ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮއްސުންލައިގެން ގޮސް އަނބިމީހާގެ ބަދަލުގައި ފިރިންނަށް ކައްކައި ދެނީވެސް ބިދޭސީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް (ހުސެންބެ) ވިދާޅުވުމުން އެހަބަރު މީޑިޔާތަކުގައި ރިޕޯޓް ކުރުމުން ހުސެންބެ ނުރުހުން މީޑިއާތަކަށް އަމާޒުވެއްޖެއެވެ.
އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ގޮތުގައި އިއްޔެގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ތެރެއިން ކުޑަތަންކޮޅެއް ނަގައި، އެއިން ޚަބަރު ހެދުމަކީ އެހާ ޒިންމާދާރު ކަމެއް ނޫނެވެ.
ހުސެންބެ އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ؛ "ބިދޭސީންގެ މައްސަލައިގަ އަޅުގަނޑުމެން ކަންބޮޑުވާން ނުޖެހެނީ ކީއްވެގެންތޯ؟ އަޅުގަނޑުމެންގެ ހުރިހާ ދިމާލެއްގަ މިހާރު އެތިބީ ބިދޭސީން އަތްގަދަ ކޮށްފަ. މަސްވެރިކަމަށް ބެލިޔަސް ބިދޭސީން، ކަންމަތީ ފިހާރައަށް ބެލިޔަސް ބިދޭސީން. ސައި ހޮޓަލަކަށް ބެލިޔަސް ބިދޭސީން. ހުރިހާ ކޭޝިއަރުންނަށް ވެސް ބިދޭސީން."
މެމްބަރު ވިދާޅުވީ އަނބިންގެ ބަދަލުގައި ގޭތެރޭގެ މަސައްކަތުގައިވެސް މިހާރު ތިބެނީ ބިދޭސީން ކަމަށެވެ. އަދި ބަދިގޭގެ މަސައްކަތުގައި އުޅެނީ ބިދޭސީ ފިރިހެނުން ކަމަށް ވިދާޅުވެ، އަންހެނުން ތިބެނީ ކޮންމެވެސް ކަސޯޓީއެއް ބަލަން ކަމަށް ވިދާޅުވި ވާހަކަ ނޫސްތަކުގައި ރިޕޯޓް ކުރުމުން އަންހެންވެރިންގެ ރުޅިވެރިން އިންތިހާއަށް ގޮސް، ސޯޝަލް މީޑިއާގައި ހުސެންބެއަށް އިންތިހާއަށް ފާޑުކިއުން އަމާޒުވިއެވެ.
ހުސެންބެ މިއަދު ވަނީ އޭނާ މަޖިލީހުގައި ދެއްކެވި ވާހަކަ އެއްކޮށް އާންމުކުރައްވާފައެވެ. އޭގެ ބޭނުމެއް ކަމަށް ވިދާޅުވެފައި ވަނީ ވާހަކައިން ބައެއް މީޑިއާތަކުން އާންމު ކުރުމުން މާނަ އޮޅޭތީ ކަމަށެވެ.