ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ވެލެންސިއާއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަހުރި ކަމަށާއި، އެ ފައިސާ ނުލިބިވަނީ ޔޫތް މިނިސްޓްރީގެ އިހުމާލުންކަމަށް ވެލެންސިއާއިން ތުހުމަތުކޮށްފިއެވެ.
ދިވެހި ޕްރިމިއާ ލީގްގައި ބާކީ ހުރި މެޗްތައް ނުކުޅެން ނިންމި މައްސަލާގައި ވެލެންސިއާއިން ނެރުނު ބަޔާނެއްގައި މިއަދު ބުނީ، ކަމާއި ގުޅުންހުރި އިދާރާތަކުން ވެލެންސިއާއަށް މިދިޔަ އަހަރާއި މިއަހަރު ލިބެންޖެހޭ ވަރަށް ގިނަ ފައިސާ އެބަހުރިކަމަށެވެ.
މިގޮތުން މިދިޔަ އަހަރުގެ އޮގަސްޓްމަހު ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވަން ނިންމެވި އެއްމިލިއަން ރުފިޔާވެސް އަދި މިހާތަނަށް ކްލަބަށް ލިބިފައި ނުވާކަމަށެވެ. މީގެ ތެރެއިން ވެލެންސިއާއަށް ލިބިފައިވަނީ 250،000 ރުފިޔާއެވެ.
މިކަމާއި ގުޅޭގޮތުން ވެލެންސިއާއިން ޔޫތް މިނިސްޓްރީއަށް ސިޓީ ފޮނުވުމުން އެ މިނިސްޓްރީން ބުނެފައިވަނީ ފައިސާ ނުދެވި ވަނީ ބަޖެޓް ތާށިކަން ހުރުމުގެ ސަބަބުން ކަމަށެވެ.
ވެލެންސިއާއިން ބުނީ ސީޒަން ފެށުމުގެ ގޮތުން ބައެއް ކްލަބްތަކަށް ފައިސާ ދިބް ނަމަވެސް އެ ކްލަބަށް މިހާތަނަށް ފައިސާ ލިބިފައި ނުވާކަމަށާއި، ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުން ޔޫތް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާކަމަށެވެ.
ވެލެންސިއާއިން ބުނީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅުނު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން އެ ކްލަބަށް ލިބެންޖެހޭ 5 ލައްކަ ރުފިޔާވެސް މިހާތަނަށް ދީފައި ނުވާކަމަށެވެ.
މިކަމާއި ގުޅޭގޮތުން ޔޫތު މިނިސްޓްރީއަށް ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބުވެސް ދީފައި ނުވާކަމަށް ވެލެންސިއާއިން ބުންޏެވެ. އަދި މިދިޔަ އަހަރުގެ އޭއެފްސީކަޕް ކުޅުމަށް ވެލެންސިއާއަށް އެހީތެރިވެ ދިނުމުގައިވެސް މިނިސްޓްރީގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ދީފައި ނުވާކަމަށްވެސް ވެލެންސިއާއިން ބުންޏެވެ.
ވެލެންސިއާއިން ވަނީ އެ ކްލަބްގެ މާލީ ހާލަތު މިހާރު ހުރިގޮތުން ދިވެހި ޕްރިމިއާ ލީގުގައި ކުރިއަށްދެވެން ނެތް ކަމަށްވެސް ހާމަކޮށްފައެވެ.