logo minivan

English

އަންގާރަ, 16 ޖުލައި 2024

މިނިސްޓަރު އިހްސާންއަކީ އެހެން މިނިިސްޓަރުންނަށް ނަމޫނާއެއް

ތަފާތެވެ. އޭނާގެ މަސައްކަތް މުޅިން ތަފާތެވެ. އޭނާގެ ޕޯޓްފޯލިއޯގެ ދަށުގައިވާ ކޮންމެ ދާއިރާއަކާ ގުޅޭ ކަމެއްގައިވެސް އެންމެ ފުރަތަަމަ މީޑިއާ ކުރިމައްޗަށް، ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަވައި ހުންނަވަނީ އޭނާއެވެ. އެއީ މިހާރުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހްސާނެވެ.

އިއްޔެ ގައުމުގައި އެންމެ ގަދައަށް އުޅުނީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު ނިޔާވިއިރު އޭނާގެ ހަށިގަނޑުން ޒަހަމްތަކެއް ފެނިފައިވާތީ އެއީ ޖަލު އަނިޔާއިން ލިބިފައިވާ އަނިޔާތަކެއްކަމަށް ބުނެ އާންމުވި ވާހަކައެވެ. އެކަމަށް ޖަވާބު ދެއްވަން ފުލުހުންނާއި ކަރެކްޝަންސް އެއް މޭޒެއް ދޮށަށް ގެނެސް ވަގުތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ސާދާ ޖަވާބުތަކެއް ދެއްވިއެވެ. އަދި އެކަމުގައި ގޯސްކޮށް ހިނގާފައިވާ ކަމަށް އެމަނިކުފާނަށް ފާހަގަ ކުރެއްވުނު ކަންކަންވެސް ވަނީ ވިދާޅުވެ ދެއްވާފައެވެ. ދެން ދެއްވީ އެކަންކަން ރަނގަޅު ކުރައްވާނެކަމުގެ ޔަގީންކަމެވެ. ރަނގަޅު ކުރައްވާނެކަން ޔަގީނެވެ.

އޭގެ ކުރިން ކަރެކްޝަނަލް ސާވިސްގެ 13 އޮފިސަރަކު ހައްޔަރުކުރި ހާދިސާގައިވެސް ނުކުންނެވީ ހަމަ އިހްސާނެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ޖަލަށް މަސްތުވާތަކެތި ވައްދާކަމުގެ ތުހުމަތުގައެވެ. އިހްސާން ނުކުންނަވާ ވިދާޅުވީ އެމީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެކަން މިހާރު ގެންދަނީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.

އަހަރެންގެ ނަޒަރުގައި އިހްސާން އެދައްކަވަނީ ދައުލަތުގެ މިނިސްޓަރުން ދައްކަން ޖެހޭނެ ހަގީގީ މިސާލެވެ. ނަމޫނާއެވެ. ޒިންމާއިން ރެކުމުގެ ބަދަލުގައި ވަގުތު ފާއިތު ނުވަނީސް ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް ފަސް ޖެހުމެއް ނެތި ހާމަކުރެއްވުމެވެ.

ކަރެކްޝަނަލް ސާވިސްގެ ހާދިސާގެ ކުރިއަށް ޖެހިލާއިރު އޭނާ ވަނީ ފުުލުހުން މަސްތުވާތަކެތީގެ ތަހުގީގު ހިންގާގޮތް ހިތްހަަމަ ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

"މަސްތުވާއެއްޗެއް އަތުލުމުން މިހާރު ބަލަނީ އެތަކެތި ކޮންމެވެސް މީހަކާ ގުޅުވުމަށް. އެއީ އެކަން އޮންނަންވާނެ ގޮތެއް ނޫން. އެކަން ޖެހޭނީ ރަނގަޅުކުރަން،" އިހްސާން ވިދާޅުވެފައިވެއެވެ.

އޭގެ ކުރިއަށް ޖެހިލާއިރު، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އޭނާ ނުކުންނެވީ ފުލުހުންގެ ތަހުގީގަށް ފާހަގަކުރެއްވުުނު ހުރިހާ ހެކިތަކެއް ހިމެނޭ ގޮތުން ވީޑިއޯ ޕްރެޒެންޓޭޝަނެއް ހައްދަވައިގެންނެވެ. އެ ރިޕޯޓް އާންމުކުރުމުން އާންމު ރައްޔިތުންނަށް އެމައްސަލައާމެދު އޮތް ތަސައްވުރު ދައުލަތުގެ ކޮޅަށް ބަދަލުވިއެވެ. ކޯޓުން ގޯހެއް ހަދައިފިކަމުގެ ވިސްނުމެއް ދައުރުވިއެވެ. މިކަމާ ގުޅިގެން ކުރިމިނަލް ކޯޓުން ވަނީ މިނިސްޓަރު އިހްސާނާއި އަދި ބައެއް ޕޮލިސް އޮފިސަރުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި، ފަނޑިޔާރުންގެ މަޖިލީހަށް އެމައްސަލަ ހުށައަޅާފައެވެ.

މިއިން އެއްވެސް ކަމަކުން އިހްސާން ފަހަތަަކަށް ނުޖެއްސުނެވެ. އޭނާ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް "ހަނގުރާމަ"އިއުލާނު ކުރައްވާފައެވެ. ޔުނީފޯމްއެޅި، އޭނާގެ ބެލުމުގެ ދަށުގައިވާ މުވައްސަސާތަކުން ކޮރަޕްޝަން ނައްތާލުމަށް ފިޔަވަޅު އަޅުއްވަން ފައްޓަވާފައެވެ. ކިހާ ޕްރެޝަރެއް ހުންނާނެތޯއެވެ. ޔަގީނެވެ. ވަރަށް ޕްރެޝަރު ބޮޑުވާނެއެވެ.

ސަރުކާރަށް މިވީ ކުރުމުއްދަތުގައި އެންމެ ފާހަގަކޮށްލެވޭ މިނިސްޓަރުގެ ގޮތުގައި ނެގޭ އެއް މިނިސްޓަރަކީ އިހްސާނެވެ. އޭނާގެ ޓާމް ނިމުމުގެ ކުރިން ތަފާތު ދައްކާނެ ކަމާމެދު މިހާރު ޝައްކެއް ނުކުރަމެވެ. އެއީ އެހެން މިނިސްޓަރުންނަށް ނަމޫނާއެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *