Minivan-logo

English

ހޯމަ, 11 ޑިސެމްބަރ 2023

ސިޔާސީ ވާހަކަތަކުން "ރެސްޓެެއް ނަގާލާ" އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހުސްކޮށްލަންވީނުން

މިނިމިގެން ދިޔަ ދުވަސްތަކަކީ، ރާޢްޖޭގެ ހުރިހާ ރައްޔިތުންނަށް ހާއްސަކޮށް ސިޔާސީ ކަންކަމުގަ އެކި ދާއިރާތަކުގަ ހަރަކާތްތެރިވާ ފަރާތްތަކަށް، ވަރަށް ބުރަބޮޑު، ސްޓްރެސް ބޮޑު ދުވަސްތަކެކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތަކުން ފެށިގެން، މިއަދާހަމައަށް ވެސް ތާއަބަދު ނޫސްތަކުން ފެންނަ ފަލަސުރުހީތަކަކީ ސިޔާސީ ކޮންމެވެސް ވާހަކަތަކެކެވެ. ކޮފީމޭޒުތަކާއި ބައްދަލުވުންތަކުގެ މައިގަނޑު ސުރުހީއަކީ ސިޔާސީ ވާހަކަތަކެވެ.

އަބަދު މިކަހަލަ ވާހަކަ އަޑުއިވި އެވާހަކަ ދެކެވި އޭގެތެރެއަށް މާ ބޮޑަށް ގޮސް ހުސްވުމުކީ ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ކޮށްފާނެކަމެއްކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. މިފަދަ ދަނޑިވަޅުތަކުގައި، މާބޮޑަށް ސިކުނޑިއަށް ބުރަވިޔަނުދީ، ހިފެހެއްޓުމަށްޓަކާ އަމިއްލަ ނަފްސާ އަޅާލުން ވަރަށް މުހިންމެވެ.

އެގޮތުން ކުރެވިދާނެ ބައެއްކަންކަމަކީ:

ޚަބަރުބެލުމާއި ސޯޝަލް މީޑިއާ ބޭނުންކުރާމިންވަރު މަދުކުރުން

މީޑިއާ ގައި ހުންނަ އެއްޗަކުން ހާސްކަން އިހުސާސް ކުރެވޭނަމަ ފޭސްބުކް، ޓްވިޓާ އަދި ސޯޝަލް މީޑިއާގެ އެހެން މަސްދަރުތައް ބޭނުންކުރުން މަދުކޮށްލާށެވެ. މީގެ ތެރޭގައި ޓީވީން އަންނަ ޚަބަރު ބެލުންވެސް ހިމެނެއެވެ. ހާއްސަކޮށް ހަމަ ފެންހާ ކޮންމެ ހަބަރެއް ކިޔުން ހުއްޓާލަންވީއެވެ. ވާނުވާ ބެލުމަށްޓަކާ އިތުބާރުހުރި  ޕޮޒިޓިވް ހަބަރު ކިޔާލެވިދާނެއެވެ. އަދި ފޫހިފިލުވާލުމަށްޓަކާ، އެކި ކަހަލަ އުފާވެރިކަން ގެނެސްދޭ ހަބަރާއި މައުލޫމާތު ކިޔާލެވިދާނެއެވެ.

ވަގުތު ހުސްކުރުން

ވަޒީފާގައި މަސައްކަތް ކުރަމުން ދާއިރު، ކުދި ބްރޭކް ނެގުމާއި، ކިޔަވާ އިރުވެސް ބްރޭކް ނެގުމާއި، އެނަގާ ބްރޭކް ތަކުގައި ހިންހަމަޖެހޭކަހަލަ ކަމެއް ކޮށްލުން، މިސާލަކަށް ލޯބިވާ މީހަކާ އުފާވެރި ވާހަކައެއްދައްކާލުން ފަދަކަންކަން ކުރެވިދާނެއެވެ.

ރިލެކްސޭޝަން ޕްރެކްޓިސްކުރުން

ގަޑީންގަޑިއަށް ފަސްނަމާދު ކުރުމަކީ އެހެން ހުރިހާކަމަކުން ޑިސްޓްރެކްޓެވެ، ރޫހާނީ އަދި ނަފްސާނީ ގޮތުން މަޑުމައިތިރުކަން ގެނެސްދޭކަމެކެވެ.

އޭގެ އިތުރުންު ޤުރުއާނކިޔެވުން، ހިނގާލަންދިއުން، މެޑިޓޭޝަން، ނޭވާލުމުގެ ކަސްރަތު، މިއުޒިކް، ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުން، އެގޮތުން އިރުއަރާ އަދި އިރު އޮއްސޭ މަންޒަރު ބަލާލަން ދިއުން ފަދަ ކަންކަންކުރެވިދާނެއެވެ. 

ކަސްރަތު ކުރުމާއި ހަރަކާތްތެރިވުން

މީހާ ސްޓްރެސް ވުމުން ހަށިގަނޑުގެ މަސްތައް ޓެންޝަން ވެއެވެ. ޓެންޝަން ފިލުވާލާ ހަރަކާތްތަކާ ކަސްރަތުތަކަކީ ނޭދެވޭ ޖަޖުބާތުތަކާއި ބޭކާރު ވިސްނުންތަކަށް ފުރުސަތުކުޑަވެ، ސިކުނޑިއަށް ލުއިވާކަމެކެވެ. 

ގުޅުންތައް ދެމެހެއްޓުމާއި 'ހެލްދީ ކޮމިއުނިކޭޝަން' އަދި އިޖުތިމާއީ ކަންކަމުގަ ހަރަކާތްތެރިވުން 

އަމިއްލަ ހިޔާލުތަ ކާއި ޖަޒުބާތު މީހުންނާ ހިއްސާކުރުމަކީ ވަރަށް ހިންހަމަޖެހުން ގެނުވާ ނަފްސަށް ލުއި ލިބޭ ކަމެކެވެ. މުޖުތަމައުގައި ކޮންމެވެސް ރަނގަޅު ކަމެއްގައި ބައިވެރިވެލާ، މީހުނަށް އެހީތެރިވެދީ އުޅުމަކީ ވެސް ހިތަށް ހަމަޖެހުން ލިބޭކަމެކެވެ. އެގޮތުން، މިސާލަކަށް، ބަލިކުއްޖަކަށް ކުޑަނަމަަވެސް އެހީއެއްވެލުން، ވޮލަންޓިއަރެއްގެ ގޮތުން، ޖަމިއްޔާއަކާގުޅިގެން ވަގުތުވީވަރަކުން މަސައްކަތްކޮށްލުން ހިމެނެއެވެ.

ނުވަތަ ތިމާ ގަބޫލުކުރާ ރަނގަޅުކަމެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ދައްކާލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އެހެން ނަމަވެސް އެހެން މީހުންނަށް ފާޑުކިޔުމާއި ފިތުނަ އުފެދިދާނެކަހަލަ ވާހަކަ ފެތުރުމުން ދުރުވެގަންނާށެވެ.

މީހުންގެ ވާހަކަދައްކާ، ނެތިމޮށި، ދޮގުފަތުރާ މީސްމީހުންނާ ދުރުވާށެވެ. އެއީ ވަަރަށް މަޖާކަމަކަށް ބައެއްމީހުން ހަދައެވެ. އެކަަމަކު އެހެންމީހުންގެ ވާހަކަދެއްކުމަކީ ތިމާއަމިއްލައށް ނޭގި ނަމަވެސް ސްޓްރެސްގެ ތެރެއަށް ހުށަހެޅިގަތުމެވެ.

އިތުރު ހަރަކާތްތަކާއި ކަންކަން ކުރުން 

އާއިލާއާއި އެކު ނުވަތަ ރައްޓެހިންނާއި އެކު ކައިރި ތަަނަކަށް ދަތުރުގޮސްލުމަކީ ވެސް ވަރަށް މުހިންމުކަމެކެވެ، ނުވަތަ މޫދަށް ގޮސްލުން ކަހަލަ ކަމެއްވެސް ކުރެވިދާނެއެވެ. ލޯބިވާ މީހުންނާއެކު ހާއްސަ ކަންތައްތައް ވެސް ކުރެވިދާނެއެވެ. މިސާލަކަށް ވީޑިއޯގޭމް ކުޅެލަން އެއްވެލުން، ކަރޯކޭއެއް ޖައްސާލުން، ބާބަކިއުއެއް ހަދާލުން ފަދަ ކުދިކުދިކަންކަމުން ވެސް ނިކަން ހިންހަމަޖެހިން ލިބިދެއެވެ.

އަމިއްލަ ނަފްސު އިސްކުރުން 

ސްޓްރެސް ފިލުވުމުގެ އެންމެ މުހިންމު ކަމަކީ، އަމިއްލަ ނަފްސު އިސްކޮށް ކުރެވޭކަންކަމެވެ. އޭގެ މާނައަކީ ސެލްފިޝް ނުވަތަ އަމިއްލަ އެދުން ބޮޑުވުމެއްނޫނެވެ. ތިމާ ތިމާއާ މެދު އަޅާނުލި ވަރަކުން އެހެން މީހަކު އަޅާނުލާނެކަން ދަނެ، އަމިއްލަ އަށް ބާރުވެރި ވުމެވެ. އެހެން މީހުން އައިސް، ތިމާގެ ކަންކަމުގައި ފާޑުކިޔާހެދުމުގެ ފުރުސަތު ނުދޭށެވެ. އެފަދަ މީހުން ދުރުކުރަން ދަސްކުރާށެވެ. ހަށިގަނޑާއި، ރޫހާއި ސިކުނޑިއަށް ފައިދާކުރާކަހަލަ ކަންކަން ކުރާށެވެ. އެގޮތުން ރަނގަޅު ކާނާ ކެއުމާ، ކަސްރަތުކުރުމާ، ނިދި ހަމަކުރުމާ، ނަމާދުކުރުމާ، ހުސްވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ކުރުމާ، ކޮންމެ ދުވަހަކު ވެސް އަމިއްލަ ނަފްސަށް އެކަނި ވަގުތުކޮށްޅެއް ހުސްކޮށްލާ ކުރާހިތްވާ ކަމެއްކުރުން މުހިންމެވެ. މިގޮތަށް ކަންތައް ކުރެވިއްޖެ ނަމަ ހަލަބޮލި ދުވަސްތަކުގެ ސަބަބުން ލިބޭ ނުތަނަވަސްކަމާއި ސްޓްރެސްއިން ދުރުވެވި ހަމަޖެހިލެވޭނެއެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *