logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ޔޫރޯ 2024- ފްރާންސް

އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ދެކޭ އެއް ޓީމަކީ ފްރާންސެވެ. ފްރާންސަކީ، ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު އަދި ޔޫރޯ ފުޓުބޯޅަ މުބާރާތްވެސް ދެފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އަދި، ފީފާގައި ރަޖިސްޓްރީކުރެވިފައިވާ ބައިނަލް އަޤްވާމީ ސީނިއަރ ހުރިހާ ފުޓުބޯޅަ މުބާރާތެއް ކާމިޔާބުކުރި މަދު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ.

ދުނިޔޭގެ ފުޓުބޯޅައިގާ ފްރާންސަކީ ގަދަ ބާރެކެވެ. ޚާއްޞަކޮށް ޔޫރަޕް ސަރަޙައްދުގައިވެސް ފްރާންސްގެ ފުޓުބޯޅައިގެ ނުފޫޒު ވަރަށް ގަދައެވެ. ދުނިޔޭގެ ގަދަ 5 ފުޓުބޯޅަ ލީގަށް ބެލިކަމުގައިވިއަސް، އެކަން ކިތަންމެހާވެސް ސާފުވެގެންދެއެވެ. 1998 ވަނަ އަހަރުން ފެށިގެން މިވީ 25 އަހަރު ތެރޭގައި ބައިނަލް އަޤްވާމީ އެންމެ ގިނަ ފައިނަލްގައި ވާދަކުރި ހަމައެކަނި ޓީމަކީ ފްރާންސެވެ.

ފުޓުބޯޅައިގެ ޙާލަތު:

ފްރާންސްގެ ފުޓުބޯޅައިގެ ރަސްގެފާނު ޒައިނުއްދީން ޒިދާނަށްފަހު، ފްރާންސް ޓީމުގެ ތެރޭގައި އެތަކެއް މައްސަލަތަކެއް ޖެހިފައިވެއެވެ. 2008 އަދި 2010 އަދި 2012 ވަނަ އަހަރާއި ހަމައަށް ފްރާންސްގެ ފުޓުބޯޅައިގެ ނާކާމިޔާބު ދުވަސްވަރަކީ، ޓީމުތެރޭގެ ބައިބައިވުން އުފެދުމުގެ ނަތީޖާއެވެ. އެހެން ނަމަވެސް، ފްރާންސްގެ ކުޅުންތެރިންނަށް ލިބިފައިވާ ފުޓުބޯޅައިގެ އާދަޔާ ޚިލާފު ހުނަރު ދެނެގަނެ، މިހާރުގެ ކޯޗު ޑިޑިއަރ ޑެޝޯމްޕްސް 2012 ވަނަ އަހަރު ޓީމާއި ހަވާލުވެ، ފުޓުބޯޅައިގެ މުޅިން އައު ހަރުފަތަކަށް ފްރާންސް ފުޓުބޯޅަ ގެންގޮސްދިނެވެ. މިވީ 10 ވަރަކަށް އަހަރުތެރޭގައި ފްރާންސުން ދުނިޔޭގެ ފުޓުބޯޅައިގާ ހޯދާފައިވާ ކާމިޔާބުތަކުން އެކަން ކިތަންމެހާވެސް ސާފެވެ. އެޤައުމުގެ ވަޅު ޖެހިފައިވާ ފުޓުބޯޅަ ނަގައި ކޮޅަށްޖަހައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ގަދަ ބާރުގެ ގޮތުގައި ފްރާންސް ޓީމު ހަދައިދީފައިވެއެވެ. މިފަހަރު ފްރާންސްގެ ޓީމު ބިނާވެފައިއޮތީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕާއި، 2021 ވަނަ އަހަރުގެ ޔޫރޯ އަދި 2022 ވަނަ އަހަރުވެސް އެޓީމުގައި ކުޅުނު މެޖޯރިޓީ ކުޅުންތެރިންގެ މައްޗަށެވެ.

މުހިންމު ކުޅުންތެރިން:  

ފްރާންސްގެ އެންމެ މުހިންމު ކުޅުންތެރިއަކަށް ހުރީ ކެޕްޓަން އެމްބާޕޭކަމާމެދު އެކަކުވެސް ދެބަހެއް ނުވާނެއެވެ. އެމްބާޕޭ ޔޫރޯއަށްދަނީ ރަނގަޅު ފޯމެއްގައިހުރެއެވެ. ފްރާންސްގެ ޕްލޭމޭކަރަކީ، އެތުލެޓިކޯ މެޑްރިޑްގެ އަބަދަށްފެހި އެންޓޮއިން ގްރިޒްމަނެވެ. ގްރިޒްމަނަކީ ޓީމުގެ ހަމަލާތަކުގެ މޭސްތިރިއެވެ. ފްރާންސްގައި ގްރިޒްމަންގެ ވަނަމަކީ "ގްރިޒޫ" އެވެ. އެއީ، ޒިދާނުގެ ނަމާއި ގުޅުވައި ދެވިފައިވާ ނަމެކެވެ. މެދުތެރެއިން އެންމެ މުހިންމު ރޯލެއް އަދާކުރާނީ، އެންގޯލޯ ކާންޓޭއެވެ. 2 އަހަރަށްފަހު ފްރާންސް ޓީމާއި ކާންޓޭ ގުޅުނަސް، އެކުވެރިކަމުގެ ދެމެޗުގައިވެސް ކާންޓޭ ފެނުނީ ތަފާތު މޮޅުކޮށެވެ. ޑިފެންސްގައި އެންމެ މުހިންމު ކުޅުންތެރިއަކަށްހުރީ ވައަތު ބެކް ތިއޯ ހެނާންޑޭޒްއެވެ. ފްރާންސްގައި ވަކި ޑިޕާޓްމެންޓެއް ދަށޭ ބުނެވޭކަށްނެތެވެ. ޓީމުގެ ހުރިހާ މަޤާމެއްގައިވެސް ތިބީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނެވެ. ފޯވާޑު ލައިނަށް އެކަނި ބެލިނަމަވެސް، އެމްބާޕޭ، ޑެމްބެލޭ، ގްރިޒްމަން އަދި ޖިރޫޑަށް ފޫއަޅުވާނުލެވޭނެ ގޯލެއް ދުނިޔޭގައި ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ގްރޫޕް ސްޓޭޖް:

ފްރާންސް ހިމެނެނީ ގްރޫޕް ޑީގައެވެ. އެގްރޫޕްގައި ދެން ހިމެނެނީ ނެދަރލޭންޑްސް، ޕޮލެންޑް އަދި އޮސްޓްރިއާއެވެ. މީގެ ކުރީގައި ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު، މިތިން ޓީމަކީވެސް ފްރާންސް އަތް ދަށުވެފައިވާ ޓީމުތަކެކެވެ. 2022 ވަނަ އަހަރުގެ ރައުންޑް އޮފް 16 ގައި ފްރާންސް އަތުން ޕޮލެންޑް ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ނެދަރލޭންޑްސްވަނީ މިނިމުނު އަހަރު ޖެހިޖެހިގެން ދެފަހަރު ފްރާންސް އަތުން ބަލިވެފައެވެ. ފްރާންސާއި އޮސްޓްރިއާ 2022 ވަނަ އަހަރުގެ ނޭޝަންސް ލީގުގައި ވާދަކޮށް 2-0 ގެ ނަތީޖާއިން ފްރާންސްވަނީ އޮސްޓްރިއާ ބަލިކޮށްފައެވެ. ކޮންމެއަކަސް، ކޯޗު ޑިޝޭމްޕްސް ބުނާ ގޮތުގައި، ފުޓުބޯޅައިގެ ތާރީޚަކުން ލިބޭނެ ފައިދާއެއް ނެތެވެ. އިތުރަށް އޭނާ ބުނެފައިވަނީ، އެއްވެސް ޓީމެއް ބަލި ޓީމެއްގެ ގޮތުގައި ފްރާންސްއިން ނުބަލާނެކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *