ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއަށްއޮތް ތަނުގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ އިންޑިއާގެ އާއްމު އިންތިހާބުގައި އެމަނިކުފާނު ނިސްބަތްވާ ކޯލިޝަނަށް ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖާއި ގުޅިގެނެވެ.
ރައީސްގެ މެސެޖާއި ގުޅިގެން މޯދީ ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. މޯދީ ވިދާޅުވީ ރާއްޖެއަަކީ އިންޑިއާގެ އަވަށްޓެރިއެއްގެ އިތުރުން، ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
Thank you President @MMuizzu. Maldives is our valued partner and neighbour in the Indian Ocean Region. I too look forward to closer cooperation for further strengthening our bilateral ties. https://t.co/CMtAWD0pGB
— Narendra Modi (@narendramodi) June 5, 2024
ރައީސް މުއިއްޒުގެ އިތުރުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީން ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ މޯދީގެ ލީޑަރޝިޕްގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަދި ނައިބު ރައީސްގެ ތަހުނިޔާގެ މެސެޖަށްވެސް މޯދީ ވަނީ ޝުކުރު ދަންނަވައި، ދެގައުމުގެ ގުޅުން ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
Appreciate your kind message Vice President @HucenSembe. We will continue to work together to deepen bilateral partnership. https://t.co/CIyX1rj2El
— Narendra Modi (@narendramodi) June 5, 2024
އޭގެ އިތުރުން، ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވެސް ވަނީ މޯދީ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯދީގެ ޒައާމަތުގައި، އިންޑިއާ އިން ރާއްޖޭގެ އިތުރުން މުޅި މި ސަރަހައްދާއި އޮތް ގުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބުން ލިބުނު ކާމިޔާބީއާ އެކު މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ މެސެޖަށް ޝުކުރު ދަންނަވަމުން މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑީއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަަށް ބަދަހިކޮށް ތަރައްގީ ގެނައުމަށް މަސައްކަތްކޮށްދޭނެ ކަމަށެވެ.