ބޭރަށް ފެނުނީ ކިޔަވާ ކުދިންގެ ވަރުގަދަ މުޒާހަރާތަކެކެވެ. ހަގީގަތަކީ ބަންގްލަދޭޝްގެ ވެރިކަން ބަދަލުކުރުމުގެ ރޭވުންތައް ރާވައި ދިނުމުގައި އެގައުމުގެ އަސްކަރިއްޔާގެ އެކި ފަންތީގެ މީހުން މުޒާހަރާގެ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިފަހުން ފެށި މުޒާހަރާތައް ހުއްޓުވުމަށް އިއުލާންކޮށްފައިވާ ކާފިއުއަށް އަމަލުކުރަން އަސްކަރިއްޔާއިން ދެކޮޅު ހަދައި، ބޮޑު ވަޒީރު ސެއިހް ހަސީނާއަށް ހުށަހެޅުން ގެންދިޔައެވެ. އެއީ އަވަސް އިންތިހާބެއް ބާއްވަން ވައުދުވެ ވަޑައިގެން އިންތިހާބުގެ ކަންކަން ވިލަރެސް ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި އަސްކަރިއްޔާ އާއި ފުލުހުންގެ މަންދޫބުންވެސް ހިމެނޭ ގޮތުން ގައުމީ އެއްބައިވަންތަކަމުގެ ކޮމިޓީއެއް އެކުލަވާލުމެވެ. އެހެންނަމަވެސް ހަސީނާ އެހުށައެޅުމަށް އިންކާރު ކުރެއްވުމުން އަސްކަރިއްޔާއިން ފާޅުގައި މުޒާހަރާގެ ބައިވެރިންނާ ގުޅި، ހިތްވަރު ދޭން ފެށިއެވެ. އެންމެ ފަހުން އަސްކަރިއްޔާއިން ހަސީނާއަށް އެންގީ ފުރާނަ ސަލާމަތް ކުރައްވަން ބޭނުންފުޅުވާނަމަ އިސްތިއުފާ ދެއްވުމަށާއި އަދި ގައުމު ދޫކުރައްވައި ވަޑައިގެންނެވުމަށް ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ.
އޭރުވެސް ހަސީނާ ގެންދެވީ އިންޑިޔާގެ އިސްވެރިންނާ މަޝްވަރާކުރައްވަމުން ކަމަށްވެއެވެ. އަދި އިސްތިއުފާ ދެއްވީވެސް އިންޑިއާއިން ހިމާޔަތްދެއްވައި އެކަމަނާއަށް ރައްކާތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ލިބުމުން އިއްޔެއެވެ. އެހެންކަމުން ހަސީނާ ވަނީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި، ހެލިކޮޕްޓަރެއްގައި އިންޑިއާއަށް ވަޑައިގެންފައެވެ. އިންޑިޔާގެ ވެރިރަށް ދިއްލީގެ އަސްކަރީ މަރުކަޒަކަށް ހަސީނާގެ ހެލިކޮޕްޓަރު ޖެއްސުމާއެކު އޭނާއަށް އިސްތިގުބާލު ދެންނެވީ އިންޑިޔާގެ އަސްކަރިއްޔާގެ އިސް ބޭފުޅުންނެވެ. މިހާރު ހަސީނާ ހުންނެވީ އިންޑިއާ ސަރުކާރުގެ ފުރިހަމަ ހިމާޔަތުގައެވެ.
ހަސީނާއާ ހަވާލާދެއްވައި އިންޑިޔާގެ އަސްކަރިއްޔާގެ ބައެއް ބޭފުޅުން އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހަސީނާ ދެކިލައްވަނީ ބަންގްލަދޭޝްއަށް ގެނައީ އަސްކަރީ އިންގިލާބެއް ކަމަށެވެ. އެއީ މާކުރިއްސުރެ ރޭވިފައިވާ ވަރުގަދަ ރޭވުންތަކެއްގެ ނަތީޖާ ކަމަށްވެސް ހަސީނާ ދެކިލައްވައެވެ.
ޖުލައި މަހުން ފެށިގެން ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައި އޮތް ބަންގްލަދޭޝްގެ މަގުތައް, ޙަސީނާގެ އިސްތިޢުފާއާ އެކު ވަނީ އަމާންވެފައެވެ. ޖުލައި މެދެއްހާ ހިސާބުން ފެށިގެން ބަންދު ކޮށްފައިވާ މަދަރުސާތައް އަލުން ހުޅުވައިލި ނަމަވެސް, ހާޒިރުވެފައި ވަނީ މަދު ޢަދަދެއްގެ ދަރިވަރުންނެވެ. ނަމަވެސް, ބަންގްލަދޭޝްގެ އިޤުތިޞާދުގެ އެއް މައި ނާރެސް ކަމުގައިވާ ފޭރާން އުފެއްދުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކާއި ކާރުޚާނާތައް އަދިވެސް ހުރީ ބަންދު ކޮށްފައެވެ. އެ ތަންތަން ހުޅުވާނެ ތާރީޚެއް އިޢުލާނު ކޮށްފައެއް ނެތެވެ.
ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ބުނީ, އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް ވާކިރް އަލް-ޒަމާން މުޒާހަރާ އިންތިޒާމު ކުރާ ހަރަކާތުގެ އިސް މީހުންނާ ބައްދަލު ކުރައްވާނެ ކަމުގައެވެ. ޙަސީނާ އިސްތިޢުފާ ދެއްވައި, ޤައުމު ދޫކޮށް ވަޑައިގަންނަވާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ވެސް ޒަމާނެވެ. ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަން ވެސް އޭނާ ވަނީ އިޢުލާނު ކުރައްވާފައެވެ. މުޒާހަރާ އިންތިޒާމު ކުރާ ހަރަކާތުގެ އިސްވެރިންނަށް ފަހު އޭނާ ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝިހާބުއްދީނާ ވެސް ބައްދަލު ކުރައްވާނެއެވެ.
ޓީވީ މެދުވެރި ކުރައްވައި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝިހާބުއްދީން ވިދާޅުވީ ވަގުތީ ސަރުކާރުގެ މައިގަނޑު މަސައްކަތަކަށް ވާނީ ހުރިހާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން އަވަސް އިންތިޚާބެއް ބޭއްވުން ކަމުގައެވެ. ޙަސީނާގެ ސަރުކާރުން ޖަލަށް ލާފައިވާ އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ވެރިޔާ, ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ މިނިވަން ކުރަން ވެސް އޭނާ ވަނީ އަމުރު ކުރައްވާފައެވެ. 2018ވަނަ އަހަރު ޚާލިދާ ޒިޔާ ޖަލަށް ލާފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ނަމަވެސް, ޞިއްޙީ ހާލަތު ދެރަވުމާ ގުޅިގެން އޭނާ މިހާރު އޮންނެވީ ހަސްފަތާލުގައެވެ.
ފޭހުނު އިލޮށިގަނޑު ލޮލަށް
ސަރުކާރާ ދެކޮޅު މުޒާހަރާތައް އިންތިޒާމު ކުރި ހަރަކާތުން މިހާރު ވަނީ އަސްކަރިއްޔާއަށް ވެސް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެ ހަރަކާތުން ބޭނުން ވަނީ, އެކުލަވައިލެވޭ ވަގުތީ ސަރުކާރެއްގެ އިސް މުޝީރުގެ މަޤާމު ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސަށް އެރުވުމަށެވެ. "އޭނާގެ ބައިވެރިވުން ނެތް ސަރުކާރެއް ބަލައެއް ނުގަންނާނަން. އަސްކަރިއްޔާއިން ވާގިވެރިވާ, އަދި ކޮންޓްރޯލް ކުރާ ސަރުކާރެއް ވެސް ބަލައެއް ނުގަންނާ ނަން،" މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހަރަކާތުގެ އޮފިޝަލެއް ކަމުގައިވާ ނާހިދް އަލް-އިސްލާމް ބުންޏެވެ.
އެ ކަމާ ގުޅޭ ގޮތުން ޔޫނުސާ މަޝްވަރާ ކޮށްފައިވާނެ ކަމަށާއި, ވަގުތީ ސަރުކާރުގައި އިސް ދައުރެއް އަދާ ކުރަން އޭނާ އެއްބަސްވެ ވަޑައިގަންނަވާފައިވާ ކަމުގައި ވެސް އިސްލާމް ބުންޏެވެ. 84 އަހަރުގެ ޔޫނުސަކީ, ބަންގްލަދޭޝްގެ ފަގީރު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މި ގޮތުން, އޭނާގެ ގްރާމީން ބޭންކުން ވަނީ ފަޤީރު ޢާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް 100 ޑޮލަރުން ދަށުގެ ކުދި ލޯނު ދޫކުރުމުުގެ ޕުރޮގުރާމެއް ހިންގާފައެވެ.
ޔޫނުސާއި ގްރީމަން ބޭންކަން ނޮބެލް ސުލްޙައިގެ އިނާމު ލިބިފައިވާ އެ ޕުރޮގުރާމާ ގުޅިގެންނެވެ. ނަމަވެސް, ބަންގްލަދޭޝްގެ ސަރުކާރުން ޖޫން މަހުގެ ތެރޭގައި ވަނީ އޭނާގެ މައްޗަށް ޚިޔާނާތުގެ ދަޢުވާ އުފުލާފައެވެ. އޭނާ, އެ ދަޢުވާތަކަށް އިންކާރު ކުރައްވައެވެ. އޭނާ މިހާރު ދިރުއުޅުއްވަމުން ގެންދަވަނީ ފަރަންސޭސިވިލާތުގައެވެ.
އަސްކަރިއްޔާއިން ކުރިން އެއްބަސްވެފައިވަނީ ހަސީނާގެ ވެރިކަން ބަދަލުކުރުމަށްފަހު އެކުލަވާލާ ގައުމީ އެއްބައިވަންތަކުގެ ސަރުކާރުގައި އަސްކަރިއްޔާގެ މަންދޫބުން ބައިވެރިކުރާ ގޮތަށެވެ. އިއްޔެރޭ މުޒާހަރާގެ އިސްބައިވެރިންނާއެކު އަސްކަރިއްޔާއިން ބޭއްވި ސިއްރު ބައްދަލުވުމެއްގައި ދެފަރާތުން އެގޮތަށް ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް މުޒާހަރާގެ އިސްބައިވެރިންގެ ވިސްނުން މިހާރު ވަނީ ބަދަލުވެފައެވެ. މިހާރު އެމީހުން ބޭނުންވަނީ އަސްކަރިއްޔާގެ އެއްވެސް ދައުރެއް ނެތް ސަރުކާރެއް އެކުލަވާލައި، އަސްކަރިއްޔާއާއި ފުލުހުންގެ އިސް މަގާމުތަކަށް ވަގުތުން ބަދަލު ގެނައުމަށެވެ.
އަސްކަރިއްޔާއިން ފުރަތަމަ ރޭވީ ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު ދުވަސް ކޮޅަކަށް އަސްކަރީ ވެރިކަމެއް ބަންގްލަދޭޝްގައި ކުރާށެވެ. އެހެންނަމަވެސް ހަސީނާގެ އިސްތިއުފާއާ ގުޅިގެން މަގުތަކަށް ނުކުތް މީހުން ކުރިން ބެލެވިފައި އޮތް ވަރަށްވުރެ ގިނަވުމުގެ ސަބަބުން އަސްކަރިއްޔާއަށް މަޖުބޫރުވީ ބަންގްލަދޭޝްގެ ރައީސް މޫނު މައްޗަށް ނެރެގެން ރައްޔިތުން ސުލްހަ ކުރުމަށެވެ.
މަޖިލިސް އުވާލުމާއި ހާލިދާ ޒިޔާ މިނިވަންކުރުމާއި އަވަސް އިންތިހާބެއް އިއުލާން ކުރައްވައި މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރެއްވުމަށް ބަންގްލަދޭޝްގެ ރައީސް ނިންމެވީ އަސްކަރިއްޔާގެ މަޝްވަރާއާއެކުގައެވެ.
ހަސީނާ އިސްތިއުފާ ދެއްވުމުން ރައްޔިތުން އުފާފާޅުކުރަމުން ދިޔައިއިރު އަސްކަރިއްޔާގެ އެކި ރޭންކްތަކުގެ މީހުން ހަތިޔާރާއެކު ނަށާ އުފާފާޅުކޮށްފައިވެއެވެ. އިއްޔެގެ މުޒާހަރާގައި 400،000 މީހުން މަގުތަކަށް ނުކުތްކަމަށް އަސްކަރިއްޔާއިން އަންދާޒާ ކޮށްފައިވެއެވެ.