ރާއްޖެއިން ހައްޖަށްދިޔަ ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު މިއަދު ރާއްޖެ އަންނައިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބާރުބޮޑުވާނެތީ ދަތުރުކުރާ ފަރާތްތަކުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެއާޕޯޓްސް ކޮމްޕެނީ، (އެމްއޭސީއެލް) އިން އެދިއްޖެއެވެ.
އެކަމާ ގުޅިގެން އެމްއޭސީއެލުން "އެކްސް" ގައި ކުރި ފޯސްޓެއްގައި ބުނީ، ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ރާއްޖެ އަންނާތީ އެއާޕޯޓް ތޮއްޖެހި ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ ދަތުރުކުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެ ކޮންޕެނީން އެދޭ ކަމަށެވެ.
"ތިން ގަޑިއިރު ކުރިން ވަޑައިގެން މުވައްޒަފުންގެ އިރުޝާދުތަކަށް ތަބާވުމުން އޮމާން ތަޖުރިބާއެއް ކުރެވޭނެ،" އެމްއޭސީއެލުން ބުންޏެވެ.
Attention travelers from @VelanaAirport today: Expect heavy traffic at our terminal due to the arrival of Hajj pilgrims. Please arrive 3 hours early and follow staff instructions for a smoother experience. Thank you for your cooperation!
— Maldives Airports Company Ltd (@MACLmedia) June 24, 2024
ހައްޖުވެރީންގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ދެން އަންނާނީ މި ހަފުތާގެ ހުކުރު ދުވަހުއެވެ. އެއަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހު ފްލައިޓެއް އަންނަން ހަމަޖެހިފައިވާއިރު، އެންމެ ފަހު ފްލައިޓް އަންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.
އެގޮތުން، ހައްޖުވެރިން އެނބުރި އަންނަ ދުވަސްވަރާ ދިމާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވަނީ ބަލިތައް ގިނަވެދާނެތީ ސަމާލުވާން ވެސް އިލްތިމާސްކޮށްފައެވެ.
މިއަހަރު ރާއްޖެއިން 1150 މީހުން ހައްޖަށް ދިޔައެވެ. އޭގެ ތެރެއިން ރ. ހުޅުދުއްފާރަށް ނިސްބަތްވާ އަންހެން ހައްޖުވެރިއަކު ވަނީ ނިޔެވާފައެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ވަނީ ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް ނިކަމެތިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން 50 މީހުން ހައްޖަށް ގޮސްފައެވެ.