logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

ނިދީގެ އަރާމުކަމާއި ފައިދާ ލިބިގަންނަމާ ހެއްޔެވެ!

ނިދުމުގެ ވާހަކައަކީ އާންމުކޮށް އަޅުގަނޑުމެންނަށް އަޑުއިވޭ ވާހަކައެކެވެ. ހަމަނިދި ނުލިބޭ ވާހަކައެވެ. މަސައްކަތުގެ ގަޑީގައި ނިދި ބުރާންތިވާ ވާހަކައެވެ. ގަޑިޖެހި ސަލާމްބުނަންޖެހޭ ވާހަކައެވެ. ނިދިހަމަ ނުވާތީ ހަށިގަނޑު ލޮޑުވެ ދުވާލުގައި ވަރުބަލިކަން އިހްސާސް ކުރެވޭ ވާހަކައެވެ. އެކަމުގެ ސަބަބުން މޫޑު ގޯސްވެ ކުރަން ކަނޑައަޅާ ކަންތައްތައް ނުކުރެވޭވާހަކައެވެ. މިހުރިހާ ވާހަކަތަކެއް ދެކެވޭތީ ނިދުމަކީ އިންސާނާގެ ދިރިއުޅުމުގައި މުހިންމުކަމެއްކަން ދޭހަކޮށްދެއެވެ. އެހެންކަމުން ސުވާލަކީ އިންސާނަކަށް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް 24 ގަޑި އިރެއްގެ މައްޗަށް ބޭނުންވަނީ ކިތައްގަޑިއިރުގެ ނިދިބާއެވެ؟

ސީ.ޑީ.ސީ ބުނާގޮތުން އުމުރުން 18 އަހަރާއި 60 އަހަރުގެ މީހުންނަށް ރޭގަނޑު މަދުވެގެން 7 ގަޑި އިރުގެ ނިދި ބޭނުންވެއެވެ. ދުނިޔޭގެ ނިދުމާއި ބެހޭ ފައުންޑޭޝަން (ސްލީޕް ފައުންޑޭޝަން) ބުނާ ގޮތުން އުމުރުން 18 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުންނަށް 7 ގަޑި އިރާއި 9 ގަޑިއިރާއި ދެމެދުގެ ނިދި ބޭނުންވެއެވެ. ހަމަ މިއާއިއެކު ނިދުމުގައި ހޭދަކުރާވަގުތުގެ އިތުރުން އެއްވަގުތެއްގައި ނިދުމާއި އެއްވަގުތެއްގައި ހޭލުމުގެ އާދަ ހިފެހެއްޓުމަކީ އެވަގުތާއި އެއްވަރަށް މުހިންމުކަމެއްކަމަށްވެސް މިފަރާތްތަކުން އިއްތިފާގުވެއެވެ.

ދިރާސާތަކުން ދައްކާގޮތުން އާންމުކޮށް އެއްގަޑިއެއްގައި ނިދާ ހޭލުމުގެ އާދަ ނުވަތަ "ސްލީޕް ރޫޓިންއެއް" ގެންގުޅުމަކީ އެކަމުގެ ސަބަބުން މީހާގެ މޫޑު ރަގަޅުވެ، ދުވަހުގެ މަސައްކަތްތައް ކުރުމަށް ފަސޭހަވެ، ހަށިގަނޑުން ކަންނެތްކަން ފިލާކަމެކެވެ. ހަމަ މިއާއިއެކު މިއާދަ ހިފެހެއްޓުމުގެ ސަބަބުން ވިސްނުމުގެ ބާރުގަދަވެ، ހަނދާން ބަލިވުމުމާއި ޑިޕްރެޝަންފަދަ ނަފްސާނީ މައްސަލަތަކުން ދުރުކޮށްދެއެވެ. މީގެ އިތުރުން އެފަދަ ރޫޓިންއެއް ނުގެންގުޅެވޭނަމަ ބަރުދަން އިތުރުވުމާއި، ލޭމައްޗަށް ދިއުމާއި ހަކުރުބައްޔާއި ހިތުގެބަލިތައްފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުވެގެން ދާކަމަށްވެސް ދިރާސާތަކުން ދައްކައެވެ. އެހެނަކަމުން ނިދުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މިންހެޔޮކާނާ ކެއުމާއި، ކަސްރަތުކުރުމަށް ސަމާލުކަން ދޭ ފަދައިން ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ހަމަނިދި ނުލިބުމަކީ އަދި ނިދުމުގެ ގަޑި ތަކުގައި ވަކި ހަމައެއް ނުހިފެއްޓުމަކީ ހަށިގަނޑުގެ ގުދުރަތީ ހިނގުމަށް ބަދަލުއަންނާނެކަމެކެވެ. އޯވަހޯލު ނުކުރާ އިންޖީނެއް ފަދައިންނެވެ.

އާއިލީ ޒިންމާތަކާއި އެހެނިހެން އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މިފަދަ ހަމަތަކެއް އަލަށް އަށަގެންނެވުމަކީ ފަސޭހަކަމެއްނޫންކަން ގަބޫލުކުރަމެވެ. އާދަތައް އަށަގެންނެވުމުގެ ވާހަކަ ދައްކާއިރު މިދައްކަނީ އެއްރެއެއްގައި އޮންނަ އާއިލާކުއްޖެއްގެ ކައިވެންޏެއްގައި ނުވަތަ މުހިންމު ހަފްލާއެއްގައި ކޮންމެވެސް ރެއެއްގައި ބައިވެރިނުވާ ވާހަކައެއްނޫނެވެ. އެކަމަކު އާންމުކޮށް އެއްވަގުތެއްގައި ނިދާ ހޭލަން އާދަކުރާ ވާހަކައެވެ. މިއާދަ ހަރުލެއްވުމަށްޓަކައި ފުރަތަމަ ކަމަކަށް އަމިއްލަ މީހާގެ ނިދުމުގެ އާދަތައް ވަޒަންކޮށްލާށެވެ. އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. އާންމުކޮށް ރެއެއްގެ މައްޗަށް އަހަރެން ކިތައް ގަނޑިއިރު ނިދަން ހެއްޔެވެ؟ މަދު ދުވަހެއްގައި މެނުވީ އާންމުގޮތެއްގައި އެއްގަޑިއަކަށް ނިދުމުގެ އާދަ އެބަހުރި ހެއްޔެވެ؟ ނޫނީ ތިމަންނާއަކީ އެކި ރޭ އެކިގަޑީ ނިދަން އޮށޯވެ އެކިރޭ އެކި މިންވަރަށް ނިދާމީހެއް ހެއްޔެވެ؟ ނިދުމުގެ އާދަ ކާދައިގެ ނުރަގަޅުކަމުގެ އަސަރު ނަފްސާނީ އަދި ޖިސްމާނީގޮތުން އަހަންނަށް ކުރޭހެއްޔެވެ؟ ނޫނީ ކުރާކަން އަމިއްލަ ޒަމީރަށް ގަބޫލުކުރެވޭ ހެއްޔެވެ؟

މިސުވާލުތަކުގެ ޖަވާބަށްބަލައި އަދި ކުރިން ބަޔާންކުރެވުނު ފަދައިން ބަލިތަކުން ދުރުކޮށްދީ، މީހާގެ ހަކަތަ އިތުރުކޮށްދީ އަދި ދުވަސް ބާއްޖަވެރިކޮށްދޭ ކަމަކަށް ނިދިހަމަކުރުމާއި އެއްގަޑިއެއްގައި ނިދުމުގެ އާދަވާއިރު އެކަންކުރެވޭނެ ގޮތްތަކަކީ ކޮބާތޯ ބަލާލަމާހެއްޔެވެ؟ ޑރ ޖެސިކާ ލުންސްފޯރޑް އޭވަރީ (ޑޫކް ޔުނިވަރސިޓީ އޮފް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަރ އިން ސައިކޭޓްރީ އަދި ބިހާވިއަރަލް ސައިންސަސް) ހާމަ ކުރައްވާ ގޮތުގައި އެކަން ހާސިލްކުރުމަށް އެންމެ ރަގަޅުގޮތަކީ ވަކި ގަޑިއަކަށް ނިދަން އޮށޯތުމާއިއެކު ވަކި ގަޑި އަކަށް ހޭލުމަށް ގަޑި އެލާމްކޮށް ހޭލުމެވެ. ބަންދު ދުވަސް ތަކުގައިވެސް ހަމަ އެގަޑިއަށް  އެލާމްކޮށް ހޭލުމެވެ. އަޅުގަނޑުމެންގެ ނަފްސުތަކަކީ ކުޑަ ހިތްވަރަކާއިއެކު ކޮންމެ ކަމަކަށް ވެސް ހޭނުވިދާނެ އެއްޗެކެވެ. ފުރަތަމަ ކޮޅު އުނދަގޫވިޔަސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގަޑިތަކަށް ހޭނޭނެއެވެ. އޭގެ ފައިދާއާއި އަރާމުކަންވެސް އިހްސާސް ކުރެވޭނެއެވެ.

ވަކި ގަޑިއެއް ކަނޑައަޅައި އެގަޑިއަކަށް ހޭނެން މަސައްކަތްކުރާއިރު އެކަން ފަސޭހަކުރުމަށް ކުރެވިދާނެ އިތުރު ކަންތައްތައްވެސް އެބަހުއްޓެވެ. މިގޮތުން ނިދަން އޮށޯންނަ ވަގުތުން ފެށިގެން ފޯނުފަދަ ވަސީލަތްކާއި ދުރުވުން މުހިންމެވެ. މިފަދަ ވަސީލަތްތަކުގައި ހުންނަ އަލީގެ ސަބަބުން ނިންޖާއި ދުރުކުރުވާކަން ފާހަގަ ކުރެވިފައިވެއެވެ. ނިދުމާއި މާ ކައިރިކޮށްފައި ބަރު ކެއުމެއްގެ ބަދަލުގައި ލުއިކާނާއެއް މިސާލަކަށް ޔޯގަޓް، ނަޓްސް، ޗެރީ، މޭބިސްކަދުރުފަދަ ތަކެއްޗާއި ކެފެއިން ނުހުންނަ ލެވެންޑާ، ކެމޮމިލް ފަދަ ގުދުރަތީ ތާސީރުހިމެނޭ ސައިބުއިމުން ނިދަން ފަސޭހަވާކަމަށްވެސް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން ތާފަނާފެނުން ފެންވަރާލުމާއި، ނިދުމުގެ ކުރިން ލުއި ކަސްރަތެއް ކޮށްލުމާއި، ފޮތެއްކިޔާލުމާއި ނިދަން އޮށޯތުމުގެ ކުރިން އެދާއި ކޮޓަރި ސާފުކޮށް ތައްޔާރުކޮށްލުމަކީވެސް ކޮށްލެވިދާނެ ކަންކަމެވެ. މިއާއި އެކު ކޮޓަރީގައި މީރުވަސްދުވާ ޑިފިއުސާރއެއް ބަހައްޓާލާ ލޮލަށް އަރާމު އައްޔެއް ބެހެއްޓުމަކީވެސް ނިދާލަން ފަސޭހަވާނެ ކަންކަމެވެ.

އުއްމީދު ކުރަނީ ރެއެއްގެ މައްޗަށް މަދުވެގެން 7 ގަޑި އިރު ނިދުމާއި ވަކިގަޑިއެއްގައި ނިދުމުގެ ފައިދާ ކޮންމެވެސް ވަރަކަށް ބުނެދެވުނުކަމަށެވެ. އިސްލާމްދީނުގައިވެސް ބާރު އަޅުއްވަނީ އިޝާގެ ފަހުން ނިދުމަށް އަވަސްވުމަށާއި ފަތިހު ހޭލުމަށެވެ. މިއީ ޔަގީނުންވެސް ސިއްހީފައިދާތަކަށް އިތުރަށް ބާރު ލިއްބައިދޭ ކަމެކެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެނަކީވެސް ރޭގަނޑުގެ ވަގުތުތައް ކޮންމެހެން ކުރަން ނުޖެހޭ ކަންތަކުގައި ވަގުތު ހޭދަނުކޮށް އެވަގުތުގެ އަރާމުނިދި ލިބިގަނެ ކަނޑައެޅޭ ވަކި ރޫޓިންއެއްގައި ނިދަން އާދަ ވެފައިވާ ބަޔަކަށް ވަމާ ހެއްޔެވެ؟ ބޮޑެތި ބަލިތަކުން ހަށިގަނޑު ރައްކާތެރި ކުރުމުގެ އިތުރުން ދުވާލުގެ ވަގުތުތަކުގެ އުފާވެރިކަން އެންމެ ފުނުން ލިބިގަންނަބަޔަކަށް ވަމާ ހެއްޔެވެ؟ އަދި  ފުރިހަމަ ހަކަތައާއިއެކު ކަންތައްތައް ކުރެވި މީހާގެ ނަފްސާއި ހަށިގަނޑު ތާޒާކޮށްލުމުގެ ތަޖުރިބާވެސް ކޮށްލާ ބަޔަކަށްވަމާ ހެއްޔެވެ؟

ނޯޓު: ބައެއްފަހަރު ތަފާތުބަލިތަކުގެ ސަބަބުންވެސް ނިދަން އުދަގޫވެއެވެ. މިފަދަ ފަރާތްތަކުން ސިއްޙީ މާހިރެއްގެ ލަފައާއި އެހީތެރިކަން ހޯދަންވާނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *