ރާއްޖެއިން އަލަށް ފެނުނު އިންވޭސިވް މެނިންގޯކޮކަލް (މެނިންޖައިޓިސް) ވޭދަނައާ ގުޅިގެން ގާތުން އެއްތާވި މީހުންގެ ތެރޭގައި މިހާތަނަށް 46 މީހަކު ފާހަގަވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީނ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ ބަލި ރާއްޖެއިން ޖެހުނު ފުރަތަމަ މީހާ ވަނީ މިދިޔަ އަންގާރަ ދުވަހު ނިޔާވެފައެވެ. އެއީ ރާއްޖޭގެ ފުޓްބޯޅަ ތަރި މުހައްމަދު އާރިފު (ބަކާ) އެވެ. އޭނާ ނިޔާވީ ހައްޖުގެ އަޅުކަމަށްފަހު، ރާއްޖެ އައިތަނާ ކުއްލިއަކަށް ހާލު ސީރިއަސްވެ، އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވީ ގާތުން އެއްތާވި މީހުންގެ ގޮތުގައި މިހާތަަނަށް 46 މީހަކު ފާހަގަވެފައިވާ ކަމަށާއި، އޭގެތެރެއިން ޕްރޮފިލެކްސިސް ދޭންޖެހޭ މީހުންނަށް ޕްރޮސިލެކްސިސް ދެވިފައިވާ ކަމަށެވެ.
"އެ ކޭސްއާ ގުޅިގެން މިހާތަނަށް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައިވަނީ، އެހެންވީމަ އިތުރަކަށް ދެން ފުޅާވެގެން ނުދާނެ، މިހާރު ފެނިފަ ހުރި އަދަދުތަކަށްވުރެ އިތުރުވެގެން ނުދާނެ،" އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ ބަލީގެ ބޭހާއި ވެކްސިނަކީ އާއްމުކޮށް ހުޅުވާލައިގެން ދޭ ބޭހެއް ނޫން ކަމަށްވާތީ ބޭސް ދޭނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ މީހުންނާއި އަދި އެކަމަށް ޑޮކްޓަރުން ދޭ އިރުޝާދުދޭ މީހުންނަށް ކަމަށެވެ.
އެޗްޕީއޭއިން ބުނީ މެނިންޖައިޓިސް ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމަށާއި އަދި ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައި ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ބޮލުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުމާއި ވާނުވާ ނޭނގުމާއި ހަށިގަނޑުގައި ރަތް ބިހި ނުވަތަ ލައްތަކެއް ނެގުން ފަދަ ކަންކަން ހިމެނެއެވެ. މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.