ބަންގްލަދޭޝްގެ މުޒާހަރާތައް އަސްލު މަގުސަދަށް ދީލާލައިފިއެވެ. ކުރިންވެސް ހީކުރެވިފައި އޮތް ގޮތަށް، ތަފާތު ނަންނަމުގައި މުޒާހަރާތައް ކުރަމުން ދިޔަނަމަވެސް، އެކަމުގެ ފަހަތުގައި ފޮރުވިފައި އޮތް ސިޔާސީ ނަތީޖާއަކީ ހަސީނާ މަގާމުން ދުރުކުރުން ކަމަށް ބައިނަލްއަގުވާމީ ހާލަތު ދިރާސާކުރާ ގްރޫޕުތަކުން ކުރިންވެސް ގެންދިޔައީ ބުނަމުންނެވެ. އެކަން ކަށަވަރުވަނީ މުޒާހަރާކުދިންނާ ސުލްހައިގެ ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވުމުން މުޒާހަރާގެ އިސްބައިވެރިން ވަނީ ބޮޑުވަޒީރު ސެއިޚް ހަސީނާއާ ވާހަކަ ދައްކަންވެސް ދެކޮޅު ހަދާފައެވެ.
ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އަނެއްކާވެސް ވަރުގަދަވެ، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި 12 މީހުން މަރުވެ, 30 މީހުން ވަނީ ޒަހަމްވެފައެވެ. މިފަހަރުގެ މުޒާހަރާތައް ފެށީ، ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ނަމުގައެވެ. އެހެންނަމަވެސް މިހާރު މުޒާހަރާގެ ބައިވެރިން ސީދާ ޑިމާންޑުކުރުމަކީ ބޮޑު ވަޒީރު އިސްތިއުފާ ދެއްވުމެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ މަޝްރަހު ދިރާސާކޮށްލާއިރު، ފެންނަނީ ކުރިއަށް އޮތީ ވަރަށް ނުރައްކާތެރި ދުވަސްތަކެއް ކަމަށެވެ. ބެލެވޭ ގޮތުގައި ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ބައެއް އިންޖެލެންސް މައުލޫމާތުވެސް މުޒާހަރާގެ ބައިވެރިންނަށް ލިބެމުންދެއެވެ. އެހެންވެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ ޓީމުތަކުން ސިއްރުން ރާވާ ކޮންމެ ރޭވުމެއް، މާގިނައިރުތަކެއް ނުވެ މުޒާހަރާގެ ބައިވެރިންނާ ހަމައަށް ވާސިލްވެއެވެ.
ވެރިރަށް ދާކާގައި ހަމަނުޖެހުންތައް ހިނގަމުން ދަނީ މުޒާހަރާގެ ބައިވެރިންނާއި, ވެރިކަން ކުރާ އަވާމީ ލީގަށް ތާޢީދު ކުރާ އެކްޓިވިސްޓުންނާ ދެމެދުގައެވެ. އަވާމީ ލީގުގެ އިތުރުން ސަރުކާރަށް ތާޢީދު ކުރާ ޗަތްރޯ ލީގާއި ޖޫބޯ ލީގުގެ އެކްޓިވިސްޓުން ވެސް ދަނީ މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލައި, އެ މީހުންނަށް ޙަމަލާ ދެމުންނެވެ. ދެ މީހަކު މަރުވެފައި ވަނީ ދާކާގެ ރަށްބޭރުގައި އޮންނަ މުންޝިގޮންޖުގައި ހިނގި ކުރިމަތިލުންތަކެއް ކަމަށް ބަންގްލަދޭޝްގެ މީޑިޔާއިން ރިޕޯޓު ކުރެއެވެ. މި ހަމަނުޖެހުންތައް ހުއްޓުވަން ސަލާމަތީ ބާރުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރެއް ނުފެނެއެވެ.
މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދިނުމަށް ސަރުކާރަށް ތާޢީދު ކުރާ އެކްޓިވިސްޓުން އަލިފާން ބޮން ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. މުންޝިގޮންޖުގެ އިތުރުން ދާކާގެ ޝާހްބާގް ސަރަޙައްދަށް ވެސް އެތަކެއް ހާސް ދަރިވަރުން އެއްވެ, އެއްގަމު ދަތުރުފަތުރަށް ހުރަސް އަޅާފައިވެއެވެ.
މި މުޒާހަރާތައް ރާވާފައި ވަނީ ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ހަރަކާތް, އެންޓި-ޑިސްކްރިމިނޭޝަން ސްޓޫޑެންޓްސް މޫވްމަންޓުގެ ދަރިވަރުންނެވެ. ޙަސީނާގެ އިސްތިޢުފާއަށް ގޮވައިލުމުގެ އިތުރުން, ފުލުހުންގެ ޙަމަލާތަކުގައި މަރުވެފައިވާ 150އަށްވުރެ ގިނަ މީހުންނަށް އިންސާފު ހޯދައިދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރަށް ބާރު އަޅަމުންނެވެ.
މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގައި, މުދަލާއި ތަކެއްޗަށް ގެއްލުން ދެމުންދާ ކަމުގައި ވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. މި ގޮތުން, ބަންގުބޮންދު ޝައިޚް މުޖީބު މެޑިކަލް ޔުނިވަރސިޓީ ކައިރީގައި ޕާކުކޮށްފައި ހުރި ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދުގައި މުޒާހަރާގެ ބައިވެރިން ހުޅުޖަހާފައިވެއެވެ. ނަމަވެސް, އެ އަމަލު ހިންގާފައި ވަނީ ކޮން ބަޔެއް ކަން ސާފެއް ނޫނެވެ. ހުޅުޖަހާފައިވާ އުޅަނދުތަކުގެ ތެރޭގައި ޢާންމުންގެ ކާރުތަކާއި, އެމްބިޔުލާންސްތަކާއި, ސައިކަލާއި ބަސްތައް ހިމެނޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނުކުމެފައިވާ ދަރިވަރުންނާ މަޝްވަރާކޮށް, ސުލްޙަވެރި ހައްލެއް ހޯދަން ޙަސީނާ ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް, މުޒާހަރާގެ ބައިވެރިން ވަނީ މަޝްވަރާތަކާ ދެކޮޅު ހަދާފައެވެ. އަދި, ސަރުކާރު އިސްތިޢުފާ ދިނުން ނޫން އިތުރު ގޮތެއް ނުދޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. މީގެ އިތުރުން, މަދަނީ ބަސްނޭހުމެއް ފަށާފައިވާ ކަމުގައި ވެސް މުޒާހަރާ އިންްތިޒާމު ކުރާ ހަރަކާތުން ވަނީ އިޢުލާނު ކޮށްފައެވެ.
މި ހަމަނުޖެހުުންތަކާ ގުޅިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް ވަކަރު-އުއް-ޒަމާން ވަނީ އަސްކަރިއްޔާގެ އިސް އޮފިސަރުންނާ ބައްދަލު ކުރައްވާފައެވެ. އެ މީހުންނާ ވާހަކަފުޅު ދައްކަވަމުން ވަކަރު-އުއް-ޒަމާން ވިދާޅުވީ, އަސްކަރިއްޔާގެ އެންމެ މަތީ ވާޖިބަކީ ބަންގްލަދޭޝް ރައްޔިތުންގެ މަސްލަޙަތު ހިމާޔަތް ކޮށްދިނުން ކަމުގައެވެ. އަދި, ރައްޔިތުންނާއި ދަޢުލަތް ދިފާޢު ކުރުމުގައި ދެމި އޮންނާނެ ކަމުގައެވެ.
މި ދަނޑިވަޅުގައި ބަންގްލަދޭޝްގެ ދާޚިލީ ވަަޒީރު އަސަދުޖަމާން ޚާން ވަނީ އަމަން ބަލަހައްޓާ އިދާރާތަކުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމަށް ފަހު ޚާން ވިދާޅުވީ މުޒާހަރާގެ ބައިވެރިންގެ ބޭނުންވާ ކަންކަން ސަރުކާރުން ހާސިލު ކޮށްދީފައިވާނެ ކަމުގައެވެ. އަދި, މުޒާހަރާ ކުރުން ހުއްޓައިލައި, ތަޢުލީމަށް އެނބުރި ދިޔުމަށް އޭނާ ވަނީ މުޒާހަރާތަކުގައި ބައިވެރިވަމުންދާ ދަރިވަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
ޖުލައި މަހުން ފެށިގެން ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވަން ސަރުކާރުން ވަނީ ކަރފިޔު އިޢުލާނުކޮށް, މަގުތަކަށް ހަތިޔާރު އެޅި ސިފައިން ނެރެފައެވެ. ޚާން ވިދާޅުވީ, ކަރފިޔުއަށް ލުއިދިނުމުގެ ގޮތުން ހެނދުނު 6ން ރޭގަނޑު 9އަށް ކަރފިޔު ހިންގުން މެދުކަނޑައިލާފައިވާ ކަމުގައެވެ.
މީގެ އިތުރުން, މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކޮށްފައިވާ ގިނަ ޢަދަދެއްގެ ދަރިވަރުން މިނިވަން ކުރުމަށް ވެސް ޙަސީނާ ވަނީ އަމުރު ކުރައްވާފައެވެ. އެއީ ވެސް, މުޒާހަރާގެ ބައިވެރިންގެ އެއް ގޮވައިލުމެވެ. ނަމަވެސް, ދާކާގެ އިތުރުން ޗޮއްޓޮގްރާމާއި, ސިލޭޓާއި ބޮރީޝާލްގެ މަގުތަކުގައި އެތަކެއް ހާސް ބަޔަކު އަދިވެސް ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.
ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އަނެއްކާވެސް ބަންގްލަދޭޝްގެ އަސްކަރިއްޔާއަށް ފުރިހަމަ ބާރާއި އިހްތުޔާރުތައްދީ މުޒާހަރާގެ ބައިވެރިން ހައްމަތަކުރުމަށް ނެރޭނެއެވެ. އެހެންނަމަވެސް މިފަހަރު މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ "ގައުމު ސަލާމަތްކުރުމަށްޓަކައި ފުރާނަ ދުއްވާލަންވެސް ތައްޔާރު"ކަމަށެވެ. މި ސްލޯގަން ހިފައިގެން ގައުމީ ޖޯޝްގައި ވަރުގަދަ ކުރަމުން ގެންދާ މުޒާހަރާތަކަށް ފަންޑުކުރާ މީހުން ހޯދުމަށް ފުލުހުންގެ ހާއްސަ އިންޓެލިޖެންސް ޓީމެއް ވެސް މިހާރު ވަނީ އެކުލަވާލައިފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް އައިއިރު، ސިޔާސީ ނަންހިނގާ އެއްވެސް ފަރާތެއް، މުޒާހަރާތަކާ ގުޅުވައިގެން ހައްޔަރުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އިދިކޮޅުން ދަނީ ސަރުކާރުން އިދިކޮޅު ޕާޓީތަކުގެ ބޮޑުން ހައްޔަރުކުރުމަށް މަކަރުވެރި ރޭވުންތަކެއް ރާވަމުން އެބަ ގެންދާ ކަމަށާއި ގައުމު ފާލުން ނެއްޓެމުންދަނީ މިހާރުގެ ސަރުކާރުގެ ނާގާބިލު ކަމުންކަން ކިޔަވާކުދިން އެގެންދަނީ ސާބިތުކޮށްދެމުން ކަމަށެވެ.