އިރާނުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ތިން ދުވަސް ފަހުން ބާއްވާއިރު ގިނަ ބަޔަކު ވޯޓުލާން ނެރުމަށް ގައުމުގެ ރަސްމީ އިދާރާތަކުން މަސައްކަތް ފަށައިފިއެވެ. އެގޮތުން ގައުމުގެ ރައީސް ހޮވުމުގައި ރައްޔިތުންގެ ކޮނޑުުގައި އެޅިފައިފާ ބޮޑު މަސްޢޫލިއްޔަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އިލެކްޝަނާ ގުޅުން އިދާރާތަކުންނާއި މަދަނީ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.
އީރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި ހަތަރު ކެނޑިޑޭޓުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް ކާމިޔާބީ ނުލިބި, ދެވަނަ ބުރަކަށް ގޮސްފައިވާއިރު، ޖޫން 28ގައި ބޭއްވި އިންތިޚާބުގައި ކުރި ހޯއްދަވާފައިވާ ދެ ކެނޑިޑޭޓުންނަކީ އީރާނުގެ އިސް ނިއުކްލިޔަރ ނެގޯޝިއޭޓަރު ސަޢީދު ޖަލީލީއާއި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު މަސްޢޫދު ބީޛިޝްކިޔާނެވެ.
ހަފުތާ ބަންދުގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނުކުމެފައި ވަނީ, އެ ކަމުގެ ޙައްޤު ލިބިފައިވާ 61 މިލިޔަން މީހުންގެ ތެރެއިން އެންމެ 40 އިންސައްތަ މީހުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ތާޢީދެއް ހޯއްދަވާފައި ވަނީ ބީޛިޝްކިޔާނެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 42.5 އިންސައްތައެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރައްވާފައިވާ ޖަލީލީ ވަނީ 38.6 އިންސައްތަ މީހުންގެ ތާޢީދު ހޯއްދަވާފައެވެ. މިއީ, އީރާނުގެ 1979ވަނަ އަހަރު އިސްލާމީ އިންޤިލާބަށް ފަހު އެންމެ މަދު ޢަދަދެއްގެ ބަޔަކު ވޯޓުލުމުގައި ބައިވެރިވި ރިޔާސީ އިންތިޚާބެވެ. އަދި, އެއަށް ފަހު އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބެއް ދެވަނަ ބުރަކަށް ދިޔަ ދެވަނަ ފަހަރެވެ.
ފަހަކަށް އައިސް އީރާނުގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ ޢަދަދު މަދުވަމުންދާ ކަން ފާހަގަ ކުރެވެއެވެ. މި ގޮތުން, 2024ވަނަ އަހަރު ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާފައި ވަނީ, ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން އެންމެ 40 އިންސައްތައެވެ. މިއީ, 1979ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންޤިލާބަށް ފަހު ބޭއްވި އިންތިޚާބެއްގައި އެންމެ މަދު ޢަދަދެއްގެ ބަޔަކު ބައިވެރިވި ފަހަރެވެ.
އީރާނުުގައި ކުއްލި ރިޔާސީ އިންތިޚާބެއް ބާއްވާފައި މި ވަނީ އެ މަޤާމުގައި ހުންނެވި އިބްރާހީމް ރައީސީ އަވަހާރަވުމާ ގުޅިގެންނެވެ. ރައީސީ އަވަހާރަވެފައި ވަނީ މޭ 19ވަނަ ދުވަހު, އޭނާ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހިތާމަވެރި ހާދިސާގައެވެ.
އޭނާއާ އެކު ދަތުރު ކުރައްވަމުން ގެންދެވި ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީއާއި, އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ގަވަރުނަރު މާލިކު ރަޙްމަތީއާއި, ތަބްރީޛް ސިޓީގެ ހުކުރު ނަމާދާ ބެހޭ އިސްވެރިޔާ މުޙައްމަދު ޢަލީ އަލް-ހާޝިމް ވެސް އެ ހާދިސާގައި އަވަހާރަވިއެވެ.