logo minivan

English

އަންގާރަ, 16 ޖުލައި 2024

ކައުންސިލްތަކަށް ކުޑައިމީސް ކުރުމަކީ ގުދޯ ގުދޯ ގޮވުން، ދައުލަތުގެ ވެރިންނަށް މެސެޖެއް!

ކައުންސިލުތަކުން ބާރު ބޭނުންކޮށް ބޮޑެތި ގޯސް ހަދާ ވާހަކަތަކާއި، ކައުންސިލުތަކުން މާލީ ކަންކަން ނަހަމަ ގޮތުގައި ބޭނުންކުރާ ވާހަކަތަކާއި، ކަމެއް ނުކޮށް އަތްއުރާލައިގެން ތިބޭ ވާހަކައަކީ ކައުންސިލްތައް ވުޖޫދަށް އައުމާއެކުހެން ދެކެވެން ފެށުނު ވާހަކަތަކެވެ. މި ވާހަކަތައް ދޭތެރެއަކުން މެދުކެނޑުމަށްފަހު އަނެއްކާވެސް މިވާހަކަތަކުގެ އަޑު ގަދަވާން މިވަނީ ފަށާފައެވެ.

ކައުންސިލުތަކުން މާލީ ކަންކަމާއި ބާރުވެރިކަން ގޯސްކޮށް ބޭނުންކުރާނަމަ، އެއީ ހަގީގަތުގައިވެސް ހަމަ ވަރަށް ބޮޑު ގޯހެކެވެ. އެފަދަކައުންސިލުތައް، ރައްޔިތުންނަށް ޖަވާބުދާރީވެސް ވާންޖެހޭނެއެވެ. އަދިކަމާބެހޭ އިދާރާތަކުން ކައުންސިލުތައް ޒިންމާދާރު ކުރުވަންވެސް ވާނެއެވެ. ހިތާމަޔަކީ ދައުލަތުގެ އެހެން ބޮޑެތި ބާރުތަކުން ކުރާ މިފަދަ ކަމެއް ބެލޭނެ، ޒިންމާކުރުވޭނެ އެއްވެސް ގޮތެއް މިހާތަނަށް ފެނިފައި ނުވުމެވެ.

ލާމަރުކަޒީ ނިޒާމާއި ދިމާއިދިކީލި ހިޔާލާއި ފިކުރުތަކުން ތަޣައްޔަރުވެފައިވާ މަރުކަޒީ ބާރުތަކަށް ލޯބިކުރާ ފަރާތްތަކުން މިއަދު އެކިޔަނީ އާ ބާވަތެއްގެ ލަވައެކެވެ. ރަށްތަކާއި އެރަށްރަށުގެ ބިންތަކާއި ޤުދުރަތީ ވަސީލަތްތައް ސީދާ ގޮތުންނާއި ނުސީދާގޮތުން ހަމަގޮތާއި ނަހަމަ ގޮތުގައި ވިއްކައި ރަށުގެ ވަޒަންވެރިންނާއި މާދުރު ތިބި ބަޔަކަށް ފައިދާވި ޒަމާން ތާރީހާއެކު ނިމިދިޔަ ދިއުން ހިތްދަތި ކަމަކަށް ވެގެން އުޅޭ މަންޒަރު ފެންނާން ފަށައިފިއެވެ.

ކައުންސިލަރުންގެ މުސާރައަކީ ހައްޤުނޫން މަސައްކަތަކަށް ނުހައްޤުން ބޭނުންކުރާ އެއްޗެއް ކަމަށާއި، ކަމެއް ކުރަން ނުދަންނަ ތަނެއް ދޮރެއް އޮޅުންނުފިލާ ބައެއްްގެ ގޮތުގައި ކައުންސިލަރުން ސިފަކޮށް ކައުންސިލަރުންނަށް ޤަދަރުކުޑަވާ ގޮތަށް ބަސްބުނެވޭން ފަށާއިފިއެވެ.

ތަނެއް ދޮރެއް ނޭނގޭ ބައެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ގައިމުވެސް އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާމީހާގެ ކިބައިގައިވެސް ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވެގެން ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު އިންތިހާބު ކުރެވޭ ބައެކެވެ.

ރަށުގެ ރަށްވެހީންގެ ފުރިހަމަ ބައިވެރިވުމާއެކު ހިންގާ ނަތީޖާ ނެރޭ ކައުންސިލުތައްވެސް މަދެއްނޫނެވެ. މިސާލަކަށް އއ. ބޮޑުފޮޅުދޫ ކައުންސިލް ނަގަމާ ހިނގާށެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ކައުންސިލްގެ ފުރިހަމަ ފައިދާ އެެރަށު ރައްޔިތުންނަށް ކުރަމުންދާ ކަމަށް ރަށު ރައްޔިތުން ބުނެއެވެ. އަދި ކައުންސިލްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ހެކިތައް އެހެރީ ފެންނާށެވެ. ޕާޓީގެ ފިކުރަށް ބެލުމެއްނެތި ކައުންސިލަރުންނާ ރައްޔިތުންނަށް އޮންނަ ގުޅުން ސާފުކޮށް އެހެެރީ ފެންނާށެވެ.

ނިސްބަތުން ހުރިހާ ކައުންސިލުތަކުންވެސް ރައްޔިތުންނަށް، ރަށަށް، އަތޮޅަށް ކޮންމެވެސް ކަންތައްތަކެއް ކޮއްދިނުމަަށް މަސައްކަތް ކުރާނެކަން ޔަގީނެވެކައުންސިލުތަކުން ހުރިހާ މިނިސްޓްރީއެއްގެ ހުރިހާ މަސައްކަތްތަކެއް ކުރެވޭ ތަނަކަށް ވާއިރު، އަދި ރައްޔިތުންގެ ހެވާ ލާބައަށް ބުރަ މަސައްކަތްތަކެއް ކުރާއިރު ނުސީދާ ގޮތުންނާއި ސީދާ ގޮތުން ދައުލަތުގެ އިސް މަގާމުތައް ފުރުއްވާ ބޭފުޅުން ކައުންސިލްތަކަކީ އެއްވެސް އަގެއް ނެތް ތަނެއްގެ ގޮތުގައި ސިފަކުރުމީ ލާމަރުކަޒީ ނިޒާމަށް ލިބިގެންދާ ވަރަށްވެސް ބޮޑުހީނަރުކަމެކެވެ.

މަރުކަޒީ ބާރުތަކަށް ލޯބިކުރާ ބޭފުޅުން ޤައުމާމެދު އެވަރަށް ވިސްނަވާއިރު، ކޮންމެ ބޭފުޅަކު ތިން ހަތަރު ކައުންސިލަރުންގެ މުސާރައަށްވާ އަދަދަށް މުސާރަ ނަންގަވައިގެން ކުރައްވާ ކަމަކާއި، އުޅުއްވާ ގޮތެއް ރައްޔިތުންނަށް ސާފުވުންވެސް މުހިއްމު ނޫންތޯއެވެއައްޔަން ކުރެވޭ މަޤާމުތަކާއި އެމަގާމުތަކަށް އައްޔަން ކުރެވޭ ފަރާތްތަކުގެ ޝަރުތެއް ނެތް އެތައް މަގާމުތަކަކާއި، އެމަގާމުތަކުން އުފުލާ މަސްއޫލިއްޔަތަކެއް ނެތް އެތައް އެތައް މަގާމުތަކެއް ހުރިކަން ނުދަންނަ ދިވެއްސަކު ނެތެވެ.

ރައްޔިތަކު ކަމަކު ޖެހި ގުޅާލުމުން ރައްޔިތުންނަށް އެހީތެރިވުމަށް ނަގަން ޖެހޭ ފޯނު އަތްގަނޑު އުފުލާލެވޭހާ ވަރުވެސް ނެތް އެތައް ބޭފުޅުން އަބަދުވެސް އަމިއްލަ މަސައްކަތާއެކު އަވަދި ނެތި އުޅޭކަން ދަންނަ ދިވެހިންވެސް މަދެއް ނޫނެވެ.

ރައްޔިތުންގެ ކަންކަން އެރައްޔިތުންނާއި ގާތުން ނިންމުމަށް ލިބިފައިވާ ބާރުތައް ހަނިކުރުމަށް އެކި އެކި ބަހަނާތައް ދައްކައި ކުރެވޭ މަސައްކަތަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ އެމީހެއްގެ ޒިންްމާ ފުރިހަމައަށް އަދާކުރެވޭތޯއެވެ. އަނެކުންނަށް ފާޑުކިޔައި ކުޑާމީސް ކުރުމުގައި ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި ވަގުތު ހޭދަކުރަންވީ ރައްޔިތުންނަށް ލާބައާއި މަންފާ ވާ ކަންކަމުގައެވެ. ޤައުމު ކުރިއަރައި ތަރައްޤީގެ ދުވެލި ބާރުވާނީ އޭރުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *