Minivan-logo

English

ހޯމަ, 11 ޑިސެމްބަރ 2023
ހުޅުމާލެ ފޭސް2

ގައުމަށް ބަރު، ބުރަ ހިލޭ ވައުދު!!

ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްޔިތުންގެ ނަޒަރުގައި ގައުމުގެ ރީތިކަމާ ގުޅިފައިވާ އަގުބޮޑު ޓޫރިޒަމާ އެއްވަރުގެ މުއްސަނދި ގައުމެކެވެ. ދިވެހިންނަކީ އެ މުއްސަނދިކަމުގެ ނަސީބުވެރިންގެ ގޮތުގައި ސިފަކުރާ މީހުންވެސް މަދެއްނޫނެވެ. މިއީ ބޭރުފުށުން ފެންނަ ތަސްވީރެކެވެ. ހަގީގަތަކީ ދިވެހި ދައުލަތުގެ ފަގީރުކަން އިންތިހާއަށް ބޮޑުކަމެވެ.

މި ގައުމުގެ މައިގަނޑު އާމްދަނީ ގުޅިފައިއޮތީ މަސްވެރިކަމާއި ޓޫރިޒަމަށެވެ. ދެން އިޖުތިމާއީ މިންގަނޑާ ނުބައްދަލު ޓެކްސްތަކެވެ. އިމްޕޯޓު ޑިއުޓީ ނަގާއިރު، ޖީއެސްޓީ ނަގައި އަދި އެ މިންގަނޑު އުފުލަމުން ދިއުމަކީ ރައްޔިތުންގެ ޖީބަށް ބުރަ ބޮޑުވެގެންދާ ޑަބަލް ޓެކްސްގެ ހަގީގަތެކެވެ.

ގައުމުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް އަދި އިތުރު ވާނެ ފިޔަވަޅުތަކެއް އެޅިފައި ނުވި ނަމަވެސް، ސަރުކާރުތަކުންވަމުން ގެންދާ ހިލޭ ވައުދުތަކުގެ ސަބަބުން ގައުމުގެ މާލީ ބިންގަލުގައި އެދަނީ ރެނދުލަމުން، ހީނަރުވަމުންނެވެ.

ސިޔާސީ ވާދަވެރިކަމުގައި ރައްޔިތުންގެ ރުހުން ގަނެލުމަށް، ހިލޭ ގޯތި، ހިލޭ ބޭސްފަރުވާ، ހިލޭ ޑިގުރީ، މިހެން ގޮސް ދައުލަތުގެ ބަޖެޓުން ހިލޭ ކުރަން ޖެހޭ ހޭދައިގެ ލިސްޓް އެދަނީ ދިގުވަމުންނެވެ. އެއީ ގައުމަށް ލިބޭ އާމްދަނީއާ ނުބައްދަލު ވައުދުތަކެއްކަން ސިޔާސީ ވެރިންނަށް އެނގިތިބެ ވާ ހިލޭ ވައުދުތަކުގެ ސަބަބުން ގައުމަށް އުފުލަން ޖެހިފައިވާ ބަރު އަދި ބުރަކަން އިންތިހާއެވެ.

ތެލާއި މައުދަނާއި އެނޫންވެސް ގުދުރަތީ މުއްސަނދިކަމުގެ އިންތިހާ ގައުމުތަކުގެ ރައްޔިތުންނަށް އެ ސަރުކާރުތަކުން ފޯރުކޮށްދޭ ހިލޭ އެހީގެ ނަމޫނާ ދިވެހިރާއްޖެއަށް ފެތޭނެ ގޮތެއް އަދި ނެތެވެ. ލިބޭ އެއްޗަކަށްވުރެ ހަރަދު ބޮޑުވެ، ދައުލަތުގެ ބަޖެޓު ދަރަނިވެގެން ދިއުމަކީ ދިވެހިންނާއި ދިވެހި ގައުމަށް އޮތް ހިތްދަތިކަމެކެވެ.

ހިލޭ ސިޔާސީ ވައުދުތަކުން ބުރަހެލިވެ، ދަރަނިވެފައިވާ ބަޖެޓަށް އޮތް އެންމެ ބޮޑު އެއް ބިރަކީ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފަހި ސަގާފަތެއް ރާއްޖޭގައި އަށަގެންފައިވާތީއެވެ. ކޮރަޕްޝަން އޭގެ އިންތިހާއަށް ފުޅާވެ، ބަޖެޓުގެ ހަގީގީ މަންފާ ގައުމަށާއި ރައްޔިތުންނަށް ލިބެމުން ނުދިއުމުގެ ނުތަނަވަސްކަން ވެސް އޭގެ އިންތިހާއެވެ. އެއީ އެކަންކަމަށް ފާރަވެރިވެ، ކަންކަން ހަމަ މަގަށް އަޅުވަން ހުރި މުވައްސަސާތަކަށް ވެސް ކޮރަޕްސަނާއި ފަސާދައިގެ ވިހަފަނި ވަދެފައިވާތީއެވެ.

މިއީ ގައުމީ ފެންވަރުގައި މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހިފައިވާ މައްސަލައެކެވެ. ކޮންމެ ކަމެއް ސަރުކާރުން ހިލޭ ކޮށްދިނުމުގެ ވިސްނުމެއް ދިވެހިންގެ ސިކުނޑިތަކަށް ވައްދައި، ކިލަނބުކޮށްލަމުންދާ ސިޔާސީ ހިލޭ ވައުދުތައް ބަޖެޓުގެ ވަކި އިންސައްތައަކަށްވުރެ ބޮޑު ނުވާނޭ ފަދަ ގައުމީ ސިޔާސަތެއް އެކަށައަޅައި ތަންފީޒު ކުރަން ވެއްޖެއެވެ. އެހެންނޫނީ ދިވެހި ދައުލަތަށް އުފުލަން ޖެހިފައިވާ ދަރަނީގެ ބުރަ ކަމަށް ލުޔެއް ނުލިބޭނެއެވެ. އަދި ހަމަ އެއާއެކު ހިލޭ ވައުދުތަކާ ގުޅިފައިވާ ފައިސާއަށް ހިޔާނާތްވުން ހަމައަކަށް ނޭޅުވިއްޖެނަމަ ގައުމުގެ މާލީ ހާލަތު އިތުރަށް ހީނަރުވެ، ރައްޔިތުންނަށް އެއްގޮތަށްވުރެ ގިން ގޮތް ގޮތުން ބުރަ އާއި އުނދަގޫ ތަހައްމަލުކުރަން ޖެހޭނެއެވެ. މިހާރަށްވުރެ މާބޮޑަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *