logo minivan

English

އަންގާރަ, 16 ޖުލައި 2024

ދަޅުގައި ބަންދުކޮށްގެން މަސް ބޭރުކުރުމުން ރޯމަހަށްވުރެ ފަސް ގުނަ އަގުބޮޑު!

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރާ މަހުގެ ބާވަތަކީ ފިނިކުރި ކަޅުބިލަ މަހެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ ތެރެއިން ދަޅުގައި ބަންދުކުރެވެނީ ނިސްބަތުން ވަރަށް ކުޑަ ޕަސެންޓެކެވެ. މަސްވެރިން ބާނާ ގިނަ މަސް ގަނޑުކުރުމަށްފަހު ހުރިގޮތަށް ބޭރުކޮށްލަނީއެވެ. ފިޝަރީޒް މިނިސްޓްރީންނާއި މިފްކޯއިން ބުނަމުންދަނީ މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ ނުއަގުގައި ކަމަށެވެ. ސަބަބަކީ މަސްވެރިންގެ އަތުން މަސް ޓަނެއް ވިހިހާސް ރުފިޔާއަށް ގަނެގެން އެ ބޭރުކުރުމުން ވިހި ހާސް ރުފިޔާވެސް އެ މަސްޓަނަށް ނުލިބޭ ވާހަކައެވެ. މިއީ މިފްކޯއިން މިހާރު އާންމުކޮށް ދައްކަމުން އަންނަ ވާހަކައެވެ.

ސުވާލަކީ ދިވެހިރާއްޖޭގައި  ބާނާ މަހަށް އެކަށީގެންވާ އަގު ހޯދަން ސަރުކާރުން މަސައްކަތް ނުކުރަނީ ކީއްވެގެންތޯއެވެ؟ މިފްކޯއާއި ފިޝަރީޒް މިނިސްޓްރީން އެ ވިދާޅުވާ ގޮތަށް ގެއްލުމުގައި މަސް ބޭރުކޮށްކޮށް ތިބެންވީތޯއެވެ؟ މަހަށް ރަނގަޅު އަގު ނުލިބެނީ މަސްވެރިންގެ ސަބަބުން ތޯއެވެ؟.

ރާއްޖޭގެ މަސްވެރިން ބާނާ މަސް ރޯމަހުގެ ގޮތުގައި ބޭރުކުރުމުގެ ބަދަލުގައި ވެލިއު އެޑް ޕްރޮޑަކްޓެއްގެ ގޮތުގައި ވިއްކުމުން ރޯމަހުގެ ގޮތުގައި ބޭރުކުރުމުން ލިބޭ އަގަށްވުރެ ފަސް ގުނަ އިތުރަށް ލިބޭކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިސާލަކަށް 20 ހާސް ރުފިޔާއަށް ގަންނަ މަސްޓަނު، ދަޅުގައި ބަންދުކޮށްގެން ވިއްކައިފި ނަމަ އެމަސްޓަނަށް އެއްލައްކަ ރުފިޔާއެބަ ލިބެއެވެ. ނަމަވެސް 20 ހާސް ރުފިޔާއަށް ގަންނަ މަސްޓަނު ފިނިކުރި މަހުގެ ގޮތުގައި 15 ހާސް ރުފިޔާއަށްވެސް ތައިލެންޑަށް ބޭރުކޮށްފައި އެބަހުއްޓެވެ.

ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ރޯމަހުގެ ގޮތުގައި މަސް ބޭރުކުރާނަމަ މިފްކޯއަށް ވާނީ ގެއްލުން ކަމަށެވެ.

"ބެންކޮކް ބާޒާރުގައި 14 ހާސް ރުފިޔާއަށް މަސް ޓަނެއް ހުރިއިރު ރާއްޖޭގައި މަސްގަންނަމުން މިދަނީ 20 ހާސް ރުފިޔާއަށް. ދިވެހިރާއްޖޭގައި ވެލިއު އެގްކުރެވޭނެ އިތުރު ގޮތްތަކެއް ނެތް. އެކަމަށް މިފްކޯއިން ތައްޔާރުވެފަ ނެތް. ވެލިއު އެޑްކުރުމޭ އަޅުގަނޑު ބާރަށް މި ބުނާ ސަބަބަކީ ވެލިއު އެޑް ކުރުމުން އެއްޓަނު މަހުން ލިބޭ ވަރު ފަސް ގުނަ އެބަ އިތުރު ކުރެވޭ. އެހެންވިއްޔާ މިފްކޯއަށް އެވާ ގެއްލުން ރީތިކޮށް އެންމެ ޓަނަކުން ނައްތާލެވޭ." އޮފިޝަލް ވިދާޅުވިއެވެ.

މަސްވެރިން އެމީހުންގެ ޒިންމާ އަދާކުރެއެވެ. ސަރުކާރާ މަސްގަންނަ ކުންފުނިތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް މަސްވެރިން ތަބާވެއެވެ. ކުންފުނިތަކަށް މަސް ކިރުވުމަށް ބޭނުންވާ ސެޓްފިކެޓް ދޯނިފަހަރުން ވަނީ ހައްދާފައެވެ. ބާނާ މަސް ތާޒާކޮށް ބެހެއްޓުމަށް މަހަށް އައިސް އަޅައެވެ. މަސް ގަންނަ ކުންފުނިތަކުން ދޯނިފަހަރުން މަސް ގަންނަނީ ތަޒާކަމާއެކުގައެވެ. މިހިސާބުން މަސްވެރިންގެ ޒިންމާ ނިމުނީއެވެ. ދެން އެމަސް ދަޅުގައި ބަންދުކޮށްގެން ވިއްކާނީތޯ ނޫނީ ގަނޑުކުރި މަހުގެ ގޮތުގައި ބޭރުކުރާނީތޯ މި ނިންމުން ނިންމާނީ މަސްވެރިންނެއް ނޫނެވެ. މަސް ގަންނަ ފަރާތްތަކުންނާއި ސަރުކާރުންނެވެ. އެހެންކަމުން މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ "ނުއަގުގަ"އޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *