ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ވ.އާރަށް ކުއްޔަށް ދޫކުރުމުގައި މައްސަލަ ސާބިތުކުރުމަށް ދަށުކޯޓަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިގެންފައިވަނީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ މައްސަލަ އިސްތިއުނާފުކޮށް އެ ހެކިތަށް ބަލައިގަނެވޭނެކަމށް ކަނޑައަޅައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބަލައިގެންފިއެވެ.
ވ.އާރަށު މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވާފައިވާ މައްސަލައެއްގައެވެ. އެ މައްސަލާގައި 25 ޑިސެމްބަރ 2022 ގައި ވަނީ އެ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި 11 އަހަރުދުވަހުގެ ޖަލުހުކުމެއްވެސް އިއްވާފައެވެ.
ދަށުކޯޓުން އެ މައްސަލަ ނިންމުމުގައި ރައީސް ޔާމީނުގެ ދިފާއަށް ހުށަހަޅާފައިވާ ހެކިތަކާ ދެކޮޅަށް ދައުލަތުން އައު ހެކި ހުށަހެޅުމުން އެ މައްސަލަ ނިންމުމުގައި ދައުލަތުން ހުށަހެޅި އައު ހެކިތަކަށް ރިޔާއަތްކޮސްފައިވާތީ ރައީސް ޔާމީނުގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައި ކޯޓުން ވަނީ ދައުލަތުން ދަށުކޯޓަށް ހުށަހެޅި އައުހެކިތައް އެ މައްސަލަ ބެލުމުގައި ބަލައި ނުގަނެވޭނެކަމަށް ނިންމާފައެވެ.