ގދ. ތިނަދޫގައި ވެމްކޯގެ ހިދުމަތް މިއަދު ފަށައިފިއެވެ.
ވެމްކޯގެ ހިދުމަތްތައް ތިނަދޫގައި ފަށާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ މިނިސްޓަރ ތާރިގް އިބްރާހިމްއެވެ.
ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓާރ ވަނީ، ވެމްކޯގެ މަސައްކަތްތައް އެރަށުގައި ފެށުމުން ވެމްކޯ އާއި ތިނަދޫ ކައުންސިލާއި ރަށު ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.
މިނިސްޓާރ ވަނީ ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތަަކަށާއި ރާއްޖޭގައި ކުނި މެނޭޖްކުރެވެމުންދިޔަ ގޮތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ތާރިގު ވަނީ، ވަސީލަތް މަދު ކަމާއި، ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، ވަށާޖެހޭ، ހަރަދުކުޑަގޮތެެއްގައި އެ މަސައްކަތްކުރުމަށް ހުރި ގޮންޖެހުމަށްވެސް ބައްލަވާލައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ފަސް އަހަރު ދުވަހަށްބަހާލައިގެން ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްހިމެނޭހެން "މަގޭ ސާފު ރާއްޖެ" މަޝްރޫއު މިހާރު ވަނީ ލޯންޗް ކުރެވިފައި ކަމަށާއި މާސްޓަރ ޕްލޭނެއްގެ ދަށުން ރާއްޖެ 7 ސަރަހައްދަކަށްބަހާލައިގެން، ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަމަށެވެ.
ވިލުންވެރި ރާއްޖެއެއް ބިނާކުރުމުގައި ސަރުކާރުން ފަށާފައިވާ "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.
ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް 'މަގޭ ސާފު ރާއްޖެ' އަކީހަފްތާ-14 މަގުޗާޓުގައި ހިމެނޭ "ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ގައުމީމަޝްރޫއެއްގެ ތާވަލު އެކުލަވާލައި، އިއުލާނުކޮށް ތަންފީޒުކުރަން ފެށުން" މި ވައުދު ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ ގައުމީ ޕްރޮގްރާމެކެވެ.
'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓާރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކުނިމެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ގާއިމުކުރުމެވެ. އަދި ރަށުންބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހިގޮތެއްގައިނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީކުރުމާއި، ސަރަހައްދީމަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމުހަމަޖެއްސުންވެސް މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނިރައްކާތެރި ގޮތެއްގައި މެނޭޖުކުރުމަށް، ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުންވެސް މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެއެވެ.