އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ކުރި ޒިޔާރަތްތަކުން، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާގެ އެކި މައްސަލަތައްކަމަށް، އެ ވުޒާރާއިން ވިދާޅުވެއްޖެ އެވެ.
އެ ވުޒާރާގެ މިނިސްޓަރުވެސް ހިމެނިވަޑައިގަންވާ ގޮތުން ޓީމުތަކުން ވަނީ މާލޭ ސަރަހައްދުގެ ގިނަ އަދަދެއްގެ ގެއަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި އެވްރެޖުކޮށް ހުރިހާ ގެއަކުންހެން ވަނީ ސިއްޚީ ދާއިރާއާ ގުޅޭ އެކި ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި؛
- ޑޮކްޓަރަށް ދެއްކޭލެއް ލަސްވުން
- ބޭސް ސިޓީ އާކުރުމަށް އުނދަގޫވުން
- ފޮލޯއަޕް ކިޔޫ ނަމްބަރު ލިބޭލެއް ލަސްވުން
ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރުން އަވަސްކުރުމާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އައިޖީއެމްއެޗާއެކު ވަނީ މަޝްވަރާކޮށްފައެވެ.
އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި، ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ބޭސް ސިޓީ އާކުރުމުގައި ދިމާވާ ދަތިތައް ހިމެނޭކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރައިން ވިދާޅުވެއެވެ. މި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްއާއި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި އައި.ޖީ.އެމް.އެޗްގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި، ޑޮކްޓަރަށް ދެއްކުން އަވަސްކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރެވިދާނެ ގޮތްތަކާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިފަދަ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތައް ގެނައުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވެސްވަނީ މަޝްވަރާކޮށްފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މައްސަލަތަކަށް ހައްލު ހޯދާ، ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ބޭސްފަރުވާއާއ ގުޅުންހުރި މައްސަލަތަކަށް އަވަސް ޙައްލުތައް ހޯދުމަށް އެ ވުޒާރާއިން ގެންދަނީ ހުޅުމާލެ ހޮސްޕިޓަލް އަދި އެންސްޕާއާއި އެކުވެސް މަސައްކަތް ކުރަމުންނެވެ.