ގަވާއިދާ ހިލާފަށް އާއްމު ތަންތަނަށް ކުނިއަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއިމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ކައުންސިލްތަކާގުޅިގެން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ މިނިސްޓާރ ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، އެ މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ތާރިގް ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހެދިފައިވާ ގަވާއިދުތަކަށް އަމަލުނުކުރުމުގެ މައްސަލަކަމަށެވެ.
އެގޮތުން ގަވާއިދުގައި ކުނި އެޅުން މަނާ ސަރަހައްދުތައް ސާފުކޮށް ބަޔާންކޮށްފައި ވާއިރުވެސް އެއަށް ސަމާލުކަން ނުދީ އެކިފަރާތްތަކުން އަމަލުކުރަމުން ދާކަން ފާހަގަކުރެވޭކަން ތާރިގު ފާހަގަކުރެއްވިއެވެ. މިސާލެެއްގެ ގޮތުން، މިނިސްޓަރ ވިދާޅުވީ، އެ ގަވާއިދުގައި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުން އެއުޅެނދެއްގައި އުފައްދާ ކުންޏާއިމެދު އަމަލު ކުރަންޖެހޭގޮތް ބަޔާންކޮށްފައި ވީ ނަމަވެސް އެއާ ހިލާފަށް ފެންނަމުންދަނީ އެފަދަ އުޅަނދު ފަހަރުންކަނޑަށާއި އަދި ރަށްރަށުގެ ހޭޅިފަށަށް ކުނި ބާލާ މަންޒަރު ކަމަށެވެ. އޭގެސަބަބުން ރަށްރަށުގައި ދިރިއުޅޭ ރަައްޔިތުންނަށް ބޮޑެތިއުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިކަމަށް އެދެވޭ ހައްލެއް ގެނައުމުގެ ގޮތުން، ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ގަވާއިދާ ހިލާފަށް އަމަލު ކުރާފަރާތްތަށް ދެނެގަނެ އެފަރާތްތަކާއި މެދު ގަވާއިދުގެ ދަށުންފިޔަވަޅު އެޅުމަށް ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތްފެށުމަށް ނިންމާފައެވެ.
މިނިސްޓަރު ތާރިގު ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއްކަމަށްވީ ނަމަވެސް، ރިސޯރޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ކުނި ގެންދާ މައްސަލަވެސް ފާހަގަވެފައިވާ ކަމަށެވެ.
މިފަދަ މައްސަލަތަކުގެ ސަބަބުން، ރާއްޖޭގައި ހެދިފައިވާ ކުނި މެނޭޖްކުރުމުގެ ސިސްޓަމްތައް އެންމެ އެކަށީގެންވާ ފެންވަރުގައި އަދި އެންމެ އެކަށީގެންވާ ހަރަދެއްގައި ނުކުރެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިކަމަށްވެސް ހައްލެއް ހޯދުމަށް ސަރުކާރުން މިހާރުވަނީ މުޅިން އާ ގައުމީ ސިޔާސަތުތަކެއް އެކުލަވާލާ އެތަންފީޒުކުރަންފަށާފައިވާ ކަމަށާއި، އެ ސިޔާސަތުގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ ކުނިމެނޭޖްކުރުމުގެ ހިދުމަތް ދިނުމަށް ޕްރައިވެޓް ސެކްޓަރ އަށްރަސްމީކޮށް ހުޅުވާލުން ކަމަށެެވެ. އަދި އެގޮތުން އަތޮޅުފެންވަރުގައި ހިދުމަތްދިނުމަށް އަތޮޅު ކައުންސިލްތަކަށްވެސް މިހާރު ހުރަހެއް ނެތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ވިޔަފާރިއެއްގެ ގޮތުގައި ރީސައިކަލް ކުރުމަށް ހުޅުވާލުމަކީވެސް މިސިޔާސަތުގެތެރޭގައި ހިމެނޭ ކަމެކެވެ. މިކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު މިނިސްޓްރީންމިހާރުވަނީ އެކުލަވާލާ، ގެޒެޓްކުރުމުގެ މަސައްކަތް ފަށާފައެވެ.