އިދިކޮޅު އެމްޑީޕީ މިހާރު އޮތީ އެއްވެސް މީހަކަށް ހިސޯރަނުކުރެވޭ ވަރަަށް ވަރުގަދަވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އުފެދުނު ދެބަސްވުންތަކުގައި ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ފާޅުގައި ފާޑުވިދާޅުވާން އެންމެ ފުރަތަމަ ފެއްޓެވި އެއް މަޖިލިސް މެމްބަރު، ބިގޭ ރޭ ވިދާޅުވީ އެމްޑީޕީ ދެން ވެގެންދާނީ ވަރުގަދަ އިންސްޓިޓިއުޝަނަކަށް ކަމަށެވެ. އެމްޑީޕީއަކީ އެއްވެސް ބޭފުޅެއްގެ ބާރުގެ ދަށުގައި ހިސޯރަކުރެވިފައި އޮތް ޕާޓީއަކަށް ވުރެ ބޮޑަށް، މިނިވަން ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"…މިހާރު މި އޮތީ މި ހިސާބަށް އާދެވުނުއިރު، މި އޮތީ ދެން އެއްވެސް މީހަކަށް އައިސް ޕާޓީ ހިސޯރަ ނުކުރެވޭ ވަރަށް ވަރުގަދަވެފައި. ކުރިއަށް އޮތް ތަނުގައި އަޅުގަނޑު ދެކޭ ގޮތުގައި މި ޕާޓީ ދެން ދާނީ ވަރުގަދަ އިންސްޓިޓިއުޝަނެއްގެ ގޮތުގައި. އޮޓޯއިން ހިނގާ އެއްޗެއްގެ ގޮތުގައި. ވަޑައިގަންނަވާ ބޭފުޅުން މަސައްކަތްކޮށްފައި އެ ބޭފުޅުން ރިޓަޔާކުރެއްވީމަ ނިމިގެން ވަޑައިގަންނަވާނެ. އާ ބޭފުޅުން ގުޅިވަޑައިގެން، އަނެއްކާވެސް ކުރިއަށްދާނެ. އެއްވެސް ބޭފުޅެއްގެ ބާރުގެ ދަށުގައި ހިސޯރަކުރެވިފައި އޮތް ޕާޓީއަކަށް އެއަށް ވުރެ މިނިވަން ޕާޓީއެއް މިއީ،" ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބިގޭ ރޭ ވިދާޅުވިއެވެ.
އެމްޑީޕީއަކީ ރައްޔިތުންގެ ޕާޓީއެއް ކަމަށާއި ގްރާސްރޫޓާ ގުޅިފައިވާ ޕާޓީއެއް ކަމަށް ބިގޭ ވިދާޅުވިއެވެ.
އެމްޑީޕީގެ އުމުރުން 18 އަހަރު ފުރި، ތަސައްރަފު ފުދިފައިވާކަން ފާހަގަކޮށް، ބިގޭ ވިދާޅުވީ "އޮޓޯއިން" އެމްޑީޕީ ހިނގާނެ މިންވަރަށް ރިފޯމް ކުރުމުގެ މަސައްކަތް ޕާޓީގެ ލީޑާޝިޕުން ވަރަށް ވިސްނުންތެރިކަމާ އެކު ކުރަމުން ގެންދާ ކަމަށެވެ.
"މި ދަނީ ވަރަށް ބޮޑަށް އިސްޓިޓިއުޝަނެއްގެ ގޮތުގައި އޮވެ، އޮޓޯއިން ހިނގާނެ ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި ހިނގާނެ މިންވަރަށް މީތި ރިފޯމް ކުރުމުގެ މަސައްކަތް މި ކުރެވެނީ…ރަށްރަށުގައި ތިއްބެވި ބޭފުޅުންނާ ހިޔާލާއި މަޝްވަރާއާ އެކު މި މަސައްކަތް މިހާރު ޕާޓީގެ ލީޑާޝިޕުން ވަރަށް ވިސްނުންތެރިކަމާ އެކު ކުރަމުން ގެންދަވަނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، ބިގޭ ވިދާޅުވިއެވެ.
އެގޮންޖެހުންތަކާ އެކުގައި ވެސް ބަލިވާ ވަގުތުގައި ހިތްވަރާ އެކު ނުކުންނަ ޕާޓީއަކީ އެމްޑީޕީކަން ފާހަގަ ކުރައްވައި، ބިގޭ ވިދާޅުވީ އެމްޑީޕީގައި މިވަގުތު ތިބީ އެއްވެސް މަޖުބޫރުކަމެއް ނެތި ކުރަންޖެހޭ ކަމެއްގެ ގޮތުގައި މަސައްކަތް ކުރާ ބަޔަކު ކަމަށެވެ.
"އެއްވެސް ކަހަލަ މަޖުބޫރުކަމެއް ނެތި ހިތާ، ހިތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރާ ބަޔަކު އެމްޑީޕީގައި ތިބީ،" މިމިދިޔަ 19 ވަނަ މަޖިލީހުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރެއްވި ބިގޭ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
އެއްވެސްމީހަކު ތިމާ މާގަދަމީހެއްކަމައް ހެދިގެން ޕާޓީހިސޯރުކުރަންއުޅޭނެކަމެއްނެއް ޕާޓީ އުފެއްދި މީހުންވެސް ބުނީ މޑޕ އަކީ ދިވެހިންގެ ދިވެހިރަތްޔިތުންގެ ޕާޓީއެއް ކަމައް ވީމާ ވަކިމީހެއްގެ ފަހަތުން ވަކިމީހަކު ބުނާގޮތަކަށް އެއީ އަޅުވެތި ވިސްނުން މޑޕއަކީމިހުރިހާކަމެއް ހުއްޓުވަން ރަންގަޅުކުރަން އުފެއްދި ޕާޓީއެއް ވީމާ ޕާޓީގެ އާއްމު މެމްބަރުން ވެސްތިބީއެގޮތުގަނޫންތޯ؟
ޕާޓީ ތިއޮތީ މިހާރު ހުންގާނެއް ނެއް ނެތް ނަވަކަށް ބަދަލުވެފަ. އެއްވެސް އެއްޗަކީ އޮޓޯއަށް ލެވިގެން ހިނގާނެ އެއްޗެއްނޫން. ޑީއާރްޕީ އަށް ވީހެން ދުވަސްކޮޅަކުން އެމްޑީޕީވެސް އޭގެ ޒާތުގަ އުވިގެން ދާނީ. މި ކޮމެންޓު ސްކްރީންށޮޓް ކޮއްލާފަ ބައިންދާތި
މިހާރު ލީޱަރ ޟިޕްއާ ހަވާލުވެހުރީ ޕާޓީ އައް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުގެ ސަބަބު އަދިވެސް ޕާޓީއެކަމުން ސަލާމަޔް ކުރަން ޖެބޭ ކަމައް ދެކެނ
އެމްޑީޕީގަ މިހާތަނަށް ހުރި އެންމެ ވަރުގަދަ އިންސާފުވެރި ލީޑަރަކީ ނަޝީދު އެކަމަކު އަހަރެމެން އެމްޑީޕީއަށް ތާއީދު ކުރީ ނަޝީދުއަށް ވީތީ ވަކި މީހަކަށް ނޫން ރަނގޅު ހަރުދަނާ އިންސާފުވެރި ފިކުރަކަށް! އެކަމު ނިމިދިޔަ ދައުރުގަ އެހުރިހާކަމެއް ބަދަލުކޮށްލާފި އެމްޑީޕީއަކީ މިހާރު އިންސާފެއްވެސް އޮތް ހަރުދުނާ ސިޔާސަތެއްވެސް އޮތް އަމާނާތްތެރި ކަން އޮތް ޕާޓީއެއްނޫން މިހުރިހާކަމެއް އޭގެ އެންމެ މަތީފަޑިން ހަޑިހުތުރު ގޮތަކަށް ފޮހެލައިފި! އެހެންކަމުން މިހާރުބުނާނީ ފައިސާއަށް ހިޔާނާތްތެރި ނުވާ އިންސާފުވެރިކަމެއް އޮތް ޕާޓީއެއް ނޫނޭ އެމްޑީޕީއަކީ ކޮންމެ ބަޔަކުވެސް އުޅެނީ ކޮންމެ ކަމެއް ކޮށްގެންވެސް އާރާއި ބާރާއި ބެރިކަން ލިބޭތޯ އެހެން ވީމާ ތީ ދެން އޮޓޯއިން ހިނގާނެ ކަމެއް ނޫން އަހަރެމެންވާ ޓާޓާ ވަރަށް ސަލާމް