ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
އެ އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ގިނަ އަދަދަކަށް އަވަސް އަވަހަށް ބައި އިލެކްޝަން ބާއްވަން ޖެހުމުން ދައުލަތުގެ މާލީޔާ އަށާއި އިލެކްޝަން ކޮމިޝަނަށް އެކަމުގެ ސަބަބުން ބުރަ ބޮޑުވެ އެ ކޮމިޝަނުގެ މަސައްކަތްތަކަށްވެސް ހުރަސް އެޅެމުންދާތީ ކަމަށް އެ އިސްލާހަށް ވާހަކަ ދައްކަވަމުން މެންބަރުން ފާހަގަ ކުރެއްވިއެވެ. ކުރިން އޮންނަ ގޮތުން ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކު އިސްތިއުފާ ދޭތާ ނުވަތަ މަގާމު ހުސްވާތާ 2 މަސް ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ.
ނަމަވެސް ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބައި-އިލެކްޝަން ބާއްވަން ޖެހޭނެއެވެ.