ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މިހާރުގެ ވެރިން ކުރީގެ މެނޭޖުމެންޓަށް ކުރި ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި މޫކޭ ވިދާޅުވެފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އެސްއޯއީ ކޮމިޓީއިން ބޭއްވެވި ބައްދަލުވުމަކަށް އާރުޑީސީގެ މިހާރު ވެރިން ހާޒިރު ކުރުމުން ކުރީގެ މެނޭޖުުމެންޓާއި ބެހޭ ގޮތުން ދޮގު ތުހުމަތުތަކެއްކޮށް، ކުންފުނިން ކޮށްފައިވާ އެކި ކަންކަމާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވާކަމަށެވެ. އެހެންކަމުން އެކަން ކޮމިޓީގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށް ވިދާޅުވިއެވެ.
ކޮމިޓީގައި މިހާރުގެ ވެރިން ވާހަކަދެއްކެވީ ކުންފުނީގެ ހާލަތާއި، އަދި ކުންފުނީގެ ދަރަންޏާ ބެހޭ ގޮތުން އެއްވެސް އޮޑިޓެއް އަދި އެސިސްމަންޓެއްވެސް ހެދުމަކާއި ނުލާކަމަށް މޫކޭގެ ސިޓީގައިވެއެވެ. އެ ކުންފުނީގެ ކުރީގެ މުއާމަލާތްތަކާއި ގުޅޭ ލިޔެކިޔުންތައް މިހާރު ފެންނަން ނެތްކަމަށް ވިދާޅުވެ، ދެއްކެވި ވާހަކަތަަކަކީވެސް އެކަށީގެންވާ މިންވަރަށް ކަންކަން ބެލުމަށްފަހު ނުވަތަ ހާލަތު ދެނެގަތުމަށްފަހު ދެއްކެވި ވާހަކަތަކެއް ނޫންކަމަށް އޭނާ ވިދާޅުވެފައިވެއެވެ.