logo minivan

English

އަންގާރަ, 16 ޖުލައި 2024

"އީޓިންގ ޑިޒޯޑާރސް": ލަދުވެތިކަމާއި ނަފްސު ކުށްވެރި ކުރުމުގެ ކަނޑެއްގައި!

އަހަރެންގެ އުމުރުން 50 އަހަރުވެގެން މިއަދު ފާހަގަ ކުރަމުންދާއިރު، 20 އަހަރުގެ ފިރިހެން ދަރިފުޅާއި ދިމާއަށް ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނީ ނަފްސްކުށްވެރި ކުރަމުންނެވެ. އެދަރިފުޅަކީ ފެށުނީންސުރެވެސް ތަފާތު ކުއްޖެކެވެ. ހާއްސަ ކުއްޖެކެވެ. ދަރިފުޅު އުފަންވިއިރު ބަރުދަން ލުއިވުމުގެ ސަބަބުން ތުއްތުއިރުގައި ތަފާތު ސިއްޙީ މައްސަލަތަކާއި ކުރިމަތިވިއެވެ. ބޮޑުވެގެން އައި އިރު އުމުރާ އެއްވަރަށް ސިކުނޑި ހެދިއެއްނުފޯދުނެވެ. އެކަމުގެ ސަބަބުން ކިޔެވުމުގައި އަދި އަމިއްލަ ފައިމައްޗަށް ތެދުވުމުގައި އެތަކެއް އުނދަގޫތަކެއް ކުރިމަތިވަމުންދެއެވެ. އެހުރިހާ ކަމެއް ދިމާވުމުގެ އަސްލަކީ އަހަރެން ކަމުގައި އަހަންނަށް އަބަދުވެސް ދެކެވެއެވެ.

އެދަރިފުޅު ލިބުމުގެ މާކުރިން ފެށިގެންވެސް އަހަރެންނަކީ ހަށިގަނޑަށް ވަރަށް ބަލާ މީހެކެވެ. ފުރާވަރުގެ ދުވަސްވަރު އެކި މަޖައްލާތަކުންނާއި އަދި ފަހުން ވީޑިއޯ ތަކުން ފެންނަ މީހުންހެން އަހަރެން ހުންނަން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ އާއިލާ އެންމެނަކީވެސް ބޮޑެތިކޮށް ތިބޭ ބަޔަކަށްވުމުން އަހަރެންވެސް ހުންނަނީ ހިކިކޮންނެއް ނޫނެވެ. އެހެންކަމުން 20 އަހަރުން ފެށިގެން އަހަރެން ކެއުން މަދު ކޮށްލީމެވެ. ހާއްސަކޮށް ފަލަމަޑީގެ ބާވަތްތައް ނުކަމެވެ. ބަރާބަރަށް ޖިމްއަށް ދަމެވެ. އަހަރެންނަށް މާގިނައިން ކެވިއްޖެހެން ހީވެއްޖެ ނަމަ ގަދަކަމުން ހޮޑުލަމެވެ. ކޮންމެ ދުވަހަކު ހެދުނު ބަރުދަން ބަލަމެވެ. ކެލޮރީ ބަލައިގެން ނޫނީ އެއްޗެއްނުކަމެވެ. ހަށިގަނޑު ވަރަށް ބައްޓަން ރީތިވެ އެތައް ކިލޯއެއް ލުއިވެސް ވެއްޖެއެވެ. އެކަމާ ވަރަށް އުފާވެ ފަހުރުވެރިވިއެވެ. އެކަމަކު ބައެއްފަހަރު ކާލަން ބޭނުންވާ އެއްޗެހި ނުކެވޭތީ ދެރަވެއެވެ. އެގޮތަށް އެއްޗެއް ބޭނުންވެގެން ކާ ކޮންމެ ފަހަރަކު ހޮޑުލާން ޒަމީރު މަޖުބޫރުކުރާތީ ލަދުގަނެއެވެ.

އަހަރެން ކައިވެނި ކުރުމަށްފަހު މިކަންތައް އިތުރަށް އުދަގޫވިއެވެ. ފިރިމީހާއަށް އަހަރެންގެ މިއާދަތައް ސިއްރުކުރަން ބޭނުންވީމައެވެ. ކެލޮރީ ކައުންޓުކޮށް އަބަދު ޑައެޓުކުރާތީ ފިރިމީހާ މާ ނުރުހެއެވެ. އެކަމަކުވެސް އަހަންނަށް އެކަން ވަރަށް މުހިންމެވެ. އަހަރެން ސިއްހަތަށް ބަލަނީކަމަށްބުނެ ދިފާޢުކުރަމެވެ. ކައިވެންޏަށް މާ ގިނަދުވަސްތަކެއް ނުވެ ބަލިވެ އިދެއްޖެއެވެ. ފަލަވެދާނެތީ އަހަރެން ވަރަށް ހާސްވިއެވެ. އެހެންކަމުން އޭރުވެސް އަހަރެން ކެއުން އެވަރަށް ކޮންޓްރޯލުކުރީމެވެ. ނަތީޖާއަކަށްވީ ދަރިފުޅުގެ ބަރުދަން އިތުރުނުވެ ސިއްހީމައްސަލަތަކާއި އަހަރެންނަށް ކުރިމަތިވެ އަދި ދަރިފުޅުވެސް ބަރުދަން އިތުރުނުވެ ދުނިޔެއަށް އުފަންވުމެވެ. އެކަމާ އަހަރެން އަމިއްލަ ނަފްސުކުށްވެރިކޮށް ރޮއެ ހެދީމެވެ. އެކަމަކު މީހެއްކައިރީ ބުނާނެ ހިތްވަރެތް ނުލިބުނެވެ.

އޭގެ އަހަރެއް ފަހުން އަހަރެން ބެލި ފިލްމެއްގައި އެފަދަ ގޮތެއް މީހަކަށް ދިމާވެގެން އުޅޭތަން ފެނުނެވެ. މިއީ ސިއްހީ މައްސަލައަކަށް ވެދާނެކަމަށް ވިސްނި އަހަރެން ޑޮކްޓަރަކަށް ދެއްކީމެވެ.  ފިލްމުގައިވެސް އޭނާ ބެލީ ނަފްސާނީ ބަލީގެ މީހެއްކަމުން އަހަރެން ދެއްކީވެސް އޭގެ ޑޮކްޓަރަކަށެވެ. ގަޑިއިރަކަށް ދެމިގެންދިޔަ ފުރަތަމަ ކޮންސަލްޓޭޝަންއަށްފަހު އަހަރެންގެ ހުންނަނީ "އީޓިންގ ޑިޒޯޑާރސް" ގެ ތެރޭގައި ހިމެނޭ ބައްޔެއްކަމަށް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން އިތުރު ސިއްޙީކަމެއް ދިމާވެފައިވޭތޯ ބެލި ބެލުމުން ބައެއް "ހޯމޯންސް" އަދި ލޮނުގެ ބައެއްބާވަތްތައް މަދުވެފައިވާކަން ފާހަގަ ކުރެވުނެވެ. އެކަންކަމުގެ އެކަންކަމުގެ ފަރުވާގެ އިތުރުން އަހަރެން 1 އަހަރު ވަންދެން "ތެރަޕީ" ނެގީމެވެ.

އަހަރެންގެ ކެއުމުގެ އާދަތައް ރަގަޅުވެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަން އެހާ މުއްދަތު ނެގިއެވެ. އޭގެ ފަހުންވެސް އަހަރެން ކަންކަމާއި ހާސްވެ ކަންބޮޑުވާ ހާލަތުގައި ބަރުދަނާ ދޭތެރޭވިސްނި އެއްކަލަ އާދަތަކަށް އިއާދަވާން ބޭނުންވާތަންއާދެއެވެ. އެހެންނަމަވެސް އަހަރެންވެސް އަދި ފިރިމީހާވެސް މިހާރު އަލާމާތްތަކަށް ފާރަވެރިވެގެން ތިބޭތީ އަވަހަށް ނަފްސާނީ އެހީ ހޯދަމެވެ. އެހެންނަމަވެސް މިއަދުވެސް އަހަރެންގެ ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އަމިއްލަ ނަފްސްކުށްވެރިކުރުވާ އަދި ލަދުވެތިކަމެއްގެ ކަނޑެއްގައި ޣަރަގުކުރުވައެވެ. ކެއުން ބުއިމުގެ އެފަދަ އާދަތަކަކީ "އީޓިން ޑިޒޯޑާރ" ގެ ތެރޭގައި ހިމެނޭ ބައްޔެއްގެ އަލާމާތެއްކަން އަހަރެންނަށް ކުރިން އެގުނުނަމަ އަހަރެންގެ ދިރިއުޅުމުގެ ވާހަކައާއި ދަރިފުޅުގެ ދިރިއުޅުމުގެ ވާހަކަ ތަފާތުވީސްނޫންބާއޭ އަހަރެން އަބަދުވެސް ހިތައް އަރައެވެ.

އާންމުކޮށް އަހަރެމެންނަށް ހީވެފައި އޮންނާނީ "އީޓިންގ ޑިޒޯޑާރސް" އަކީ ކެއުމުގެ އާދަކާދަ ނުވަތަ "ސްޓައިލެއް" ކަމުގައެވެ. އެހެންނަމަވެސް މި "ޑިޒޯޑާރސް"ގެ ތެރޭގައި ހިމެނޭ ބަލިތަކަކީ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުންލިބި ފުރާނައަށްވެސް ނުރައްކާކުރުވާ ބަލިތަކެކެވެ. އަދި ވިސްނުމަށާއި، އުޅުމާއި އެކިއެކި އިހުސާސްތަކަށް ބަދަލުއައިސް އާންމު ދިރިއުޅުމެއް އުޅުމަށް އުދަގޫ ކުރުވާ ބަލިތަކެކެވެ. "އީޓިންގ ޑިޒޯޑާރސް"ގެ ތެރޭގައި ހިމެނޭ އެންމެ އާންމު ބަލިތަކުގެ ތެރޭގައި"އެނޮރެކްސިޔާ ނަރވޯސް"، "ބުލީމިއާ ނަރވޯސާ"، "ބިންޖް އީޓިންގ ޑިޒޯޑާރ" އަދި " އެވޮއިޑެންޓްރެސްޓްރިކްޓިވް ފުޑް އިންޓޭކް ޑިޒޯޑާރ" ހިމެނެއެވެ. އާދަޔާ ޚިލާފަށް ކާއެއްޗެހީގެ ކެލޮރީބަލަން ސަމާލުކަން ދިނުމާއި، މާބޮޑަށް ބަރުދަނާއި ދޭތެރޭވިސްނާ އެވާހަކަ ދެއްކުމާއި އަދި ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް އާދަޔާ ޚިލާފު ސަމާލުކަމެއް ދިނުމަކީ މިބަލީގެ އަލާމާތްތަކަކަށް ވެދާނެއެވެ. މިދިޔަ 30 އަހަރުގެ ތެރޭގައި މިބަލިތަކަށް ދެވިފައިވާ އަހަމިއްޔަތު އިތުރުވެފައިވީ ނަމަވެސް މި ބައްޔާމެދު ކުރެވިފައިވާ ދިރާސާތައް އަދިވެސް ނިސްބަތުން މަދެވެ. އެހެންކަމުން ބަލި ދެނެގަތުމާއި ބަލީގެ ފަރުވާގައިވެސް ލަސްކަމާއި އުދަގޫ ކަންތައްތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް ކުރެވިފައިވާ މަދު ދިރާސާތަކަށް ބަލާއިރުވެސް މިއީ އާންމު ބައްޔެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ހިސާބުތައް ދައްކާގޮތުން 2019 އަހަރު އެކަނިވެސް ދުނިޔޭގައި 14 މިލިއަން މީހުން މިބަލިތައް ތަހައްމަލުކުރިއެވެ. މީގެ ތެރޭގައި 3 މިލިއަން ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ހިމެނެއެވެ.

"އީޓިންގ ޑިޒޯޑާރސް" ގެ ތެރޭގައި ހިމެނޭ ބަލިތަކަށް މަގު ފަހިވެދާނެ ސަބަބުތަކަކީ ކޮބާ؟

ކޮންމެ ޖިންސެއްގެ، ކޮންމެ ދަރިކޮޅެއްގެ، ކޮންމެ ބަރުދަނެއްގެ އަދި ކޮންމެ އުމުރެއްގެ މީހަކަށްވެސް މިބަލިތައް ޖެހުމުގެ ފުރުސަތު އޮވެއެވެ. އާންމުގޮތެއްގައި މިބަލިތައް ފެށިގެން އަންނަނީ ފުރާވަރުގެ އުމުރުގައި ނުވަތަ ޒުވާން އުމުރުގައި ނަމަވެސް ކުޑަކުދިންނާއި އަދި މެދުއުމުރާއި ދޮށީއުމުރުގައިވެސް މިބަލިތަކަށް ހުށަހޮޅުމުގެ ފުރުސަތުއޮންނަކަމަށް ދިރާސާތަކުން ދައްކައެވެ.

މިބަލިތައް ޖެހުމަށް މަގުފަހި ކުރުވާ ސަބަބުތަކުގެ ތެރޭގައި "ޖެނެޓިކްސް" ހިމެނެއެވެ.ބައެއް "ޖީންސް"ތައް ހުންނަ މީހުނަށް މިބަލި ޖެހުމުގެ ފުރުސަތު އިތިރުވެއެވެ. އަދި މިބައްޔަކީ ވާރުތަ ކުރާގޮތް ހުންނަ ބައްޔެއްކަމަށްވެސް ބައެއް ދިރާސާތަކުން ދައްކައެވެ. ހަމަ މިއާއިއެކު މާބަނޑު ދުވަސްވަރު ނުވަތަ ވިހާތާ ކުރީކޮޅު މައިމީހާ ބޮޑެތި ހާސްކަންތަކާއި ކުރިމަތިވީ ނަމަ އެ ދަރިއަކަށް މިބަލިތައް ޖެހުމުގެ ފުރުސަތު އޮވެއެވެ.

"އޯޓިސަމް"، "އޭ.ޑީ.އެޗް.ޑީ" އަދި "ޑިޕްރެޝަން" ފަދަ އެހެނިހެން ބަލިތައް ހުންނަ މީހުންނާއި ކުދިންނަށް މިބަލި ޖެހުމުގެ ފުރުސަތު އެހެންމީހުންނަށްވުރެ ބޮޑެވެ.ނަފްސާނީ ދުޅަހެޔޮކަމުގެ މިންވަރު މިބަލިތަކަށް މަގު ފަހިކުރުވައެވެ. މިގޮތުން "އޯ.ސީ.ޑީ"، "ޕާފެކްޝިނަޒިމް"، "އެންޒައިޓީ" ހުންނަ މީހުންނާއި، "ނެގެޓިވް" ޚިޔާލުތަކާއި ވިސްނުންތައް ގިނަމީހުންނާއި، އަމިއްލަ ނަފްސަށް އިތުބާރު ކުޑަމީހުންނާއި، މާބޮޑަށް ކަންކަމާއި ހާސްވާ މީހުންނާއި، އަމިއްލަ ހަށިގަނޑުގެ ސިފަތަކާއިމެދު ހިތްހަމަ ނުޖެހޭ މީހުންނާއި، އެހެންމީހުންނަށް މާ ބޮޑަށް ބަރޯސާވެގެން އުޅޭ މީހުންގެ މެދުގައި މިބަލި ގިނަކަމަށް ދިރާސާތަކުން ދައްކައެވެ.

ދިރިއުޅުމުގެ އާދަކާދަތައް، އެމީހެއްގެ ދިރިއުޅުމުގެ ހާލަތާއި ވައްޓަފާޅި ބަލިތަކަށް މަގުފަހިވުމުގައި ދައުރެއް އަދާ ކުރާކަމަށް ދިރާސާތަކުން ދައްކައެވެ. މިގޮތުން، ހިކިމީހުންނަށް "އެންކަރޭޖްކުރާ" މުޖުތަމައުތަކާއި، ވަކި ބައްޓަމަކަށް ނުވަތަ ކުލައަކަށް ތިބީމާ ދަށްކޮށްލާ މުޖުތަމައުތަކާއި، އެކަކު އަނެކެއްގެ ހަށިގަނޑާއި އަޅާކިއުމުގެ މައްސަލަތައް ގިނަ ދިރިއުޅުންތަކުގައިވެސް މި ބަލި ގިނައެވެ. އަދި ސިފައާއި މެދު މަލާމާތް ކުރުމާއި، ގަނާކުރުން ފަދަ ކަންތައްތަކަކީވެސް މީގައި ހިމެނޭ ކަންކަމެވެ. މީގެ އިތުރުން ކުޑަކުދިންނާއި ފުރާވަރު އުމުރުގައި މައިން ބަފައިން ކުދިންގެ ކެއުމަށް ދޭންވާ ސަމާލުކަން ނުދިނުންވެސް މިބައްޔަށް މަގުފަހިވާ ކަންތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމަ މިއާއެކު އައު ބައެއް ދިރާސާތަކުން ދައްކާގޮތުގައި މިބަލި ހުންނަ މީހުންގެ ސިކުނޑީގެ އެކި ތަހުލީލުތައް ދައްކާގޮތުން އެމީހުންގެ ސިކުނޑީގެ މަސައްކަތުގައި (އެކްޓިވިޓީގައި) މިބަލި ނުހުންނަ މީހުންނާއި ތަފާތުތަކެއް ހުރެއެވެ.

"އީޓިންގ ޑިޒޯޑާރސް" ގެ ތެރޭގައި ހިމެނޭ ބަލިތަކުގެ އަލާމާތްތަކަކީ ކޮބާ؟

"އެނޮރެކްސިޔާ ނަރވޯސާ"

މިބަލީގައި އެހެނިހެން ސިއްޙީ މައްސަލައެއްނެތި އަދި ކާއެއްޗެހި ލިބުމުގެ ދަތިކަމެއްވެސް ނެތި މީހާގެ އުމުރާއި އިސްކޮޅާއި އަޅާބަލާއިރު ބަރުދަން އަދި ހެދިބޮޑުވާއި މިންވަރާއި، "ބޮޑީ މާސް އިންޑެކްސް ނުވަތަ އިސްކޮޅާއި ބަރުދަނަށް ބަލާ ސަރުބީ (ފެޓް) ހުންނަ މިންވަރު" (ބީ.އެމް.އައި) ހުންނަންޖެހޭ މިންވަރަށްވުރެ ދަށްވެއެވެ. އަދި ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ "ބީ.އެމް.އައި" 5 ވަނަ "ޕަސެންޓައިލް" ނުވަތަ މިންވަރަށްވުރެ ދަށްވެއެވެ. މިދެންނެވި ބަރުދަން ލުއިވުމާއި އެކު އެމީހާގެ ނުވަތަ ކުއްޖެއްގެ އަމަލުތައް ބަރުދަން އިތުރުނުވާނޭ ގޮތަކަށް ބައްޓަން ކުރެއެވެ. މިގޮތުން:

ދުވަހެއްގައި ނެގޭ ހަކަތައިގެ މިންވަރު ނުވަތަ "އެނާރޖީ އިންޓޭކް" ދައްކޮށް އެމިންވަރު އިތުރުވެދާނިތޭ ކެއުމުން މަހުރޫމުވުން.(ރެސްޓްރިކްޓިވް އީޓިންގް)

ހަށިގަނޑުން އެކިގޮތްގޮތަށް ކާއެއްޗެހި ބޭރުކުރުން. (މިސާލަކަށް ގަދަކަމުން ހޮޑުލުމާއި، އަވަސް އަވަހަށް ބޮޑުކަމުދިއުމަށް އެކި ބޭސްފަދަ އެއްޗެހި ބޭނުންކުރުން.)

މާގިނައިން ކަސްރަތަށް ދެވިހިފާ އަބަދުވެސް ބަރުދަން އިތުރުވެދާނެތީ ކަންބޮޑުވެގެން އުޅުން.

މިކަންތަކަކީ "ނޯރމަލް" ނުވަތަ ދުޅަހެޔޮ ކަންތައްކަމަށް އެފަދަ މީހުން އަމިއްލައަށް ގަބޫލުކުރުން

މިބައްޔަށް ފަރުވާ ނުކުރެވި ދުވަސް ވެއްޖެނަމަ ފެނިދާނެ އެހެން އަލާމާތްތަކުގެ ތެރޭގައި

ކަށިތައް ބަލިކަށިވުން.

މަސްތަކުގެ ބާރުދެރަވުން.

ލޭމަދުވުން.

އިސްތަށިގަނޑާއި ނިޔަފަތިތައް ބަލިކަށިވުން.

ހަންގަނޑު ހިކުމާއި، ރީދޫކުލަ އެރުން.

ކުދި އިސްތަށި ހަށިގަނޑުގެ އެކި ހިސާބުގައި ގިނަވުން.

ބަނޑުހަރުވެ ފާހާނާ ކުރަން އުދަގޫވުން.

ލޭގެ ޕްރެޝަރު ދަށަށް ދިއުން.

ހިތުގެ ވިންދުދައްވުން.

ހިތުގެ ބަލިތަކާއި މައްސަލަތައް ދިމާވުން.

ސިކުނޑީގެ ބަލިތައް ދިމާވުން.

އެހެނިހެން ގުނަވަންތައް ފެއިލްވުން.

ހަށިގަނޑުގެ ހޫނު ހުންނަ މިންވަރު ދަށްވެ އަބަދު ފިނިވެފައި ހުރުން.

ދަރިމައިވުމުގެ މައްސަލަތައް ދިމާވުން.

"ބުލީމިއާ ނަރވޯސާ"

މިބަލީގައި ހިމެނެނީ ކުއްލި ކުއްލިއަށް ވަރަށް ގިނައިން ކެއުމެވެ. މިސާލަކަށް މަދުވެގެން ހަފްތާއަކު އެއްދުވަހު އެންމެ މަދުވެގެން މަހެއް ވަންދެން އެއްފަހަރާ މާގިނައިން ކެއުންފަދަ ކަންކަން މެދުވެރިވެއެވެ. މިއެޕިސޯޑުތަކުގައި ބަލިމީހާއަށް މިކެއުމަށް ބޭނުންވާ ބޭނުންވުން ކޮންޓްރޯލު ނުކުރެވޭކަމުގެ އިހުސާސްކުރެވެއެވެ. އަދި މިފަދަ އެޕިސޯޑުތަކުގައި ކެއުން ހުއްޓާނުލެވިގެން އުޅޭކަމުގެ އިހުސާސްކުރެވެއެވެ. ހަމަ މިއާއިއެކު ކެއުމާއެކު، ކެއުމުގެ ސަބަބުން ބަރުދަން އިތުރުވެދާނެތީ އޭގެ ފަހުން ގަދަކަމުން ހޮޑުލުމާއި، ބޭސްބޭނުންކޮށްގެން އަވަސްއަވަހަށް ފާހާނާ ކުރުމާއި އަދި ވަރަށް ގަދައަށް ކަސްރަތުކުރުން ހިމެނެއެވެ. އަބަދުވެސް ބަރުދަނާއި އަދި ހަށިގަނޑުގެ ބައްޓަމާއި މެދު ވިސްނުމާއި އަމިއްލައަށް މިއީ ރަގަޅުގޮތް ކަމަށް ބަލިމީހުން ގަމބޫލުކުރެއެވެ. މިބަލީގެ މީހުން ބަރުދަން ހުންނަންޖެހޭ މިންވަރަށް ވުރެ ދަށްކޮށް ނުވަތަ މަދުކޮށްވެސް ހުރެފާނެއެވެ. އަދި ބަރުދަން ހުންނަންޖެހޭ މިންގަނޑުގައިވެސް ހުރެފާނެއެވެ.

މިބައްޔަށް ފަރުވާ ނުކުރެވި ދުވަސް ވެއްޖެނަމަ ފެނިދާނެ އެހެން އަލާމާތްތަކުގެ ތެރޭގައި:

– ކަރުގެ އެތެރެ ދުޅަވެ، ރިއްސުން

– ކަރުގެ އަދި ކޯކަށިގަނޑު ކައިރީގައި ގޮށްލުން

– ދަތުގެ މައްސަލަތައް

– ވައިގެ އުދަގޫ

– ފާހަނާކުރުމަށް ބޭނުންކުރާ ބޭސް މާގިނައިން ބޭނުންކުރުމުން ގޮހޮރަށް ދިމާވާ މައްސަލަތައް

އޯކާދެމި ހޮޑުލުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުން.

– އޯކާދެމި ހޮޑުލުމުގެ ސަބަބުން ހަށިގަނޑުން ލޮނު (ސޯޑިއަމް، ކެލްޝިއަމް، ޕޮޓޭޝިއަމް އަދި އެހެނިހެން މާއްދާތައް) މަދުވެ އެހެނިހެން ގުނަވަންތަކަށް ގެއްލުންވުން.

"ބިންޖް އީޓިންގ ޑިޒޯޑާރ"

މިބަލީގެ މީހުންނަށްވެސް ކުއްލި ކުއްލިއަށް އާދަޔާ ޙިލާފަށް ގިނައިން ކާހިތްވާ އެޕިސޯޑްސް އާދެއެވެ. ވަރަށް ގިނަ މަސްތަކެއް ވަންދެން ހަފްތާއަކު އެއްފަހަރު ނޫނީ އެއަށްވުރެ ގިނައިން އާންމުކޮށް ކާ މިންވަރަށްވުރެ އިތުރަށް އަމިއްލަ ކޮންޓްރޯލެއްނެތް ކަމުގެ އިހުސާސާއިއެކު ކާން ބޭނުންވެ ކެއުން ގިނަވެއެވެ. މިފަދަ އެޕިސޯޑުތަކުގައި ހާސްވެ ކަންބޯޑުވެ، އިހުސާސްތައް ކޮންޓްރޯލުނުވެ އެގޮތައް ކެވޭތީ ލަދުގަންނަގޮތް މެދުވެރިވެއެވއެހެންނަމަވެސް މިމީހުން އާންމުގޮތެއގައި ކެއުމުގެ ފަހުން ގަދަކަމުން ހޮޑުލާ، ކަސްރަތުކޮށް މިކަންތަތަކެއް ނުކުރާނެއެވެ. "ބުލީމިއާ" އާއި "ބިންޖް އީޓިން ޑިޒޯޑާރ"ހުރި މައިގަނޑު ތަފާތަކީވެސް މިއެވެ. އެހެންކަމުން މިބަލީގެ މީހުންނަކީ އާންމުކޮށް ބަރުދަން ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރަށް ހުންނަ މީހުންނެވެ.

މިބަލީގައި އާންމުކޮށް ފެންނަ އަލާމާތްތައް:

އާދަޔާ ޚިލާފާށް ގިނައިން އެއްފަހަރާ ކެއުން އަދި މިގޮތަށް ކެއުން ވަކި ގަޑިތަކަށް ބަހާލައިގެން ކުރުން.

ބަނޑުހައި ނުވިޔަސް ކެއުން.

މި އެޕިސޯޑުތަކުގައި ވަރަށް އަވަސް އަވަހަށް ކެއުން.

ބަނޑު ފުރިގެން ބަނޑަށް އުދަގޫ ވަންދެން ކެއުން.

އެކަން ފޮރުވުމަށް އެހެން މީހުންނަށް ނުފެންނާނެހެން ކެއުން.

މި އެޕިސޯޑުތަކުގެ ސަބަބުން ދެރަވެ ލަދުގަތުން.

އެކިކަހަލަ ޑައެޓް ޕްރޮގްރާމްސް ތަކުގައި ބައިވެރިވެ އުޅުން (އާންމުކޮށް ނަތީޖާއެއް ނުފެނުނަސް)

"އެވޮއިޑެންޓް-ރެސްޓްރިކްޓިވް ފުޑް އިންޓޭކް ޑިޒޯޑާރ"

މިބަލީގެ ސަބަބުން އެކަށީގެންވާ މިންވަރަށްވުރެ މަދުން ކެއުން ބައްޓަންކުރެއެވެ. އޭގެ ސަބަބުން ބޮޑެތި މީހުންގެ ބަރުދަން ލުއިވެ، ކުޑަކުދިން އަދި ފުރާވަރު އުމުރުގެ ކުދިންގެ ބަރުދަން އިތުރުވުމަށް ހުރަސް އަޅައެވެ. އަދި މާބަޑު ދުވަސްވަރު ބަރުދަން އިތުރުނުވުމާއި އެކި ކަހަލަ "ނިއުޓްރިޝަނަލް ޑިފިޝިއަންސީސް" ނުވަތަ ހަށިގަނޑަށް ބޭނުންވާ އެކިމާއްދާތައް މަދުވެ ތަފާތު "ސަޕްލިމެންޓްސް" އަށް އަދި ބޮޑުވަރުވާ ފަރާތްތަކުން ހޮޅިން ކެއުމަށް އާދަވާ ހިސާބަށްދެއެވެ. އަދި މީގެ އިތުރުން ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކުގެ މަސައްކަތަށްވެސް ބުރޫއަރައެވެ. މިމީހުންގެ ކެއުން އަމިއްލައަށް ލިމިޓްކުރަނީ އެހެން ސިއްޙީ މައްސަލައެއްގެ ސަބަބުން ނުވަތަ ކާއެއްޗެހި ހޯދުމަށް ހުރި ދަތިކަމެއްގެ ސަބަބުން ނޫނެވެ. މިބައްޔަކީ ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި އާންމު ބައްޔެކެވެ.

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި:

އާންމުކޮށް އެއުމުރުގެ މީހުން ނުވަތަ ކުދިން ކާ މިންވަރަށް ވުރެ މަދުން ކެއުން އަދި ވަކި ބާވަތެއްގެ ކާ އެއެއްޗެހި ނުކެއުން.

ކާހިތް ނުވުމާއި ކާ އެއްޗެއްސަށް ބޭނުންނުވުން.

ބަރުދަން މާ ބޮޑަށް ލުއިވުން.

ބަނޑުގައި ރިއްސުމާއި ގޮހޮރުގެ މައްސަލަތައް ދިމާވުން.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެލޮރީ ބޭނުންނުކުރުން.

"ޕިކާ"

މިބަލީގެ ކާއެއްޗެއްސާއި އެހެނިހެން ތަކެތި ވަކިކުރަން އެގޭ އުމުރަށް (ގާތްގަޑަކަށް އުމުރުން 2 އަހަރު) އެޅޭފަހުން އާންމުކޮށް ކާއެއްޗެހި ފިޔަވާ އެހެނިހެން ތަކެތި ކެއުމަށް މެދުވެރިއެވެ. މިސާލަކަށް ޗަކަ،ޗޯކު،އިސްތަށި،ވެލި، ކަރުދާސް އަދި ދަގަނޑު ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ރޯހަނޑޫ، ހުސް ލޮނު ނުވަތަ ނުކައްކާ ފުށް ފަދަ ތަކެތި ގިނައިން ކެއުން ހިމެނެއެވެ.

ނޯޓު: "އީޓިންގ ޑިޒޯޑާސް" ގެ އަދި އިތުރު ވައްތަރުތައްވެސް ހުންނާނެއެވެ. މިލިޔުމުގައި ހިމަނާލާފައިވަނީ އޭގެ ތެރޭގައި ހިމެނޭ ބަލިތަކުގެ ތެރެއިން އެންމެ އާންމު ބަލިތަކެވެ. އަދި މަތީގައި ބުނެދެވިފައިވާ ބަލިތަކުގެ ތަފާތު ވައްތަރުތަކެއް އަދި ގިންތިތަކެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ "އިންޓަނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިޒީޒަސް -11″ގައި ފާހަގަކޮށްފައި ހުންނާނެއެވެ. އަލާމާތްތަކާއި ބަލިމީހާގެ އިންޓަވިއުގެ ފަހުން މި ބަލިހުރިކަމަށް އަދި ބަލީގެ ގިންތި ނިންމާނީ ނަފްސާނީ ބަލީގެ ހާއްސަ މާހިރުންނެވެ.

"އީޓިންގ ޑިޒޯޑާރސް" ގެ ފަރުވާއަކީ ކޮބާ؟

މިބަލީގެ ފަރުވާ ހޯދާ މީހުން ނިސްބަތުން މަދެވެ. އެހެންނަމަވެސް ބަލީގެ ކުރީކޮޅުގައި ފަރުވާ ހޯދުމަކީ ފަރުވާގެ ނަތީޖާ ރަގަޅުވާ ކަމެކެވެ. ފަރުވާ ނުކުރެވިއްޖެނަމަ މިބަލީގެ މީހުންނަކީ އަމިއްލަ ނަފްސަށް ގެއްލުންދީ އަދި އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް އަންނަބަޔެކެވެ. ހަމަ މިއާއިއެކު މިބަލީގެ ސަބަބުން އެހެނިހެން ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑެވެ. މިބައްޔަކީ ދިގު މުއްދަތަކަށް ބޭސްކޮށް ފަރުވާ ކުރަންޖެހޭ ބައްޔެކެވެ.

މިބަލީގެ ފަރުވާގެ ތެރޭގައި:

ވަކިވަކިން ނުވަތަ ގްރޫޕެއްގައިދެވޭ ތެރަޕީ

ކެއުމާއި ބެހޭ އާދަތަކުގެ ކައުންސެލިން އަދި ފަރުވާ (ނިއުޓްރިޝެނަލް ކައުންސެލިންގ)

މި ބަލީގެ ސަބަބުން ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކުގެ މައްސަލައެއް ހުރިތޯބަލާ އެކަންކަމަށް ފަރުވާކުރުން

ބޭސް (ބޭސް ފަށާނީ އެމީހެއްގެ ހާލަތައްބަލައި ނަފްސާނީ ބަލީގެ މާހިރެކެވެ.)

"އީޓިންގ ޑިޒޯޑާރސް"ގެ ބަލިތައްދެނެގަތުމުގައި އަދި ރައްކާތެރިވުމުގައި ސަމާލުކަން ދެވިދާނެކަންތައްތައް؟

"އީޓިންގް ޑިޒޯޑާރސް" އަކީ އާންމުގޮތެއްގައި ބަލީގެ ކުރީ ކޮޅު ދެނެގަންނަން އުދަގޫ ބައްޔެކެވެ. އާންމު ގޮތެއްގައި ދެނެ ގަނެވެނީ ބަލީގެ ފަހުކޮޅު ނުވަތަ އެހެން ކަމަކަށް ސިއްޙީ އެހީތެރިކަން ހޯދުމުގެ ތެރޭގައެވެ. އެއްސަބަބަކީ ގިނަ ފަހަރަށް މިބަލީގެ އަލާމާތްތަކަކީ ބައްޔެއްގެ  އަލާމާތްތަކެއްކަން ނޭނގުމެވެ. ދެވަނަ ކަމަކީ ބަލީގެ ޒާތުންލަދުގަނެ ފަރުވާ ހޯދުމަށް ޖެހިލުން ވުމެވެ. އެހެންނަމެވެސް ހަނދާނުގައި ބަހައްޓަންވީ ފަރުވާ ނުހޯދިއްޖެނަމަ މީ ފުރާނައަށް ނުރައްކާވެ ދިރިއުޅުމުގެ އެކިއެކި ކަންތަކަށް ބުރޫއަރާ ބައްޔެއްކަމެވެ.

މީގެ އިތުރުން ކުޑަ ކުދިންނާއި ފުރާވަރުގެ ކުދިން ގަޑިންގަޑިއަށް މިންހެޔޮ ކެއުމެއްކާކަން ޔަގީންކުރުމާއި، އުމުރާއި އިސްކޮޅާއި ބަލާއިރު ބަރުދަން ލުއިނަމަ ނުވަތަ ބަރުނަމަވެސް މާހިރުންގެ ލަފާހޯދުން މުހިންމެވެ. މިބަލިތައް ގިނައިން ފެށިގެން އަންނަނީ ފުރާވަރު އަދި ޒުވާން އުމުރުގައި ކަމުން މިބަލިތަކުން ކުދިން ރައްކާތެރިކުރަން ނުވަތަ އަވަހަށް ދެނެގަންނަން ބެލެނިވެރިންގެ ދައުރު ބޮޑުކަމަށް ފާހަގަ ކުރެވެއެވެ.

އަދުގެ ސޯޝަލް މީޑިއާއަކީ މި ކަންތައްތަކަށް މަގުފަހި ކުރުވާ ކަންކަމެވެ. އެހެންކަމުން ހާއްސަކޮށް ފުރާވަރު ކުދިންނާއި ޒުވާނުން ބަލާ "ކޮންޓެންޓް" އާއި "ފޮލޯ" ކުރާ މީހުން ބަލާ އޭގެން ކުދިންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ބަލާ ފާރަވެރިވުމަކީ މައިންބަފައިންނަށް ކުރެވިދާނެކަމެވެ. ހަމަމިއާއިއެކު ކުދިންގެ އަމިއްލަ ސިފައާއި ހަށިގަނޑުދެކެ ލޯބިވާން ދަސްކޮށްދީ އަމިއްލަ ނަފްސަށްކުރާ އިތުބާރު އިތުރުކުރަން ކުދިންނަށް ދަސްކޮށްދިނުމަކީވެސް ކުރެވިދާނެކަމެކެވެ.

އަދި ބޮޑެތި މީހުންވެސް މިބަލާ، އަޑު އަހާ ތަކެތި ވަޒަންކޮށް އޭގެން ކުރަނީ ރަގަޅު އަސަރެއްތޯ ބެލުން ރަގަޅެވެ. ފެންނަ ކޮންމެ މޮޑެލްއަކާ ޑައިޓެއް ބަލާ ހެދުމުގެ ބަދަލުގައި މާހިރުންގެ ލަފައާއިއެކު މެދު މިންވަރެއްގައި ކެއުމާއި ކަސްރަތުގެ ކަންކަންވެސް ބެހެއްޓުން ރަގަޅެވެ. މީގެ އިތުރުން ގަނާ ކުރުމާއި މީހުންގެ ސިފައަށް ބަސްބުނެ މަލާމާތް ކުރުން ހުއްޓުމާއި، އެފަދަ ކަމެއް ރައްދުވާ ގާތް މީހެއް ހުރިނަމަ އެހީތެރިވެދެވިދާނެއެވެ. މިބައްޔަށް ފަރުވާ ކުރާ ގާތް މީހަކު ހުރިނަމަ އެމީހެއްގެ ފަރުވާގެ އެކި މަރުހަލާތަކުގައި އެހީތެރިވެ ދިނުމަކީ އެމީހުން އާންމު ހާލަތަކަށް އައުމަށް ކޮށްދެވިދާނެކަމެވެ. ގިނަ ނަފްސާނީ ބަލިތަކުގެ ފަރުވާގައި ވަށައިގެން އުޅޭ މީހުންގެ ދައުރު ބޮޑެވެ. "އީޓިންގ ޑިޒޯޑާރސް" ގެ ތެރޭގައި ހިމެނޭ ބަލިތައް ދެނެގަތުމާއި ފަރުވާވެސް މީގެން އިސްތިސްނާނުވެއެވެ.

ނޯޓް: މިލިޔުމަކީ މިބައްޔާގުޅޭ ތަފާތު ލިޔުންތައް ކިޔުމަށްފަހު އަދި ޑޮކްޓަރެއްގެ ހައިސިއްޔަތުން ލިބިފައިވާ އިލްމާއި ތަޖުރިބާގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މިއީ ސިއްޙީމާހިރުންނަށް ލިޔެފައިވާ ލިޔުމެއްނޫނެވެ. މިއީ އާންމުންގެ ތެރޭގައި "އީޓިންގް ޑިޒޯޑާރސް" ގެ ތެރޭގައި ހިމެނޭ އާންމު ބަލިތަކުގެ އަލާމާތްތަކާއި ފަރުވާއާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ލިޔެފައިވާ ލިޔުމެކެވެ. އަދި އެބަލި ހުންނަ ފަރާތްތަކާއި އާއިލާތަކަށް އެހީއެއްގެ ގޮތުން ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން ބަލީގެ އަލާމާތެއް ފެންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ހިތްވަރު ދިނުމާއި ނަފްސާނީ ބަލިތަކުގެ ސަބަބުން މީހުން އެކަހެރިކުރާ އެކަހެރިކުރުން މަދުކުރަން އެހީތެރިވުމަކީ މިފަދަ ލިޔުންތަކުން ހާސިލްކުރަންމޭނުންވާ މަގުސަދެވެ. ފެށުމުގައި ހިމަނާފައިވަނީ އަސްލަކަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.  

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *