ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ށ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް މިއަދު ހެނދުނު 6:30 އިން ފެށިގެން 10:30 ގެ ނިޔަލަށެވެ.
މި ވަގުތުގެ ތެރޭގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
Alert Yellow for strong winds and rough seas. pic.twitter.com/bN2dxR0VPI
— Maldives Meteorology (@MetMaldives) May 19, 2024
މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ވައިގަދަވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ. އަދި ވިއްސާރަވެ ފެން ބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ.
އެގޮތުން، އިއްޔެ ވަނީ ފުވައްމުލަކަށާއި އައްޑޫ ސިޓީއާ ދެމެދު އޮރެންޖު އެލާޓެއް ވެސް ނެރެފައެވެ. އެ އެލާޓްގައި ވަނީ 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހު ވަނީ މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނަށް ފެށިފައެވެ. އަދި މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހުޅަނގު މޫސުން ފެށޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.