logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އެމެރިކާއަށް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި އެމެރިކާގެ ސަރުކަރާއި، އދ.ގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ.

މި ދަތުރުފުޅުގެ ތަފްސީލު ދެއްވަމުން ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ވޮޝިންޓަން ޑީސީއަށް ފުރަތަމަ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އާއި އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓާ ސަމަންތާ ޕަވާގެ އިތުރުން އެމެރިކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

އަދި ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ އިންޓަރެކްޓިވް ޑިސްކަޝަނެއްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، ވޮޝިންޓަންގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބައްދަލު ކުރައްވާނެއެވެ.

އޭގެ އިތުރުން، ވޮޝިންޓަން ޑީސީގައި ބާއްވާ ރަސްމީ ބައްދަލުވުންތަކަށްފަހު މިނިސްޓަރ ޒަމީރު ނިއުޔޯކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގެ ތެރެއިން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާއި އދ.ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޮރ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް ލީ ޖުންހުއާއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، ނިއުޔޯކްގައި ތިއްބަވާ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާއި ނިއުޔޯކާއި ނިއު ޖާޒީގައި ދިރިއުޅޭ ދިވެހިންނާ ވެސް މިނިސްޓަރ ބައްދަލު ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ދަތުރުފުޅުތަކުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ