އއ. ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީ މުޒާހަރާކޮށް އެ އިމާރާތަށް ގެއްލުން ދިން މައްސަލާގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
މިނިވަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އަށް މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ރައްޔިތުންތަކެއް ނިކުމެ މުޒާހަރާކުރީ ހުސްވި ހަފްތާގެ ބުދަ ދުވަހު އެވެ. މުޒާހަރާކުރި މީހުން ވަނީ ކައުންސިލް އިމާރާތަކަށް ގާއުކުފާ އެވެ. އަދި އިމާރާތުގެ ބިއްލޫރިވެސް ތަޅާލާފަ އެވެ.
އެ ތަނަށް އެއްވި މީހުން އަމަލުކުރި ގޮތުން މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށްވެސް އަނިޔާވި އެވެ. ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެ އޮފިސަރު ވަނީ ދޫކޮށްލާފަ އެވެ.