ގަވާއިދާ ހިލާފަށް ކ. މާފުށީ ޖަލަށް ތަކެތި ވައްދައި، އެތަނުގައި ހިންގަމުންދާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފަށާފައިވާ އޮޕަރޭޝަންގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސާވިސްގެ 300 ވުރެ ގިނަ އޮފިސަރުން ބައިވެރިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން އެދިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި 183 ފުލުހަކާއި 81 ސިފައިންނާއި 40 ޖަލު އޮފިސަރަކު ބައިވެރިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި އޮޕަރޭޝަންގައި މިހާތަނަށް ޖަލުގެ އެކި ގޮޅިތަކުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކްސް ފެނިފައިވެއެވެ. އެގޮތުން 29 ފޯނާއި 17 ޗާޖަރާއި 12 ހެޑްސެޓާއި 3 ޕެންޑްރައިވާއި 3 އިއަރޕޮޑާއި 3 ކޭބަލް އަދި 2 ސިމްކާޑުގެ އިތުރުން ބޮގަރު ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މާފުށީ ޖަލު ބަލައިފާސްކުރަން ފެށީ ރިޝްވަތުގެ ގޮތުގައި ލިބުނު ކަމަށް ބެލެވޭ 73.6 މިލިއަން ރުފިޔާ ޖަލު ބަލަހައްޓާ 18 އޮފިސަރެއްގެ އެކައުންޓަށް އެކި ދުވަސްމަތިން ޖަމާވެފައިވާ ކަމަށް ފާހަގަކުރެވިގެންނެވެ. އެ މީހުންގެ އެކައުންޓަށް އެ ފައިސާ ޖަމާވެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށެވެ. އެތަނުން އެކެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ އޮފިސަރުންގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ނުވަ މީހުން ހައްޔަރު ކޮށްފައި ވަނީ ކ. މާފުށިން ކަމަށެވެ. އަދި ކ. ކާށިދޫން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި ހއ. އުތީމުން އެކަކު، މާލެ ވެސް އޮފިސަރަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.