އާންމުގޮތެއްގައި ދެކެވެމުން ދަނީ ފިރިން އަނބިންނަށް ބޭވަފާތެރިވާ ވާހަކައެވެ. ނުވަތަ ކައިވެނީގެ ބޭރުން ހިލޭ އަންހެނުން ގެންގުޅޭ ވާހަކައެވެ. ނަމަވެސް އަނބިން ކައިވެނީގެ އިމުން ބޭރުން ހިލޭ ފިރިހެނުން ގެންގުޅޭ ވާހަކަ އަކީ މަދުން ނޫނީ ނުދެކެވޭ ވާހަކަ އެކެވެ. ނަމަވެސް މިހާރަކަށް އައިސް ފިރިންނަށް ބޭވަފާތެރިވާ އަނބިންވެސް މަދެއް ނޫނެވެ.
މި ކިޔައިދެނީ މިފަދަ ހިތްދަތި ދިރިއުޅުމެއް ވޭތުކުރަމުންދާ އަހަރެންގެ ގާތް ރަހުމަތްތެރިއެއްގެ ދިރިއުޅުން ބަނަވެގެން ދިޔަ ގޮތުގެ ކުރު ހުލާސާއެކެވެ.
އަހަރެންގެ ކޮއްކޮ އެއް ފުރުވަން އެއާ ޕޯޓަށް ދިޔަ ދުވަހެކެވެ. ވަރަށް ގިނަ ޒަމާން ތަކަކަށް ފަހު މި ބުނާ ރަހުމަތްތެރިޔާ އާ އަހަރެންނާ ބައްދަލުވީ އެއާޕޯޓު ތެރެއިންނެވެ. އޭނާ ވެސް ހުރީ ފުރަން ގޮހެވެ. އެހާ ޒަމާން ތަކަށްފަހު ބައްދަލު ވުމާ އަދި އޭނާ ފުރާ ވަގުތު ކައިރި ނުވުމާ އެކު ދެމީހުން ވާހަކަ ދައްކާލަން ކޮފީ އަކަށް އެރީމެވެ.
ކިހިނެއްތަ ހާލު ؟ ކޮބާ އަންހެނުންނާ ދަރިފުޅުގެ ހާލު ކިހިނެއް؟ ދިރިއުޅުން ކިހިނެއް؟ އެހާ ދުވަސް ފަހުން ބައްދަލު ވެވުނީތީ ރަހުމަތްތެރިއާގެ ހާލު އޮޅުން ފިލުވާލަން ސުވާލު ކޮށްލީމެވެ.
“އަންހެނުންނާ ދަރިފުޅުގެ ހާލު ރަނގަޅު. ދިރިއުޅުން ދެން އެކަހަަލަ ގޮތެއް” މާޔޫސީ ރާގަކަށް އެހެން ބުނެލުމަށް ފަހު އޭނާ އިސްޖަހައިލި އެވެ.“ ހާދަ ފާޑަކަށް ތިބުނީ ކިހިނެއްވީ އަނެއްކާ؟“ އަހަރެން އަނެއްކާ ވެސް ސުވާލު ކޮށްލީމެެވެ. ސަބަބަކީ އޭނާ އަކީ އަބަދު ވެސް ހިނުތުން ވެލައިން ހުންނަ މަޖާ މިޒާޖެއްގެ މީހެކެވެ. އޭނާގެ މޫނުމަތިން ހިތްދަތި ވެފައި އިންތަން އަހަންނަ ފެނުނު އެއީ ފުރަތަމަ ފަހަރެވެ.
“އެއީ ވަރަށް ދިގު ވާހަކަ އެއް، ކުރުކޮށް ބުނަންޏާ އަހަރެންގެ އަންހެނުން އަހަންނަށް ބޭވަފާތެރި ވީ“ ވަރަށް ދެރަވެލާފައި އޭނާ ބުންޏެވެ.
“އަނބިމީހާގެ ތިފަދަ ވާހަކަ އެއް ތިހެން ތިބުނީ ކިހާވަރެއްގެ ހަގީގަތެއް ތިކަމުގަ އޮވެގެން؟ ފަހަރެއްގަ ވެދާނެ ނުން ތީ ކުންހީ އެއް ކަމަށް ވެސް” އަހަރެން އެހެން ބުނުމުން އޭނާ އަނެއްކާވެސް ދިރިއުޅުން އޮޅުން ފިލުވައިދޭން މަސައްކަތް ކުރަން ފެށިއެވެ.
“ނޫން އެއީ ކުންހީއެއް ނޫން. އަހަރެންގެ ލޮލަށް ނުފެންނަހާ ހިންދަކު އެފަދަކަމެއް އަހަރެންގެ އަނބިމީހާގެ ބޮލަކަށް ނުޖަހާނެ، އެކަން އިނގޭނުން” އެއީ ތެދެކެވެ.
އޭނާ އަކީ އޭނާގެ އަނބިމީހާ އަށް ފުރިހަމައަށް އިތުބާރު ކުރަމުން އައި އިންތިހާއަށް އަނބިމީހާ ދެކެ ލޯބިވާ އޯގާތެރި ފިރިއެކެވެ. އެފަދަ ތުހުމަތެއް އަނބިމީހާ އަށް ނިސްބަތް ކޮށް ބުނާނީ ހަގީގަތުގަ ވެސް އެފަދަ ކަމެއް ހިނގާ އޭނާ އަށް ފެނިފައި އޮތުމުން ކަން އަހަންނަށް ޔަގީނެވެ.
“ތިޔަކަމެއް ހިނގަން ފެށީ ކޮން އިރަކު؟ ކިހިނެއް ފެނުނީ؟” އަހަރެން ސުވާލު ކުރީމެވެ.
“އަހަރެން ވަޒީފާ އަދާ ކުރަނީ އަބަދު ވެސް ރިޒޯޓެއްގައި ، އެކަމަކު ކައިވެންޏެއް ކުރުމަށް ފަހު މާލެ ކައިރި ރިޒޯޓަކަށް އަހަރެން ބަދަލުވީ، ވަރަށް އުފަލުގައި ދެމީހުން އުޅެމުން އައީ ވެސް، އަންހެނުން ވެސް މާލޭގެ މުއައްސިސާ އަކަށް ވަޒީފާ އަށް ދާން ފެށި. އޭނާގެ ހިންހަމަ ޖެހުމަށް ވަޒީފާ އެއް އަދާ ކުރަން ބޭނުންވެގެން ބުނީމަ އެކަމާ އަހަރެން ދެކޮޅެއް ނުހަދަން. ދުވަސްތަށް ފާއިތުވާ ވަރަކަށް އަނބިމީހާގެ ފަރާތުން އަހަރެންނަށް ޝައްކު ކޮށް ޝަކުވާތަށް ގިނަވާން ފެށި، އެކީގައި ސްކޫލު ދައުރު ކިޔެވި ކުއްޖަކަށް ވިޔަސް ރަށުގައި އުޅޭ ގެ ކައިރި ކުޑައިރުގެ ރަހުމަތްތެރި އަކަށް ވިޔަސް އެއްވެސް އަންހެން ކުއްޖަކާ އަނގައިން ބުނެފި ކަން އެނގިއްޖެޔާ އެދުވަހެއްގެ ޒަމާން ދިޔައީ. އެހެންވިޔަސް އެކަމާ ހިތްބުރަ ކަމެއް ބާއްވައި ރުޅިގަދަވެ ޖަދަލު ކުރާކަށް އަހަރެން ނުހަދަން. އަނބިމީހާގެ އެ އަމަލު އަހަންނަށް ވެގެން ދިޔައީ ވަރަށް ހިންހަމަ ޖެހޭ ކަމަކަށް، އަހަންނަށް ގަބޫލޫ ކުރެވުނީ އެއީ އަހަރެން ދެކެ ވާލޯބިން އަހަރެން ގެއްލިދާނެތީ އަނބިމީހާ ޖެހިލުން ވާތީ ވާކަމެއް ކަމަށް.
އެހެންވެ އަނބިމީހާ ހިންހަމަ ޖެހޭ ހާ ގޮތަކަށް އަމަލުތަށް ބަހައްޓަން އަބަދުވެސް މަސައްކަތް ކުރަން. އެގޮތުން އޭނާ ހިންހަމަ ނުޖެހޭ މީހަކާ އަހަރެން އަންގައިނެއް ނުބުނަން. އަހަރެންގެ ފޯނުގެ ޕާސްވޯޑް ގެ އިތުރުން ސޯޝަލް މީޑިއާ ގެ ހުރިހާ އެކައުންޓެއްގެ ޕާސްވޯޑުތައް ވެސް އަނބިމީހާ އަށް ނޭނގި ނޯންނާނެ. އޭނަ ބޭނުން އިރަކުން ބޭނުން އެއްޗެއް ވަދެބަލަން ވީ، އަހަރެން އޭނަ ދެކެ ލޯބިވާ ވަރާ އޭނައަށް ތެދުވެރި ވަރު އަންގައި ދިނުމަށް މިގޮތަށް އަމަލު ކުރީ އަހަރެން ބޭނުންވެގެން. އެއީ އަނބިދަށުވުމެއް ނޫން އަހަރެން ގަބޫލު ކުރާގޮތުގަ، އަހަރެން ދެކެނީ އުފާވެރި ދިރިއުޅުމެއް އުޅެން އަނބިމީހާ އަށް ސިއްރު ކޮށްފަ އޮންނަން ޖެހޭނެ އެއްޗެއް ނޯނާނެ ކަމުގައި، އެކަމަކު އަހަރެން ދުވަހަކު ވެސް އަހަރެންގެ އަނބިމީހާގެ ފޯނު ބަލައެއް ނުހަދަން.
މީހާކާ ވާހަކަ ދެއްކުމަކުން މައްސަލަ އެއްވެސް ނުޖައްސަން ސަބަބަކީ ފުރިހަމަ އިތުބާރު އަހަރެން އައީ އަހަރެންގެ އަނބިމީހާއަށް ކުރަމުން އެފަދަ އަމަލެއް ކޮށްފާނެ ކަމަކަށް ހިތަވެސް ނާރުވަން. ފަހަކަށް އައިސް އަހަރެން އޮފްޑޭ ތަކަށް މާލެ އަޔަސް އަނބިމީހާގެ ފަރާތުން ޝައްކު އުފެދޭ ކަހަލަ ކަންތައް ތަކެއް ފެންނަން ފެށި. ފޯނު ފޮރުވައިން އުޅުމާ އަހަރެންނަށް ނޭނގޭނެހެން ޕާސްވޯޑު ޖަހައި ފޯން ލޮކް ކޮށްފައި ބޭއްވުމާ ދަންވަރު ކައިރި ނިދަން އޮންނަ އިރު ވެސް ޓެލެގްރާމް، ވަޓްސްއެޕް އެއްޗެހިން ފޯނުތަށް އަންނަކަން ފާހަގަ ކުރެވެން ފެށި.
އެއީ ކާކުތޯ ސުވާލު ކުރިއްޔާ ތެޅިގަނެފައި އެއީ ރައްޓެއްސޭކޭ ނުވަތަ އެއްބަނޑު ކުއްޖެކޭ ބުނެ އޮޅުވާލާ. ފަހުން އައިސް އޭނާގެ މި އަމަލުތަކާހެދި އޮފްޑޭ ނިންމާލާފައި އަނބުރާ ރިޒޯޓަށް އަޔަސް އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ނުލިބޭ، ކޮންމެވެސް ކަންތަށް ތަކެއް ހިންގަމުން ދާ ކަމުގެ އިހުސާސް ކުރެވެންފެށި، އަހަރެން ރިޒޯޓަށް އައިސް ގުޅާލިއަސް ދަރިފުޅުގެ ވާހަކަ އެކަނި ދައްކާ ލުމަށް ފަހު އަވަސް އަވަހަށް ފޯނުވެސް އޭނަ ބާއްވާނެ. ރޭގަނޑު ގުޅިއަސް ވަރުބަލިވެގެން ކުއްޖާ ގޮވައިން ނިދަނީ ކަމަށް ބުނެ ފޯނު ކަނޑާލާނެ. އަހަރެން ވެސް ގަބޫލުކޮށްގެން ހުރީ ކުޑަކުއްޖެއް ގޮވައިން އެކަނި އުޅޭއިރު ވަރުބަލި ވެ ނިދަން ބޭނުންވެގެން ނިދަނީކަމަށް.
އެހެންވެ އެކަމާ އެއްވެސް ޝަކުވާ އެއް ނުކުރަން. އާދައިގެ މަތިން އަހަރެން އޮފްޑޭ އަކަށް އައިސް ހުރި ދުވަހެއްގައި އަހަރެން އޭނަގެ ފޯނު ބަލާލީ، އެދުވަހަކީ އަހަރެން ދުވަހަކު ވެސް ބަލަން ބޭނުންވި ދުވަހެއްވެސް ނޫން ގަބޫލު ކުރަން ވެސް ބޭނުންވި ކަމެއް ނޫން. އެކަމަކު އަހަންނަށް ފެނުނީ އެހެން ފިރިހެނަކަށް އޭނަ ފޮނުވާފަ ހުރި އޭނަގެ ހުތުރު ފޮޓޯތަކެއް. މިހެން ބުނީމަ ވިސްނާލާ އެއީ ކޮންކަހަލަ ފޮޓޯތަކެއްތޯ. އަހަރެންގެ އަނބިމީހާގެ ހަށިގަނޑު އަހަންނަށް ވުރެން ބޮޑަށް ވަކި އިންގޭނީ ވެސް ކާކައް.“ މިހެން ބުނެވުނު ތަނުން އޭނާ އަށް ރޮވެން ފެށިއެވެ.
ރޮމުން ގިސްލަމުން އަނެއްކާވެސް އޭނާ ކިޔައިދޭން ފެށިއެވެ.
“އަހަރެންގެ އަންހެނުންގެ ފޯނުން އެހެން މީހަކާ ޗެޓުކޮށް ދައްކާފަ ހުރި ވާހަކަ ތަށް އަހަރެން ދެކުނިން އެކަކު އަނެކަކަށް ފޮނުވާފާ ހުރި ފޮޓޯތަށް ވެސް ހުރި. އެ ޗެޓް ކިޔާލީމަ އަހަރެން ފުރައިން ރިޒޯޓަށް އަނބުރާ ދިޔައިމަ އެމީހަކު ގެޔަށް ވައްދާ ކަންވެސް އެނގުނު. ތަފާތު އެކި ގެސްޓް ހައުސް ތަކުންނާ ގެތަކުން ބައްދަލު ކޮށްފައި ހުރި ކަން އެނގުނު. އަހަރެން ހުއްޓަސް އެ ދެމީހުން ކޮފީ ތަކަށް ގޮސް އުޅެފައި ހުރި ކަން ވެސް އެނގުނު. ބައްދަލު ނުކުރެވެންޏާ ދަންވަރު ފޯނުން ގުޅައިން ވާހަކަ ދައްކާފަ ހުރި ކަންވެސް އެނގުނު. އަހަރެންގެ ހިތްފަޅައިން ދިޔަކަހަލަ. މީހާ މޮޔަ ނުވީ ކިރިޔާ ، އެހާ ލޯބިވާ އަމިއްލަ ނަފްސަށް ނުކުރާ އިތުބާރު ކުރި އަނބިމީހާގެ ފަރާތުން އެއަމަލު ފެނުނީމަ އިންތިހާޔަށް ދެރަވި.” ރޮމުން ރޮމުން އޭނާ ކިޔައިދިނެވެ.
"މިހާރު ކޮބާ އެ މައްސަލަ ކިހިނެއް ނިންމީ ވަރި ކުރީތަ؟“ އޭނާ ވެފައިން ދެރަ ފެނިފައި، އެކިޔައިދިން ވާހަކަ ތަކުން އަހަރެން ހީކުރީ ވަރި ކޮށްލީ ކަމަށެވެ. ނަމަވެސް އެހެނެއް ނޫނެވެ.
“ވަރި އެއް ނުކުރަން އަދި، އެފަހަރު އެހެން ފަޅާ އެރީމަ އެއްބަހެއްވެސް ނުވޭ ސުވާލު ކުރީމާ. ތަކުރާރު ކޮށް ދޮގު ހެދި އަދި އޭނާގެ ފޯނުގައި އަތްލީތީ ބޮޑު ކަންތަށް ގަނޑަކަށް ހަދައި ޒުވާބު ކުރަން ފެށި، އޭނަ ހީކުރީ އޭގައި ދައްކާފަ ހުރި ވާހަކަތައް އަހަރެން ނުކިޔާ ކަމަށް އެކަމަކު އެވަގުތު އަހަރެން ވެސް ރުޅިގަދަވި، ކުށެއް ކޮށްފައި އަމިއްލައަށް ކުށްފޮރުވަން އެހެންކަމެއް މަތި އަޅުވާ ރުޅިގަދަވަގެން އޭނަ ޒުވާބުކުރަން ފެށީތީ މާބޮޑަށް ރުޅިގަދަވި، އެފަހަރު މަޑު ނުކޮށް އަހަރެން ފުރައިން ރިޒޯޓަށް ދިޔައީ ކޯޓަށް ވަރިވާން އެދި ފޯމުލާނެ ވާހަކަ ބުނެފަ، އެކަމަކު ފުރައިން ދިޔައިމަ އަހަންނާ ދިމާލަށް އެއްޗެތި ގޮވާ ވަރި ކޮށްލައިފި ނަމަ ދަރިވެސް ނުދައްކާނެ ކަމަށް ބުނެ މެސެޖް ކުރަން ފެށި. އަހަރެންގެ ދަރިފުޅަކީ އަހަރެންގެ ދެލޮލުގެ ނޫރު ދަރިފުޅުނެތް ނަމަ އޭނަ ވަރިކޮށްލިތާ މިހާރު ކިތައްމެ ދުވަހެއް. އަދި ވެސް އެމީހަކާ އޭނަ އޭރުވެސް އޮތް ގުޅުން މިހާރު ވެސް އޮންނަކަން އިނގޭ. އެ ފިރިހެން މީހާ އަކީ ސިޔާސީ އިސްމަގާމެއްގައި ހުރިމީހެއް. އެ ފިރިހެނަކަށް ވެސް އިނގޭނެ މިކަންތަށްތަށް އަހަންނަށް ފަޅާއެރިކަން އޭނަވެސް މީހަކާ އިންދެގެން ދަރިއަކާ އަންބަކު ހުރޭ މިކަމެއްފެށި އިރު ވެސް މިހާރު އެ ދެމީހުންގެ ގުޅުމަށް ތިން ހަތަރު އަހަރެއް ވަރު ވެދާނެ. އަހަރެންގެ އަންހެނުން އަބަދު ވެސް ބުނަނީ މިހާރު ވާހަކަ އެއް ނުދައްކަމޭ ގުޅުމެއްނެތޭ އެކަމަކު އެފަހުން ވެސް އެތަށް ފަހަރަކު ފަޅާއެރި އަހަންނަށް” އޭނާ ބުންޏެވެ.
“ދެން ތިހުރިހާ ކަމެއް އިނގޭ އިރު ތިހުންނަނީ ކީއްކުރަން؟“ ހައިރާން ކަމާ އެކު އަހަރެން ސުވާލު ކުރީމެވެ.
“ހަމަ އެކަނި ދަރިފުޅަށްޓަަކާ، ވަރި ކުރަން އުޅޭއިރަށް ދަރިފުޅު ނުދައްކާނެ ކަމަށާ ދަރިފުޅާ އެއްކޮށް ދުރުކޮށްލާނެ ކަމަށް ބުނެ ބިރު ދައްކާނެ. އަހަރެންގެ ހުންނަނީ އަންހެން ދަރިއެއް. އަދި ވަރަށް ކުޑަ، އެ ދަރިފުޅު ނުލާ އަހަންނަށް ހަމަ ޖެހިގެން ނޭވާ ވެސް ނުލެވޭނެ ކަން އޭނަ ދަންނާނެ. އެހެންވެ ދަރިފުޅު އަދި ކުޑަވީމަ ނުކުރެވިފަ މިހުރީ” ގޮތް ހުސްވެފަ އިންނަ މީހެއްގެ މިސާލުން ކަރުނަ ފޮހެލަމުން އޭނާ ކިޔައިދިނެވެ.
މީ މިހާރަކަށް އައިސް އާންމުކޮށް ހިނގާކަމެކެވެ. މި ނޫނަސް ގާތް އެތައްބަޔަކު މިކަހަލަ އެތައް ކަމެއް ތަހައްމަލް ކުރަމުން އެބަދެއެވެ. އެއިން ކޮންމެ މީހަކު ވެސް ވަރި ނުކޮށް ހުންނަ ސަބަބަކީ ދަރިފުޅު ކުޑަވީމަ ދަރިފުޅާ ދުރައްދާން ޖެހިދާނެތީ ކަމުގައި ބުނެއެވެ.
މި ފަދަ ފާހިޝް އަމަލުތައް ކުރަމުން ދާއިރު ދަރިފުޅުގެ މުސްތަގު ބަލަށް މި ހާލަތުގައި ވިސްނަން ޖެހެނީ ހަމަ އެކަނި ބައްޕަ ތޯ އަހަރެންގެ ހިތަށް އެރިއެވެ. ފިރިމީހާ އަށް ސިއްރުން ހިލޭ ފިރިހެނުން ގެންގުޅެން ޖެހިލުން ވެސް ނުވަނީ ބާއޭ އެކަމުގެ ސަބަބުން ލިބިދާނެ ފާފައަށް الله އަށް ބިރުވެތި ނުވަނީ ބާއޭވެސް އަހަރެން ގެ ހިތަށް އަރައެވެ.
ތިމާ އެކައިވެންޏެއް މަތީގައި އިނުމަށް ހިންހަމަ ނުޖެހޭނަމަ ރީތިގޮތުގައި ދުރަށް ދިއުން މާ ބުއްދިވެރިއެވެ. އަދި އެފަދަ އަމަލުތައް ކުރާ އަނބިމީހާ ނުވަތަ ފިރިމީހާ އެ އަމަލެއް ކުރުމުން ތަކުރާރުކޮށް ނަސޭހަތް ދީ އެކުގައި އުޅެން މަސައްކަތް ކުރުމުން ވެސް އިސްލާހު ނުވެއްޖެ ނަމަ އެ ދިރިއުޅުމަކުން ދުރަށް ދިއުމަށް ވުރެން މޮޅު އެވެސް ގޮތެއް ނޯންނާނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ބައެއް އަންހެނުންނަށް މަގު އޮޅިގެން ދަނީ ޖާހިލު ފިރިހެނުން ގެ ފަރާތުން ދެއްވާ ޖަރާސީމު ދަޢުވަތު ގަބޫލް ކުރާތީވެ ހިތުގެ އަގީދާ ބަލިކަށިވެގެން
އޭނަ ދަރި ނުދެއްކިއަސް ނުދިނަސް ކޯޓުގައި އެދުމުން ވަރިކުރާއިރު ބައްޕަ އަށް އެކަން ހަމަޖައްސާނެ(.) ތި ދިރިއުޅުމުން ދުރަށް ދިޔައީމަ މާ ހިތްހަމަޖެހޭނެ (.) ފިރިމީހާ ފާފަވެރިވާނެ އަނބިމީހާ އެހެން އުޅޭކަން އެނގޭއިރު ކާވެނިމަތީގައި ގެންގުޅަންޏާ
Sarukaarunn hamajahhsaafiii ekanii verii mainn nahh ithuru 12 haass adhii 2 kotariige apartment kihaa beynunn vaane