މިފަހަރުގެ ރައްޔިތުންގެ މަޖިލީސް ވެގެންދާނީ ހުރިހާގޮތަކުންވެސް ނަމޫނާ މަޖިލީހަކަށްކަމަށް 20 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އިންތިހާބުކުރި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަދައްކަވަމުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ރައީސްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ހައްދުންމަތީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީއެންސީގެ މެމްބަރުންގެ އަމާޒަކަށް ވާނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ކަންކަން ކުރުމަށް މަޖިލީހުގެ ތެރެއިްނ ދޭންޖެހޭ އެއްބާރުލުން ދިނުން ކަމަށެވެ.
ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެކަން ނަހަމަ ގޮތުގައި ބޭނުންކުރާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މަޖިލީހުގެ އަދުރޭ ވިދާޅުވީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ރައްޔިތުންގެ އެހާބޮޑު ތާއީދެއް ދިނީ އެކަން އެމަގުން ނުކުރާނޭކަމުގެ ޔަގީންކަން ރައްޔިތުންގެ އޮތުމުން ކަމަށެވެ.
މަޖިލީހުގެ އަމާޡަކަށްވާނީ ރައްޔިތުންނަށް ރައީސް ޑރ.މުއިއްޒު ކޮށްދެއްވަން ބޭނުންފުޅުވާ ކަންތައްތައް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެމަނިކުފާނު ބޭނުންފުޅުވާ ސްޕީޑުގައި ދިނުން
އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ މެނިފެންޓޯގައި ކުރުމަށް އެކަށައަޅާފައިވާ ކަންކަން ކުރުމަށް މަޖިލީހުގެ ތެރެއިން އެމަނިކުފާނަށް އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.
ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމަށް މަޖިލީހުގެ ތެރެއިްނ އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަން އަދުރޭ ދެއްވިއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މެނިފެސްޓޯގައިވާ ކަންކަން ކުރުމަށް ގިނަ އަދަދެއްގެ ޤާނޫނުތައް މުރާޖައާކޮށް އައު ޤާނޫނުތައް ހައްދަވަން ޖެހޭކަމަށެވެ.
މިގޮތުން މެނިފެސްޓޯގައިވާ ކަންކަން ކުރުމަށް 200 އަށްވުރެ ގިނަ ޤާނޫނު ފާސްކުރުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެކިފަހަރުމަތިން ވިދާޅުވެފައެވެ.