ނަޝީދު ސިފަކުރައްވާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވާލުންކަމުގައި ބެލެވެ އެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމަށްވެސް ބާރު އަޅުއްވައިފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *