މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުއައްޒަފުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް ކަސްޓަމްސްއަށް 100 އެޕާޓްމަންޓް ދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކުގައި ހިމެނޭ 4،000 އެޕާޓްމަންޓްގެ ތެރެއިން ކަސްޓަމްސްއަށް 100 އެޕާޓްމަންޓް ދިނުމާއި ގުޅޭގޮތުން ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ކަސްޓަމްސްއަށް އެޕާޓްމަންޓްތައް ދޭނޭކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. މިގޮތުން އެ 100 އެޕާޓްމަންޓް ކަސްޓަމްސް އަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން، ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރާއެކު އިއްޔެ ބޭއްވުނު ބައްދަލުވުމުގައި ދީފައިވާކަން ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއަށް ދޭން އުޅޭ 100 އެޕާޓްމަންޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެފައިވަނީ، އެ އެޕާޓްމަންޓްތައް ކަސްޓަމްސްއަށް ދޭނީ ޤާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުގައިކަމަށެވެ.
ނިމިދިޔަ ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ 4،000 އެޕާޓްމަންޓަށް ކުރިމަތިލި ފަރާތްތަކުގެ "ފްލެޓް ލިސްޓް" ބާތިލު ނުކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ފްލެޓް ލިސްޓް މުރާޖައާކުރައްވާނޭކަމަށް މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައެވެ. ފުލެޓުތައް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް އިމާރާތްކޮށް ނިމެންވާއިރަށް ފުލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް ނިމޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކުރީގެ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓަށް ފްލެޓް ދިނުން ހުއްޓުވާލީ އޭސީސީން އެކަން ހުއްޓުވުމުންނެވެ. އޭސީސީން ބުނެފައި ވަނީ 4،000 އެޕާޓްމަންޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
އެއީ ކުރީގެ ރައީސްގެ ކަމެއް. އޭނައަށް ބުނީ ނޫނެކޭ. އެހެންވީމަ މިކަންވެސް ވުޖޫދަކު ނޯންނާނެތާ! ދެން ކަންބޮޑުވާނެކަމެއްނެތް. ފްލެޓް އެޅީ މުޅި ރައްތިތުންނަށް. ރައްޔިތުންނަށް މިހާ ހައްސާސް ކަމަކުން ނުވާނެ 100 ނޫން އެކެއްވެސް ނަގާކަށް.