ޑޮމެސްޓިކްސް ޕޮލިޓިކްސްގައި ޕޮއިންޓް މަތިކުރުމަށް ކޮންމެ ސިޔާސީ ލީޑަރަކު ވެސް މަސައްކަތް ކުރައްވާނެއެވެ. "އިންޑިޔާ އައުޓް" ކެމްޕޭނަކީ ރައީސް ޔާމީން އިސްވެ ހުންނަވައި ފެއްޓެވި މިފަދަ މަސައްކަތެކެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ކެމްޕޭނުގެ އެންމެ މުހިއްމު އެއް ވަޢުދަކީވެސް އިންޑިއާ އައުޓް އެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ފަހުވެސް ޑރ. މުޢިއްޒު އިންޑިއާ އާމެދު ގެންގުޅުއްވީ ޖިއޯ ޕޮލިޓިކްސްއާ ބީރައްޓެހި ހަރުކަށި އެޕްރޯޗެކެވެ.
އިންޑިއާގެ ވާހަކަ އެހެން ފަހަރަކަށް ބާއްވަމާ ހިނގާށެވެ. މިހާރު މިއޮތީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމުގެ މައްސަލައެވެ. ފަލަސްތީނުގައި އިޒްރޭލުން ހިންގާ އުދުވާނާ ދެކޮޅުކަން ސާބިތުކޮށްދިނުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުން ޑރ. މުއިއްޒު ވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ނިންމަވައި ކެބިނެޓުން ވެސް އެކަން ފާސްކުރައްވާފައެވެ. އެކަން ތަންފީޒުކުރުމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށް ކެބިނެޓުގެ ކުޑަ ކޮމިޓީއެއް ވެސް ނަންގަވައިގެން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
މި ފިޔަވަޅާއެކު ސަރުކާރަށް ވަނީ އެތެރެއިންނާއި ބޭރުން ވެސް ޕްރެޝަރުތައް ކުރިމަތިވެފައެވެ. ދީނީ ގްރޫޕުތަކާއި އާންމު ރައްޔިތުންގެ ތާއީދު ޑރ. މުއިއްޒަށް ލިބިލެއްވިއިރު ވިޔަފާރިވެރިންގެ ކަންބޮޑުވުމާއި ނުތަނަވަސްކަން އިންތިހާއަށް އެބައޮތެވެ. އަދި ހާރިޖީ ގޮތުން ވެސް ރާއްޖެއަށް އިންތިހާއަށް ޕްރެޝަރު ބޮޑުވެއްޖެއެވެ. ދުނިޔޭގެ އިގްތިސާދުގެ ބޮޑުބައެއް ހިއްސާކުރަނީ ޔަހޫދީންނަށްވެފައި، ޔަހޫދީ އިޒްރޭލު ރައްޔިތުންގެ ޕާސްޕޯޓް މަނާކުރުމަށް ކުއްލިއަކަށް ނިންމި ނިންމުމާ ގުޅިގެން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ވިސްނުންވެސް އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން އެބަ ގެންގުޅެއެވެ.
ރާއްޖޭގެ ތަޖުރިބާކާރު ޑިޕްލޮމެޓަކު ވިދާޅުވީ ސަރުކާރުން މިފަހަރު އެ ހެއްދެވީ "ކްލިއަރ ކަޓް މިސްޓޭކެއް" ކަމަށެވެ.
"އަހަރެމެން ކަހަލަ ހުރިހާ ކަމެއް އިމްޕޯޓަށާ ޓޫރިޒަމަށް ބިނާވެފައި އޮތްއިރު މިކަހަލަ ހާޝް ނިންމުމެއް ނިންމަންވާނީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހު. އޭގެ މާނައަކީ އަހަރެމެން އިޒްރޭލުގެ އަނިޔާވެރިކަމާ އެއްކޮޅީއެކޭ ނޫން، ފަލަސްތީނުގެ ހާލަތާމެދު ހަމްދަރުދީ ނުވަނީކީއެއްވެސް ނޫން،" އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވިސްނުންފުޅާ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޖުމްލަ ވިސްނުމާއި އަދި ސަރުކާރަށް މަޖިލީހުގައި ތާއީދުކުރާ ބައިވެރިންގެ ވިސްނުމާއި ވާހަކައިގެ ރާގު ދިމަލެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް ޑރ. މުޢިއްޒުގެ އާއިލީ ބޭފުޅާ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ޕާސްޕޯޓް ރާއްޖެއިން މަނާކުރުމުގެ ކުރިން އެކަމުން ކުރާނެ އަސަރުތައް ރަނގަޅަށް ދެނެގަނެފައި ނޫނީ އެކަން ކޮށްގެން ނުވާނެއެވެ. ޚާއްސަ ގޮތެއްގައި ނާޒިމް ފާހަގަ ކުރެއްވީ ރާއްޖޭގެ އިގްތިސާދާއި ސަލާމަތާއި ރައްކާތެރިކަމެވެ.
އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށްޓަކައި އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް މީކާއިލް އަހުމަދު ނަސީމު އެވެ. އެ ބިލުގެ ބަހުސްގެ މަރުހަލާގައި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ވާހަކަފުޅުވެސް ބިނާކުރެއްވީ ޑރ. މުޢިއްޒުގެ ނިންމެވުމާ ދެކޮޅަށެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ފުށުއަރާ ގޮތަށެވެ.
އޭނާ ވިދާޅުވިގޮތުގައި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް މީކާއީލްގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އެކަށީގެންވާ ވަރަށް ދިރާސާނުކޮށެވެ. އަދި އިޒްރޭލުގެ ޕާސްޕޯޓް ރާއްޖެއިން މަނާކުރުމަކީ ރާއްޖޭގެ އިގްތިސާދަށާއި ސަލާމަތާއި ރައްކާތެރި ކަމަށް އެކަމުން އަސަރުކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ނިންމުމެއް ކުއްލިއަކަށް ނިންމާއިރު، ވަރަށް ގިނަ ގޮތްގޮތަށް ވިސްނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ "އެއީ ދިވެހިންނާއި ދިވެހި ރާއްޖޭގެ ހެވާ ލާބައަށްޓަކަ"އެވެ.
ޓޫރިޒަމް ވިޔަފާރީގައި މަޝްހޫރު ނަމެއް ކަމުގައިވާ މުހައްމަދު ފިރާގު ވިދާޅުވެފައިވަނީ އިޒްރޭލުގެ ޕާސްޕޯޓް ކުއްލިއަކަށް މަނާކޮށްލުމުގެ ބަދަލުގައި އިޒްރޭލުގެ ސިޔާސީވެރިންނާއި ކެބިނެޓާއި ދައުލަތުގެ އިސްވެރިންނަށް ފިޔަވަޅު އެޅުއްވި ނަމަ ރަނގަޅުވީސް ކަމަށެވެ.
"ބަޔަކު ކިތަންމެ ރުޅިއަޔަސް މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތަށް ބަލާއިރު ދައްކަން ޖެހޭ ވާހަކައެއް،" އޭނާ ވިދާޅުވިއެވެ. "އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަކީ ދިވެހިންނަށާއި ދިވެހި ރާއްޖެއަށް އެންމެ މަސްހަލަތު ހުރި ގޮތްތޯ ވަރަށް ބޮޑަށް ބަލަންޖެހޭނެ. މިހެން ބުނެގެން ބަޔަކަށް އަހަރެން ގޯސްވިއަސް މައްސަލައެއް ނެތް. އަހަރެންނަށް ތަސައްވުރު ކުރެވޭ ގޮތެއްގެ ވާހަކަ މިދައްކަނީ. މިކަމުން ދިވެހި ރާއްޖެއަށް ފޫނުބެއްދޭވަރުގެ ދެރައެއް ކުރިމަތިވެދާނެ."
ސްޕަމެޖޯރިޓީ އޮތް މަޖިލީހުގެ މެންބަރުންގެ ތެރެއިން މީކާޢީލްގެ ބިލަށް ވާހަކަ ދެއްކެވި ޕީއެންސީގެ ގިނަ ބޭފުޅުންގެ ވާހަކަފުޅު، ވަރަށް ބޮޑަށް ޖަޒުބާތުވެ، ގެންދެވީ މަޢުލޫގެ އަރިއަރިމަތިންނެވެ. ބެއްލެވީ އެމްޑީޕީ ކުށްވެރިކުރެއްވޭތޯއެވެ. ސާފުކޮށް ރައީސްގެ ޑރ. މުޢިއްޒުގެ ނިންމެވުން ތަންފީޒުކުރުމުގައި ފަސްޖެހުމެއް ނެތް ކަމަށް އެއްވެސް މެންބަރަކު ވިދާޅެއް ނުވެއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ އެމްޑީޕީން އިޒްރޭލުގެ ޕާސްޕޯޓް މަނާ ނުކުރީ ކީއްވެގެންތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. މިއީ އެމްޑީޕީގެ ވާހަކަ ދައްކައިގެން ކަމުން ރެކެވެން އޮތް ހަގީގަތެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީވެރިޔާ އެބޭފުޅުންގެ ލީޑަރު ރާއްޖޭގެ ރައީސުލްޖުމްހޫރުއްޔާ އެވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރައްވަން ނިންމަވާފައެވެ. ދެން ހަގީގަތުގައި ފަލާހު ކުރައްވަން ޖެހޭ ސުވާލަކީ ރައީސްގެ ހަގީގީ ނިޔަތަކީ ކޮބައިތޯއެވެ މި ސުވާލެވެ.
ބަހުސްގެ މަރުހަލާ އެބިލު މިހާރު އެވަނީ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައެވެ. ބިލު ކޮމިޓީއަށް ފޮނުވީވެސް ޕީއެންސީ މެންބަރުންގެ ތާއީދުގެ ވޯޓާއެކީގައެވެ.
އެތެރެއާއި ބޭރުން ސަރުކާރަށް ކުރިމަތިވާ ޕްރެޝަރުތަކުގެ ސަބަބުން ޑރ. މުއިއްޒަށް އޮތީ މަލިކު ލަވައިގެ އުސޫލެވެ. އަމަލު ކުރެއްވޭކަށްވެސް ނެތެވެ. އަމަލު ނުކޮށް ވާހަކަށް ވެސް ނެތެވެ. އަމަލު ނުކޮށްފިނަމަ ޑޮމެސްޓިކް ޕޮލިޓިކްސްގައި ފިޔަވަޅެއް ފަހަތަށް އެޅުއްވުނީއެވެ. އަމަލުކޮށްފިނަމަ ދެން އޮތީ އެކަމުގެ ނަތީޖާއެވެ. އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ނިންމުމުންވެސް އެވަނީ ވަރުގަދަ ރާޅެއް ނަގާ ބޯމަތިކޮށްފައެވެ. މުޅިން މަނާކޮށްފިނަމަ އެރާޅު ބިންދާލާނެއެވެ. އެރާޅު ބާނީގައި ރާއްޖޭގެ އިގްތިސާދު އޮޔާ ގެންގޮސްދާނެއެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެއެވެ.
އެމްޑީޕީން އިންޑިއާއާއެކު ބޭއްވި ގާތްގުޅުމާމެދު ޕީއެންސީ އާއި ޑރ. މުޢިއްޒުވެސް ފާޑުވިދާޅުވަމުން ގެންދެވުމަށް ފަހު، މިހާރު އެދަނީ ކީހާޅެން ފަރިއްސަށްވަމުންނެވެ. މިހާރު އިންޑިއާ ވަރެއް ނެތެވެ. އަނެއްކާ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމުގެ ކަންކަންވެސް މިމަގުން ގޮސްދާނެ ބާވައެވެ.