logo minivan

English

އަންގާރަ, 16 ޖުލައި 2024

މަސްޢޫދު ޕީޒިޝްކިޔާން: އިރާނަށް ޒަމާނީ އިންތިލާބެއް ގެނެސްދެއްވުމަށް ވަޢުދުވެވަޑައިގެންނެވި، ގޮންޖެހުންތައް ގިނަވާނެ

އީރާންގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ޤައުމުގެ އިސް ނިއުކްލިޔަރ ނެގޯޝިއޭޓަކަމުގެ މަޤާމު ފުރުއްވާފައިވާ ސަޢީދު ޖަލީލީގެ މައްޗަށް ކުރި ހޯއްދަވައި, ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަންނަވާފައި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު މަސްޢޫދު ޕީޒިޝްކިޔާނެވެ. އޭނާއަކީ ގިނަ ބަޔަކު ދަންނަ މޫނަކަށް ނުވި ނަމަވެސް, އިންތިޚާބުގައި ބީޛިޝްކިޔާން ކުރި ހޯއްދަވާފައި ވަނީ އަސާސީ ޙައްޤުތަކާއި މިނިވަން ކަން, ޚާއްޞަ ގޮތެއްގައި ސޯޝަލް މީޑިޔާގެ މިނިވަން ކަމާއި, ޚާރިޖީ ސިޔާސަތުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމުގެ ވަޢުދާ އެކުގައެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި, ޕީޒިޝްކިޔާނަކީ ދުނިޔޭގެ ބާރުތަކުން, ޚާއްޞަކޮށް ހުޅަނގުގެ ބާރުގަދަ ޤައުމުތަކުން, ބަލައިގަންނާނެ ވެރިއެކެެވެ. އީރާނުން ހިންގާ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން ހުޅަނގުން, އެމެރިކާ އަޑީގައި އޮވެގެން, ކުރިމަތި ކޮށްފައިވާ ފިއްތުންތަކަށް ޕީޒިޝްކިޔާންގެ ވެރިކަމުގައި ލުއިތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ.

ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށް ޕީޒިޝްކިޔާން ވަޢުދުވެ ވަޑައިގަންނަވާފައިވާ މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދު ކޮށްފައި ވަނީ މެދުފަންތީގެ އާމްދަނީ ލިބޭ ޢާއިލާތަކާއި ޒުވާނުންނެވެ. ހިތުގެ ބަލިތަކުގެ އޮޕަރޭޝަން ޑޮކްޓަރެއް ކަމުގައިވާ 69 އަހަރުގެ ޕީޒިޝްކިޔާން ވަނީ ހަމަޖެހޭ, މެދުމިނުގެ ޚާރިޖީ ސިޔާސަތެއް ކުރިއަރުވަން މަސައްކަތް ކުރައްވަން ވަޢުދުވެ ވަޑައިގަންނަވާފައެވެ. އަދި, އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން އެމެރިކާއިން ކުރިމަތި ކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ހޯއްދަވައިދެއްވުން ވެސް އޭނާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނެއެވެ.

އީރާނުގެ އައު ރައީސް ކަމުގެ މަޤާމަށް ޕީޒިޝްކިޔާން އިންތިޚާބުވެ ވަޑައިގެންނެވި ނަމަވެސް, އެއީ ރަމްޒީ މަޤާމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ސަބަބަކީ, ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު ލިބިވަޑައިގަންނަވަނީ އެ ޤައުމުގެ ރޫހީ އެންމެ މަތީ ވެރިޔާއަށެވެ. ނަމަވެސް, އެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރުމުގައި ރައީސް ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ދައުރު އޮވެއެވެ. އީރާނުގެ ރޫޙީ އެންމެ މަތީ ވެރިޔާގެ މަޤާމުގައި މި ވަގުތު ހުންނެވީ 85 އަހަރުގެ އާޔަތުالله ޢަލީ އަލް-ޚާމަންޢީއެވެ.

ޕީޒިޝްކިޔާންގެ ވެރިކަމުގައި އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަކަށް ނުބެލެވެއެވެ. އަދި, މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކާ އެކު އީރާނުން ބާއްވާ ކަމަށް ބުނެވޭ ގުޅުންތަކަށް ވެސް ބަދަލުތަކެއް ގެންނަވާނެ ކަމަށް ނުފެނެއެވެ. ސަބަބަކީ, އެ ފަދަ ނިންމުންތައް ނިންމަވާ ބާރަކީ އަލް-ޚާމަންޢީ ކަމަށްވުމެވެ.

ޕީޒިޝްކިޔާނަކީ އީރާނުގެ ވެރިކަމުގެ ނިޒާމަށް ފުރިހަމައަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. އީރާންގެ ބާރުގަދަ އަސްކަރިއްޔާއާއި އަލް-ޚާމަންޢީގެ ސިޔާސަތުތަކުގެ އިތުރުން އީރާނުގެ ދީނީ ޢިލްމުވެރިންނާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ. "އެ ބޭފުޅުންނާ ޖައްސައިލައިފި ނަމަ, އަޅުގަނޑުގެ ވަޢުދުތަކެއް ނުފުއްދޭނެ. ސިޔާސީ ދާއިރާއަށް އަލްވަދާޢު ކިޔަން މަޖުބޫރުވާނެ. އަދި, [އީރާނުގެ] ތިިޔަ ލޮބުވެތި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ގެއްލޭނެ،" ރިޔާސީ ކެމްޕޭންގައި ވާހަކަފުޅު ދައްކަވަމުން ޕީޒިޝްކިޔާން ވިދާޅުވެފައިވެއެވެ.

ރިޔާސީ ރޭހަށް ޕީޒިޝްކިޔާން ނިކުމެވަޑައިގަންނަވާފައި ވަނީ އީރާންގެ ކުރީގެ ރައީސް މުޙައްމަދު ޚާތަމީއަށް ތާޢީދު ކުރާ ފަރާތްތަކުގެ ރުހުމާ އެކުގައެވެ. ޚާތަމީއޭ އެއްގޮތަށް, ޕީޒިޝްކިޔާނަކީ ވެސް އީރާންގެ ކުރީގެ ރައީސް އިބްރާހީމް ރައީސީގެ ސިޔާސަތުތަކާއި ފިކުރާ ދުރު ބޭފުޅެކެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ސިޔާސަތުތަކުގެ ތެރޭގައި އަންހެނުންގެ ޙައްޤުތަކާއި މިނިވަންކަމާއި, އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޝްވަރާތަކަށް އޮތް ހުރަސްތައް ހިމެނެއެވެ.

މި ކަންކަމުގެ އިތުރުން މަޑުޖެހިފައިވާ އީރާންގެ އިޤުތިޞާދަށް ދިރުން ގެނުވައިދެއްވައި, ހިންގުންތެރި ސަރުކާރެއް އެކުލަވައިލައްވައި, ދަޢުލަތުގެ އިދާރާތަކުގައި އޮތް ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރައްވައި, އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލައްވަން މަސައްކަތް ކުރެއްވުމަށް ވެސް ޕީޒިޝްކިޔާން ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ.

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމުގެ މަޤާމަށް ޕީޒިޝްކިޔާން އިންތިޚާބުވެ ވަޑައިގަތީ 2008ވަނަ އަހަރުއެވެ. އެއަށް ފަހު, އަލް-އުޛަރީ ދަރިފަސްކޮޅަށް ނިސްބަތްވާ ޕީޒިޝްކިޔާން ވަނީ މައިނޯރިޓީ ދަރިކޮޅުތަކުގެ ޙައްޤުތައް ކުރިއަރުވަން ވަކާލާތު ކުރައްވާފައެވެ. 2022ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި މުހްސާ އަމީނީގެ މަރާ ގުޅޭ ތެދު މަޢުލޫމާތު ހާމަ ކުރުމަށް ޕީޒިޝްކިޔާން ވަނީ ސަރުކާރާއި އިދާރާތަކަށް ބާރު އަޅުއްވާފައެވެ. އޭނާއަކީ, އީރާންގެ ސަރުކާރާ ދެކޮޅު ފަރާތްތަކަށް ކުރިމަތި ކުރުވާފައިވާ ފިއްތުންތަކާ ދެކޮޅަށް ވެސް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

"ޙިޖާބު އެޅުމާ ބެހޭ ޤާނޫނަށް އަޅުގަނޑު ފުރިހަމައަށް އިޙުތިރާމު ކުރާނަން. ނަމަވެސް, އަންހެނުންނާ މެދު އަނިޔާވެރިކަމުގެ އެއްވެސް އަމަލެއް ހިނގައިގެން ނުވާނެ،" ޕީޒިޝްކިޔާން ވިދާޅުވިއެވެ. 1980ގެ އަހަރުތަކުގެ ތެރޭގައި ހިނގި އީރާން-ޢިރާޤު ހަނގުރާމައިގައި އޭނާ ވަނީ އީރާންގެ އަސްކަރިއްޔާގައި ވެސް ޚިދުމަތް ކުރައްވާފައެވެ. އަދި, 2001ން 2005ވަނަ އަހަރާ ދެމެދު އޭނާ ވަނީ އީރާންގެ ޞިއްޙަތާ ބެހޭ ވަޒީރު ކަމުގެ މަޤާމު ވެސް ފުރުއްވާފައެވެ. އެއީ, ކުރީގެ ރައީސް ޚާތަމީގެ ދެވަނަ ދައުރުގައެވެ.

ޕީޒިޝްކިޔާންގެ އަނބިކަނބަލުންނާއި އެއް ދަރިކަލުން 1994ވަނަަ އަހަރު ހިނގި ކާރު އެކްސިޑެންޓެއްގައި އަވަހާރަވިއެވެ. އެއަށް ފަހު އޭނާ ކައިވެނި ބައްލަވައިގަނެފައެއް ނުވެއެވެ. އަދި, ދުނިޔޭގައި ތިއްބެވި ދެ ދަރިކަލުންނާއި އެއް ދަރިކަނބަލަކު ބެއްލެވީ ޕީޒިޝްކިޔާން އަމިއްލައަށެވެ. އޭނާގެ ދަރިކަނބަލުން, ޒަހްރާއަކީ އީރާންގެ އިސް ސައިންސްވެރިއެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *