logo minivan

English

ހޮނިހިރު, 06 ޖުލައި 2024

ޔަހޫދީންގެ އުދުވާން އިތުރަށް ވަރުގަދަކުރުމުން ދުނިޔޭގެ ނުރުހުން އިޒްރޭލަށް

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީންގެ އުދުވާން އިތުރަށް ވަރުގަދަކުރުމުން ދުނިޔޭގެ ނުރުހުން އިޒްރޭލަށް އަމާޒުވެއްޖެއެވެ.

އެގޮތުން ޣައްޒާގެ އަލް-ނުޞަޔިރާތް ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި ޝަހީދުކޮށްލި މީހުންގެ ޢަދަދު 274އަށް ވަނީ އުފުލިފައެވެ. މިއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ދީފައިވާ ޙަމަލާތަކެކެވެ. މި ޙަމަލާތަކާ އެކު, ޔަހޫދީންނަށް ވަނީ މުޅި ދުނިޔޭގެ ނުރުހުމާއި ފާޑިކިޔުން އަމާޒުވެފައެވެ.

ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ރަޙުމު ކުޑަ ޙަމަލާތައް ދީފައި މި ވަނީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން އެންމެ ހަތަރު މީހުން ސަލާމަތް ކުރުމުގެ ނަމުގައެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ޔަހޫދީންގެ އަނިޔާވެރި ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 698އަށް އުފުލިފައިވާ ކަމުގައެވެ. އެ މީހުންނަށް ފަރުވާ ދޭން ޣައްޒާގެ ހަސްފަތާލުތަކުން ދަނީ ދަތި ހާލުގައި މަސައްކަތް ކުރަމުންނެވެ.

ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, އަމިއްލަ ވަޒަން ގެއްލިފައިވާ ރެފިއުޖީން ދިރިއުޅެމުން ދިޔަ ފޭލިގެ ކޭމްޕުތަކާއި ވަގުތީ ހިޔާތަކުގެ އިތުރުން އެ މީހުންގެ ގެދޮރަށެވެ. މި ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުން ޝަހީދުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެންނަމުންދާ ކަމުގައި ޞިއްޙީ ވުޒާރާއިން ބުންޏެވެ. މިއާ އެކު, މި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ފަލަސްޠީނުގެ ރެފިއުޖީންގެ ތެރެެއިން އެތަކެއް ސަތޭކަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ޝަހީދުކޮށްލި ޙަމަލާތަކުގެ މައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައި, އެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާ ވިދާޅުވިއެވެ. ޙަމާސުން ބުނީ, ނުޞަޔިރާތަށް ރަޙުމު ކުޑަ އަދި އަނިޔާވެރި ޙަމަލާތަކެއް ދިނުމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ބައިވެރިވެފައިވާ ކަމުގައެވެ.

ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތައް ކުށްވެރި ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު, ޖޮސެފް ބޮރެއި ހިމެނެއެވެ. އޭނާ ވިދާޅުވީ, ޣައްޒާއަށް ޙަމަލާދީ ގިނަ ޢަދަދެއްގެ ޢާންމުން ގަތުލުކޮށްލި ޙަމަލާގެ ރިޕޯޓުތަކާ މެދު ކަންބޮޑުވާ ކަމުގައެވެ. އަދި, އެ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމުގައެވެ.

ނުޞަޔިރާތުގައި ހިންގާފައިވާ ލާއިންސާނީ ގަތުލުއާންމު ކުށްވެރިކޮށް, 57 މެންބަރުން ހިމެނޭ އިސްލާމީ ޤައުމުތަކުގެ ގުޅުން, އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯއައިސީ)ން ވަނީ އެ ޙަމަލާތަކުގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ގޮވައިލާފައެވެ. އަދި, އެ ޙަމަލާގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް, ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް ޙައްޤު އަދަބު ދިނުމަށް ވެސް އޯއައިސީން ވަނީ ގޮވައިލާފައެވެ. ޢަރަބި ޤައުމުތަކުން ބުނީ, ޔަހޫދީންގެ އިތުރުން އެމެރިކާއިން އެ ޙަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭނެ ކަމުގައެވެ.

ތުރުކީވިލާތުން ބުނީ, ނުޞަޔިރާތުގައި ޔަހޫދީ ފައުޖުން ހިންގާފައި ވަނީ "އިންސާނިއްޔަތު ކަމެއް ނެތް" ހަނގުރާމައިގެ ކުށްތަކެއް ކަމުގައެވެ. އަދި, ބައިނަލްއަޤުވާމީ ސުލްޙައާއި ހަމަޖެހުން ކަށަވަރު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާތަކުން, ޚާއްޞަ ގޮތެއްގައި އދގެ ސަލާމަތީ މަޖިލީހުން, އެ ޒިންމާތައް އަދާ ކުރުމަށް ވެސް ތުރުކީވިލާތުން ގޮވައިލާފައިވެއެވެ. އަދި, ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ވެސް ތުރުކީވިލާތުން އދގެ ސަލާމަތީ މަޖިލީހަށް ގޮވައިލިއެވެ.

އީރާނުން ވެސް ވަނީ, ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމު ހުއްޓުވަން ޤައުމުތަކާއި އދގެ ސަލާމަތީ މަޖިލީހުން ފޭލުވެފައިވާ ކަމުގައި ބުނެފައެވެ. "ޔަހޫދީން މި ފަދަ ލާއިންސާނީ ކުށްތައް ހިންގަމުން ދަނީ, އެ ކަން ހުއްޓުވަން ޤައުމުތަކާއި އދގެ ސަލާމަތީ މަޖިލީހުން އެއްވެސް ފިޔަވަޅެއް ނާޅާތީ،" އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު އަލް-ކަންޢާނީ ވިދާޅުވިއެވެ. އުރުދުނާއި މިޞްރުން ވެސް ވަނީ ނުޞަޔިރާތަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވީ, ފަލަސްޠީނުގެ ޢާންމުންގެ އެތަކެއް ސަތޭކަ ބަޔަކު ޝަހީދުކޮށް, އެ މީހުންގެ ފުރާނަ ޔަހޫދީ ފައުޖުން ނަގައިލަމުންދާ ކަމުގައެވެ. ޔަހޫދީ ފައުޖުން ޣައްޒާގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ އދގެ 188 މުވައްޒަފުންގެ ހަނދާނުގައި އދއިން ދާދި ފަހުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

މީގެ އިތުރުން, ނުޞަޔިރާތު ރެފިއުޖީ ކޭމްޕުގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމު ކުށްވެރި ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އދގެ އެހީދޭ ޖަމުޢިއްޔާގެ ވެރިޔާ މާޓިން ގްރިފިތްސް, ފަލަސްޠީނުގައި ހުންނަ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާގެ އޮފީހުުގެ ކުރީގެ ވެރިޔާ ސޯލް ތަކަހަޝީ, އަދި ފަލަސްޠީނަށް އދއިން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރެޕޯޓަރ ފްރަންޗެސްކާ އަލްބެނޭޒޭ ހިމެނިވަޑައިގަންނަވައެވެ.

މީގެ ހަތް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,084އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 84,494އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *