logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އއ.ތޮއްޑޫގައި ހުޅުވައިފި

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އއ.ތޮއްޑޫގައި ހުޅުވައިފިއެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ހަފްލާއެއްގައި މި ފިހާރަ ހުޅުއްވައިދެއްވީފިހާރައަށް ތޮއްޑޫގެ ސަޕްލަޔަރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ، މުދާ ސަޕްލައި ކުރި ވިޔަފާރި "މޫސާ އަރޓްސް"ގެ ވެރިފަރާތް ކަމަށްވާ މޫސާ ޙަސަން އެވެ. ފިހާރަ ހުޅުވުމަށްފަހު، އެންމެ ފުރަތަމަ ކަސްޓަމަރެއްގެ ގޮތުން، ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު މުޙައްމަދު ވަނީ ތޮއްޑޫގެ ސަޕްލަޔަރެއްގެ ދިވެހި އުފެއްދުމެއް ބައްލަވައިގަތުމަށްފަހު ތޮއްޑޫ ކައުންސިލްގެ ރައީސަށް ހަދިޔާ ކުރައްވާފައެވެ.
ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވީ، އަމާޒަކީ ދިވެހި އުފެއްދުންތެރިން އުފައްދާ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މާކެޓުކޮށް ވިއްކޭނެ ފަހި ފުރުޞަތުތަކެއް ހޯދައި ދިނުން ކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުރި އެފަދަ ފުރުޞަތުތައް ބަލައި އެކަން ފަހި ކުރެވޭނެ ގޮތްތައް ހޯދަމުން ދާކަމަށް ޟިޔާއު ވިދާޅުވިއެވެ.


ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވަނީ، އޮތެންޓިކް މޯލްޑިވްސް ތޮއްޑޫ ފިހާރަ ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން އެ ފިހާރައިން 14 ޖުލައި 2024ގެ ނިޔަލަށް ވިކޭ ތަކެއްޗަށް ލިބޭ ފައިސާގެ 20 އިންސައްތަ ފަލަސްތީނަށް އެހީވުމަށް ހަދިޔާ ކުރުމަށް ނިންމާފައެވެ.
ތޮއްޑޫގައި ހުޅުވި އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ، "އޮތެންޓިކް މޯލްޑިވްސް" މަރުކާއިން ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް ޓަކައި ބީސީސީން ހުޅުވި ފިހާރައެކެވެ. މި ފިހާރައިގެ ސަބަބުން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުފެއްދުންތެރިންނަށް އައު ބާޒާރުތަކަށް ފުރުސަތު ހުޅުވި، ސަރަހައްދުގެ އިޤްތިޞާދު ތަރައްޤީ ވުމަށް މަގުފަހި ވެގެންދާނެ ކަމަށް ބީސީސީން ދެކެއެވެ. އަދި މިއީ ތޮއްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ދިވެހިންގެ އުފެއްދުންތަކަށް އޮންނަ ޝައުގުވެރިކަން ވެސް އިތުރުވެގެންދާނެ ކަމެކެވެ.


ވޯލްޑް ބޭންކުގެ، މީރީ ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ތޮއްޑޫގައި ހުޅުވި މި ފިހާރަ އަކީ އޮތެންޓިކް މޯލްޑިވްސް މަރުކާގެ ދަށުން ބީސީސީން ހުޅުވި 5 ވަނަ ފިހާރައެވެ. އެގޮތުން ތޮއްޑޫގެ އިތުރުން، މާލެ، ކްރޮސްރޯޑްސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ވަނީ ހުޅުވާފައެވެ. މި ފިހާރަތަކުގައި 300 އަށް ވުރެ ގިނަ ދިވެހި މަސައްކަތްތެރިންގެ، 5000 އަށްވުރެ ގިނަ އުފެއްދުންތައް މިހާރުވެސް ދަނީ ވިއްކަމުންނެވެ. އަދި މި މަރުކާގެ ދަށުން ދިވެހި އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މާކެޓް ކުރުމަށް ބީސީސީން ކުރަމުންދާ މަސައްކަތުގެ ދަށުން ޖަޕާނުގައިވެސް ދިވެހި އުފެއްދުންތައް ވިއްކޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
ބީސީސީގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެއްވެސް ދާއިރާއެއް ބާކީ ނުކޮށް، ދިވެހި ކުދި ވިޔަފާރިވެރިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *