logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މިފަހަރުގެ ޔޫރޯގައި އަލަށް ތަޢާރަފުވާ މުހިންމު ކުޅުންތެރިން!

1- ފްލޮރިއަން ވިޓްޒ (ޖަރމަނީ)

ޖަރުމަނުގެ ބަޔަރ ލެވަކޫސަން އަށް ކުޅެމުން އަންނަ 21 އަހަރުގެ ވިޓްޒއަކީ ޖަމާލް މޫސިއާލާއަށްފަހު ޖަރުމަންވިލާތުގެ އެންމެ ވިދުންގަދަ ފުޓުބޯޅަ ކުޅުންތެރިއާއެވެ. ބަޔާން މިއުނިކުން ޖަރުމަނުގެ ބުންޑެސް ލީގާގައި ކުރަމުންދިޔަ ދިގު ރަސްކަން ނިމުމަކަށް ގެނެސް، މިފަހަރުގެ ބުންޑެސް ލީގާ ބަޔަރ ލެވަރކޫސަން އަށް ހޯދައިދިނުމުގެ އެންމެ އިސް ރޯލެއް އަދާކުރި ކުޅުންތެރިއަކީ ވިޓްޒ އެވެ. ވިޓްޒއަކީ މިޑްފީލްޑަށް ކުޅޭ ކުޅުންތެރިއެކެވެ. މިއީ، ވިޓްޒގެ ފުރަތަމަ ބައިނަލް އަޤްވާމީ މުބާރާތެވެ. މިމުބާރާތަށް ވިޓްޒްދާނީ މިސީޒަނުގެ ބުންޑެސް ލީގާ އަދި ޔުރޮޕާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ ހައިސިއްޔަތުންނެވެ. ޖަރުމަނުގެ މެސުޓް އޮޒިލް، ޝުވެއިންސްޓެއިގަރ، ސާމީ ކެދީރާއަށްފަހު، ވިޓްޒް އާއި ޖަމާލް މޫސިއާލާގެ ޕާޓްނަރޝިޕަކީ ތަފާތު މޮޅު ޕާޓްނަރޝިޕެއްކަމުގައި ބެލެވެއެވެ. ޓޯނީ ކްރޫޒްގެ ރިޓަޔަރމެންޓާއެކު ދިގު ކެރިއަރެއް ޤައުމީ ޓީމުގައި މިދެކުޅުންތެރިން ޙިއްސާވާނެކަމުގައި މިހާރު ބެލެވެއެވެ.

2- ވަރެން ޒައިރ އެމެރީ (ފްރާންސް)

އުމުރުން އެންމެ 18 އަހަރުގެ ވަރެން އެމެރީއަކީ ފްރާންސްގެ ފުޓުބޯޅައިގެ މުސްތަޤުބަލު ބިނާވެފައިވާ ކުޅުންތެރިންގެ ތެރެއިން އެންމެ އިތުބާރުކުރެވޭ ކުޅުންތެރިއާއެވެ. އެމެރީއަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ މިޑްފިލްޑަރެކެވެ. މިކުޅުންތެރިއާއަކީ އުމުރުން އެންމެ 16 އަހަރުގައި މެސީ، ނޭމާ އަދި އެމްބާޕޭ ގެ ޕާޓްނަރޝިޕްގައި ހިއްސާވެފައިވާ ކުޅުންތެރިއެކެވެ. ފްރާންސްގެ ކޯޗު ޑިޝޭމްޕްސް މިހާރު އެންމެ އިތުބާރުކުރާ އެއް ކުޅުންތެރިއަކީ އެމެރީއެވެ. ފްރާންސްގެ ޕީއެސްޖީގައި އެމެރީ ދައްކާ ހުނަރުވެރިކަން ދެއްކޭ ފެންވަރުގެ އެހެން މިޑްފިލްޑަރެއް އަދި ދުނިޔޭގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޕޮގްބާގެ ދިގު ސަސްޕެންޝަނާއެކު ފްރާންސްގެ މެދުތެރެ ފޫބެއްދުމުގެ މައި ރޯލްކުޅޭނެ އެއްކުޅުންތެރިއަކީ އެމެރީއެވެ. މިސީޒަނުގައި ފްރެންޗް ލީގު އެންމެ ޒުވާން ކުޅުންތެރިއާގެ މަޤާމު އެމެރީ ހޯދިއިރު، ދުނިޔޭގެ ބޮޑެތި ކްލަބުތަކުން މިހާރުވެސް އެމެރީ ހޯދުމަށް ބިޑުކޮށްފައިވެއެވެ.

3- ކޯލް ޕާލްމާ (އިންގްލެންޑް)

ޗެލްސީއަށް ކުޅެމުން އަންނަ އުމުރުން 22 އަހަރު ޕާލްމާއަކީ އިނގިރޭސި ފުޓުބޯޅައިގެ ވިދުންގަދަ ކުޅުންތެރިއެކެވެ. މިވަގުތު ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިއާއެވެ. މިސީޒަނުގައި އިނގިރޭސި ޕްރެމިއަރ ލީގުގެ ޒުވާން ކުޅުންތެރިއާގެ އެވޯޑާއި ޗެލްސީގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑްވަނީ ޕާލްމާ ހޯދާފައެވެ. މިހާތަނަށް ޤައުމީޓީމަށް 3 މެޗު ކުޅެދީ 1 ގޯލްޖަހާދީފައިވާ ޕާލްމާއަކީ، ކޯޗު ސައުތުގޭޓް އެންމެ އިތުބާރުކުރާ ކުޅުންތެރިއާއެވެ. މެންޗަސްޓަރ ސިޓީއަށް ކުޅޭ ގްރީލިޝް އަށް ޖާގަގެއްލުނީ ޕާލްމާގެ ޕާފޯމެންސް ސައުތުގޭޓަށް ކަމުދިޔައިމައެވެ. ޕާލްމާވަނީ ޗެލްސީއަށް ކުޅުނު 33 މެޗުގައި 22 ގޯލް ޖަހައިދީފައެވެ.

4- ލެމިން ޔަމާލް (ސްޕެއިން)  

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އެންމެ 16 އަހަރުގެ ލެމިން ޔަމާލްއަކީ، މިވަގުތު ސްޕެއިންގެ މުޅި ފުޓުބޯޅައިގެ މުސްތަޤުބަލް އެކުޅުންތެރިއަކަށްޓަކައި ބިނާވެފައިވާ ކުޅުންތެރިއާއެވެ. އުމުރުން ކިތަންމެ ހަގަކަސް ޔަމާލްގެ ނަމަކީ ސްޕެއިންގައި ބޮޑު ނަމެކެވެ. ބާސެލޯނާގައި ތަފާތު ދައްކައި ޤައުމީ ޓީމުން ޔަޤީން ޖާގަ ކަށަވަރުކުރީވެސް އެއްވެސް ހާސްކަމެއް ނެތިއެވެ. ލަލީގާގައި ޔަމާލްގެ ހުނަރުވެރިކަން ފެނި ދުނިޔޭގެ ބޮޑެތި އެތަށް ކްލަބުތަކުން ޔަމާލްއަށް ފާރަލަމުން އާދެއެވެ. މިނިމުނު 2023 ވަނަ އަހަރު އިންޑްވިޖުއަލް 5 އެވޯޑެއް ޔަމާލްވަނީ ހޯދާފައެވެ. އަދި މިއަހަރުގެ ގޯލްޑަން ބޯއީގެ އެވޯޑް ހޯދުން އެންމެ ގާތީވެސް ޔަމާލްއެވެ. އުމުރުން އެންމެ ސޯޅަ އަހަރުގައި ސްޕެއިންގެ ޤައުމީ ޓީމަށް ކުޅުނު 6 މެޗުގައި ޔަމާލްވަނީ 2 ގޯލް ޖަހައިދީފައެވެ. ޔަމާލްވެގެންދާނީ ޒަވީ އަދި އިނިއެސްތާއަށް ފަހު ސްޕެއިންގެ ސްޕަރސްޓަރއަކަށެވެ.

5- އާރދާ ގުލަރ (ތުރުކީ)

ތުރުކީގެ މެސީގެ ނަމުން މަޝްހޫރުވެފައިވާ ސްޕެއިންގެ ރެއަލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ އާރދާ ގުލަރ އަކީ އާދައިގެ ކުޅުންތެރިއެއް ނޫނެވެ. ގުލަރގެ ހުނަރު ދެނެގަނު ރެއަލް މެޑްރިޑުން ވަނީ އެކްލަބަށް ގުލަރގެ ސޮއި ހޯދާފައެވެ. ގުލަރ ހޯދުމަށްޓަކައި މިހާރުވެސް ޕީއެސްޖީ އަދި ބެޔަރ މިއުނިކުން މަސައްކަތްކުރަމުން އެބަދެއެވެ. ރެއަލް މެޑްރިޑުގައި ކުޅެން ލިބޭ މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، މިފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މުޅި ތުރުކީގެ ނަން ޔޫރަޕްގައި ފަވާލި ކުޅުންތެރިއަކީ ގުލަރއެވެ. ބޯޅަ ކޮންޓްރޯލްކުރުމާއި ޑްރިބްލިންގ ގުލަރގެ ހުނަރަކީ މަދު ކުޅުންތެރިއެއްގެ ކިބައިގާ ނޫނީ ނުހުންނާނެ ހުނަރުތަކެކެވެ. 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *