މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖާ ގުޅިގެން ހުއްޓިފައިވާ އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސް އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އައްޑޫ ސިޓީގައި މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދާ ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނޭކަމަށާއި، މިހާތަނަށްވެސް އެ އެއްބާރުލުން ދެމުން އައިސްފައިވާކަމަށެވެ. ނަމަވެސް މަސްވެރިންގެ އިހުތިޖާޖުގެ ސަބަބުން ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް ހުއްޓިފައިވާކަން ފާހަގަކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތަން އޮޕަރޭޝަނަށް ގެނައުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ފުލުހުން އަމަން ގާއިމްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަަވަޅުތަކަށް މަސްވެރިންގެ ފަރާތުން އެއްބާރުލުންދީ ޤާނޫނާއި ޤަވާއިދާ ހިލާފް އަމަލެއް ނުކުރުމަށް މަސްވެރިންގެ ކިބައިން އެދެން" ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.
މަސްވެރިންނަށް ފައިސާ ދިނުމުގެ މައްސަލާގައި އައްޑޫސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގައި މިއަދު ހެނދުނުން ފެށިގެން މަސްވެރިން އިހުތިޖާޖުކުރަން ފަށާފައިވާއިރު، ފަހުން މަސްވެރިން ވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިމާރާތަށް ވަދެ އެތަނުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނެސްފައެވެ.
މިކަމާއި ގުޅޭގޮތުން މަސްވެރިކަމާ ބެހޭ ވަޒީރު އެކްސްގައި މީގެ ކުޑައިރުކޮޅެއްކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން ކަމަށެވެ. އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް މަސްވެރިންނަށް ހިއްސާ ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫސިޓީގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގައި ގޮވާލާފައިވަނީ، މަސްކިރުވާފައި ފައިސާ ނުލިބި ދުވަސްތައް ދިގުލަމުންދާކަމަށާއި، މިކަމުގައި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ އެދެވޭ ޖަވާބެއް ބޭނުންވާކަމަށެވެ. އެހެން ނޫންނަމަ ކޮމްޕްލެކްސްގެ ސްޓާފުންނަށް އެތަނުގައި މަސައްކަތްކުރުމުގެ ފުރުސަތު ނުދޭނޭކަމަށްވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ.
ސަރުކާރުގެ މަސް ކުންފުނިތަކުން މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ފައިސާ ދިނުމުގައި އިހުމާލުވަމުންދާ މައްސަލާގައި މިފަހުން މާލެ ސަރަހައްދުގައިވެސް ވަނީ އިހުތިޖާޖެއް ކުރިއަށްގެންގޮސްފައެވެ. މިގޮތުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ގިނަ އަދަދެއްގެ ދޯނިތަކުން ވަނީ ފައިސާ ނުދޭ މައްސަލަ ސަމާލުކަމަށް ގެނައުމުގެ ގޮތުން ދޯނިތަކުގައި އައިސް މާލޭގެ ރަސްމީ ފާލަންދޮށަށް ވަދެގަނެފައެވެ. ފަޅުތެރެއަށް ވަތް މަސްދޯނިތައް ހުއްޓުވުމަށް ކޯސްޓްގާޑާއި މެރިން ފުލުހުން މަސައްކަތް ކުރިނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ.
މަސްވެރިން ބުނާގޮތުގައި ނިމިގެންދިޔަ ރަމަޟާންމަހަށްފަހު ބައެެއް ދޯނިތަކުން ކިރުވިމަހަށް މިފްކޯއިން އަދިވެސް ފައިސާ ނުދެއެވެ.