މަރުހޫމް ހުސައިން ޝަރީފަކީ ގައުމީ ހިދުމަތްތެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިުއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މުޖުތަމައުއަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހުސައިން ޝަރީފް ނިޔާވުމާއި ގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.
ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުހޫމް ހުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ހައުމީ ހިދުމަތްތެރިއެއް ކަމަށެވެ. އަދި މިސްކިތް ބިނާކުރެއްވުމާ، ނިކަމެތީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި މަރުހޫމް ޝަރީފަކީ އިހްސާންތެރި ބޭފުޅެއްކަމަށް ރައީސް ވިދާޅުވިއެވެ.
ޝަރީފް އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ އާއިލާއަށް ތައުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ.
"ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާ ނިޢުމަތުގައި މަރުޙޫމް ޙުސައިން ޝަރީފް ލަހައްޓަވާށިއެވެ." ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މަރުޙޫމް ޙުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ޚިދުމަތްތެރިއެކެވެ. އަދި މިސްކިތް ބިނާކުރެއްވުމާ، ނިކަމެތީންނަށާއި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިޙްސާންތެރި… pic.twitter.com/OydJWQwLDz
— Dr Mohamed Muizzu (@MMuizzu) July 15, 2024
ޝަރީފް ނިޔާވުމާ ގުޅިގެން ވަޒީރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކުންދަނީ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާ ދަންނަވަމުންނެވެ.
ޝަރީފަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ބްރޭންޑެއް ކަމަށްވާ އޯޒެން ރިޒާވް ބޮލިފުށީގެ ވެރިޔާއެވެ. ޝަރީފް މަޝްހޫރުވެފައިވަނީ ވެސް އެރަށުގެ ނަން ކަމަށްވާ ބޮލިފުށި، ޝަރީފްގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީފް ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށެވެ.