ކިތަންމެ ކުޑަ ނަމަވެސް ދަރަންޏެއް އޮވެއްޖެނަމަ ހަޔާތުގެ "ހުޅުކޮޅު" ނިވުމުގެ ކުރިން އެ ދަރަނި ދެއްކުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ "ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރާށެވެ!" މި މައުޟޫގެ މައްޗަށެވެ.
ހުތުބާގައި ބުނީ ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމްދީން ހުއްދަ ކަމަކަށްވީ ނަމަވެސް ދަރަނި ނަގަންވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށާއި ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ދަރަންޏެއް ނަގައިގެން ނުވާނެ ކަމަށެވެ. ދަރަނި ނުދެއްކި، ޝަރީއަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެ ކަމުގެ ސަބަބުން ދުނިޔެއާއި އާހިރަތް ނަގައިލެވޭ ވަރުގެ ބޮޑު ދަރަންޏެއް ނެގުމަށްވުރެ ލިބޭ އާމްދަނީއަކާ އެއްވަރަށް ހަރަދުތައް ކުޑަކޮށް، އިގްތިސާދުކުރުން މާ ރަނގަޅު ކަމަށް ހުތުބާގައިވެއެވެ.
މީހަކު މަރުވެގެންދާއިރު، ނުވަތަ ޝަހީދުވެގެންދާއިރު، ކިތަންމެ ކުޑަ ދަރަންޏެއް އޮތްކަމުގައިވިޔަސް އޭގެ ސަބަބުން އޭނާގެ ފާފަ ފުއްސެވުމަށް ހުރަސްއެޅިގެންދާނެ ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ލޯ މަރާލުމުގެ ކުރިން އެދަރަނި ދައްކާ ހަލާސް ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
އެ ދަރަނި ނުދައްކާ ހުއްޓާ މަރުވެއްޖެނަމަ ނުވަތަ ޝަހީދުވެއްޖެނަމަ އެމީހުންގެ ވާރުތަވެރީން ދަރަނި އަދާކުރުމަށް އަވަސްވެ ގަންނަން ޖެހޭ ކަމަށް ހުތުބާގައިވެއެވެ.
"ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެކެވެ. ވީމާ މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެއެވެ." ހުތުބާގައިވެއެވެ.
ދަރަނީގެ ސަބަބުން ބައެއް މީހުން ދޮގު ހަދައި، ވެފައިވާ ވައުދާ ހިލާފުވެފައިވާކަން ފާހަގަކުރަމުން ހުތުބާގައި ވަނީ ތަނަވަސްކަމުގެ އަހުލުވެރީން އަތްމަތި ދަތި ދަރަނިވެރީންނަށް ލުއިކޮށްދިނުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއް ކަމަށެވެ.
"ދަރަނިވެރިޔާ ނިޔާވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެއްވުމަށް ދަންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެންނެވެ. ހަމަ އެ ފަދައިން އިންސާނާ މަރުވުމަށް ފަހު އޭނާގެ ކިބުރުވެރިކަމާއި ހިޔާނާތްތެރިކަމާއި ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެއެވެ." ހުތުބާގައިވެއެވެ.