logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހޯމް މިނިސްޓަރު އިހްސާން: ތަފާތު ދެއްކެވުމުގައި

ފަށަމުންވެސް، ހޯމް މިނިސްޓަރު އަލީ އިހްސާނުގެ މަސައްކަތަށް އައްސަރި ބަހާއި ސާބަސް ރައްދުކަން ޖެހެއެވެ. އެމިނިސްޓްރީއާ ހަވާލުވެފައިވާ ފުޅާ މެންޑޭޓު ތަންފީޒުކުރުމުގައި މިނިސްޓަރުގެ ފުށުން ފެންނަނީ އާދަޔާ ޚިލާފު މުރާލިކަމާއި ހިކުމަތްތެރިކަމާއި ކެރުންތެރިކަމެވެ.

ބިދޭސީންގެ މައްސަލަ

މިއީ ގައުމީ ސަލާމަތާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. ނިމިދިޔަ ސަރުކާރުންވެސް ގަދަ ބަސްބުނެ، ރަނގަޅު ނުކުރެވުނު ކަމެކެވެ. މިހާރުގެ ހޯމް މިނިސްޓަރު ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ތިން އަހަރު ދުވަހުގެ އަމާޒެއް ކަނޑައަޅާފައެވެ. ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީންގެ ހުރިހާ މައުލޫމާތެއް އެއްކޮށް ނިންމާނެއެވެ. އެ މަރުހަލާ ހިނގަމުންދާއިރުވެސް، ޑޮކިއުމެންޓް ހަމަނުވާ ބިދޭސީން އަނބުރާ ފޮނުވާލާނެއެވެ. އަދި ޑޮކިއުމެންޓް ހުރެެ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭނަމަ އެމީހުން ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވަނަ ފުރުސަތެއް ދޭނެއެވެ.

މިހާރު ގެންދަނީ ފެންގަޕްރިންވެސް ހިމެނޭ ގޮތުން ބިދޭސީންގެ ހުރިހާ މައުލޫމާތެއް އެއްކުރަމުންނެވެ. މިނިސްޓަރުގެ ވިސްނުންފުޅަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް އިޖާބީ ހައްލެއް ހޯދައި، ގައުމީ ސަލާމަތަށް އޮތް ބިރު ކަނޑުވާލުމެވެ. ސައްހަ ގޮތުގައި ނޫނީ އެއްވެސް ބިދޭސީއަކަށް ދިވެހިރާއްޖޭގައި ނޫޅެވޭ ވަރަށް ނިޒާމުތައް ހަރުދަނާކޮށް ވަރުގަދަކުރުމެވެ.

ފުލުހުންގެ ކަންކަން އިސްލާހުކުރުން

ފުލުހުންގެ އިދާރާ އިސްލާހުކޮށް ތަހުގީގުތައް އަވަހަށް ނިންމައި، ފަސޭހައިން ރައްޔިތުންނަށް އިންސާފަށް ވާސިލްވެވޭނެ ގޮތްތައް ހޯއްދަވައި ދެއްވުމަކީ އިހްސާނުގެ އެންމެ ބޮޑު އެއް އަމާޒެވެ. އަދި ފުލުހުން ހިންގާ ބޮޑެތި އޮޮޕަޜޭޝަންތަކާ ގުޅޭ މައުލޫމާތުތައް ތަފްސީލުކޮށް ރައްުޔިތުންނަށް ހާމަކޮށްދެއްވުމަށް އިސްކަން ދެއްވާކަން ހާމަވެގެން ދިޔައީ ޑްރަގްސް މައްސަލައެއްގައި ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވި ބޮޑު މައްސަލައެއްގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތައް ހިމެނޭ ޕްރެޒެންޓޭޝަނެއް އާންމުކުރެއްވުމުން ކްރިމިނަލް ކޯޓުން އެކަން ސިފަކުރީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އަދި އެކަން މިހާރު އޮތީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށައަޅާފައެވެ. އެކަމާ ގުޅިގެން އިހްސާން ވިދާޅުވީ ބޭނުންފުޅަކީ ކޯޓުގެ މަސައްކަތްތަކުގެ ތެރެއަށް ވަދެގަތުން ނޫން ކަމަށާއި ކަންކަމުގެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. މިކަމުގައި ވެސް އެމަނިކުފާނުގެ ސްޓޭންޑަށް ބަދަލެއް ނުގެނެސް، ކުރިއަށް ވަޑައިގަންނަވާނެކަން މިވާހަކަތަކުން ކަށަވަރުވެއެވެ.

އިހްސާން ވިދާޅުވެފައިވާ ގޮތުގައި ފުލުހުންގެ މުއައްސަސާއަކީ އާންމުން އިތުބާރުކުރާ އަދި އިހްތިރާމް ލިބިގެންވާ ތަނަކަށް ހެދުމަށް ރޭވުންތައް ގެންދަވަނީ ރާއްވަވަމުން ތަންފީޒު ކުރައްވަމުންނެވެ. ގޯސް ހަދާ ފުލުހުންނާމެދު ފިޔަވަޅު އެޅުމުގެ އިތުރުން ފުލުހުންނަށް ޕްރޮފެޝަނަލް ކަމާއެކު ޚިދުމަތް ފޯރުކޮށްދެވޭނެ މާހައުލެއް ގާއިމްކޮށް ދެއްވުމަކީ ވެސް އިހްސާންގެ މުހިއްމު އަމާޒެކެވެ. އޭރުން ދެބައި ބެލެންސްވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެއެވެ.

ކުށްކުރާ ކުދިން އިސްލާހުކޮށް މުޖުތަމައަށް ނެރުން

އޮތީ އުންމީދެވެ. އެކުދިންނަށް އޮތީ "ހޯޕް އައިލެންޑެ"ވެ. ކުށަށް އަރައިގަންނަ ކުޑަކުދިންނަކީ މާދަމާގެ ގޭންގްތައް އޮޕަރޭޓްކުރާ ގޭންގްތަކުގެ ބައިވެރިންނަށް ވާން ދުކޮށް ލުމަކީ އިހްސާނުގެ ވިސްނުންފުޅެއް ނޫނެވެ. އެފަދަ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އިސްލާހީ ފިޔަވަޅު އަޅައި ރަނގަޅަށް ތަރުބިއްޔަތުކޮށް، ކިޔަވައިދީ ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް އެކުދިން ނަގާނެއެވެ. މިއީ މުޖުތަމައަށް ބޭނުންވެފައިވާ އެންމެ މުހިއްމު އެއް މަސައްކަތެވެ. މާރާމާެރީގައި ކުޑަކުދިން އެބަ ބައިވެރިވެއެވެ. މަސްތުވުމާއި މަސްތުވާތަކެތި ވިއްކުމުގައި އެބައުޅެއެވެ. އެއްވެސް ބިރެއް ނެތި ވައްކަމާއި ފޭރުމުގައި ކުޑަކުދިން ހަރަކާތްތެރިވެއެވެ. މިނިސްޓަރު އިހްސާނަށް މި މަންޒަރު ފެނިވަޑައިގަންނަވަނީ ރާއްޖޭގެ މުސްތަގުބަލަށް އޮތް ބަނަކަމެއްގެ ގޮތުގައެވެ. ނުރައްކަލެއްގެ ގޮތުގައެވެ. އެހެންކަމުން މިހާރު އަމާޒު ހިފާފައި ވަނީ ނުރައްކަލުގެ ވިލާގަނޑުން ކެރި ވެހެން ފެށުމުގެ ކުރިން ހިޔަލެއް ހޯދުމަށެވެ. މިއީ ގައުމީ ސިކުނޑިއަކުން ނެރެފައިވާ ގައުމީ ބުއްދިއެކެވެ.

ކަސްޓަމްސް އާއި އިމިގްރޭޝަން އަދި ކަރެކްޝަންސް

އެމަނިކުފާނުގެ ޕޯޓްފޯލިއޯގެ ދަށުގައިވާ އެއްވެސް ތަނަކަށް ރައްޔިތުންނަށް ޖަވާބުދާރީ ނުވެ ނުތިބެވޭނެ ގޮތް އެ ގެންދަވަނީ ހައްދަވަމުންނެވެ. ރައްޔިތުން އިތުބާރުކުރާ ފަސޭހަ އަދި ޕްރޮފެޝަނަލް ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަންތަނަށް އެމުވައްސަސާތައް ބަދަލުކުރުމުގެ ކަރުދާސްތައް ގެންދަވަނީ ތައްޔާރުކުރައްވަމުންނެވެ. އެމަނިކުފާނުގެ އަމާޒަކީ ފަސް އަހަރުގެ ދައުރު ނިމޭއިރު އެންމެ ކަށަވަރު ނަތީޖާތައް ނެރެފައިވާ އަދި އެނަތީޖާގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިދިނުމެވެ.

އެމަނިކުފާނުގެ މަސައްކަތުގެ ސްޕީޑާއި ކެރުންތެރިކަމާއި ބެލުންތެރިކަމާއި ވިސްނުންތެރިކަމުގެ ތެރެއިން ދިވެހިންނަށް އަމާން ހެޔޮ މާދަމާއެއް ހޯއްދަވައި ދެއްވާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. ބަލަން ތިބެމާ ހިނގާށެވެ. އެމަނިކުފާނަށް ފަހުން ލިބޭ ތައުރީފު ބޮޑުވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *