އިމާމުވެ ހުކުރު ނަމާދު ކުރާނެ ހަތީބުން ތަމްރީނު ކުރުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައި އޮތް ޕްރޮގްރާމްގެ ދެވަނަ ބެޗަށް ހުޅުވައިލުމުން 200 ވުރެ ޒުވާނުން ކުރިމަތިލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޖުމްލަ 206 ފޯމް ހުށަހަޅާފައިވާ ކަމަށާއި ހުށަހެޅި ޒުވާނުންނާ އިންޓަވިއު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
އަދި މިމަހުގެ ތެރޭގައި އިންްޓަވިއު ނިންމާލައި، ޓްރެއިނިން ޕްރޮގްރާމް ވެސް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޚަތީބުން ޕްރޮގްރާމްގެ ދެވަނަ ބެޗްގެ އިންޓަވިއު އިސްލާމީ މަރުކަޒުގައި ކުރިއަށްދަނީ. ޒުވާން ޚަތީބުން ޕްރޮގްރާމްގެ ދެވަނަ ބެޗްގައި ބައިވެރިވުމަށް 206 ބައިވެރިން ފޯމު ހުށަހަޅައިފައިވޭ. pic.twitter.com/0mvCBKDQt6
— Ministry of Islamic Affairs (@MVIaffairs) July 14, 2024
ހަތީބުން ތަމްރީނު ކުރުމަށް މި އަހަރުގެ ކުރީކޮޅު ހިންގި ފުރަތަމަ ބެޗަށް 160 ޒުވާނަކު ކުރިމަތިލިއެވެ. އަދި ތަމްރީނު ޕްރޮގްރާމް ފެށީ 77 ބައިވެރިންނާ އެކީގައެވެ. އަދި ހަތީބުކަމުގެ ހުއްދަ 57 ޒުވާނަކަށް ދިނީ މާޗް މަހުގެ ކުރީކޮޅުއެވެ.
އަދި ތަމްރީނުވި ޒުވާނުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާމުވެ ހުކުރު ކުރަމުންނެވެ.
ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމެކެވެ.
ނަމަވެސް ހަތީބުންގެ ޕްރޮގްރާމްގައި ބައިވެރިވެވޭ އުމުރުފުރާ މިހާރު އޮތީ 12 އަހަރަށް ދަކޮށްފައެވެ.