ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ވެރިރަށަށް ފުރަން އުޅުނު ބަންގަލަދޭޝްގެ މީހެއްގެ ލަގެޖުގައި ފޮރުވައިގެން ނަގުދު ފައިސާގެ ގޮތުގައި ބޭރުކުރަން އުޅުނު 81،030 ޑޮލަރު ހިފަހައްޓައިފި އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފައިސާ ހޯދާފައިވަނީ މާލެއިން ޑާކާ އަށް ފުރަން އޮތް ޔޫއެސް ބަންގްލާ އެއާލައިނުން ދަތުރުކުރަން ހަމަޖެހިފައިވާ ފަސެންޖަރެއްގެ ލަގެޖުން ކަމަށެވެ.
ހައްޔަރުކުރި މީހާ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ސެކިއުރިޓީ ކޮމާންޑުން ބުންޏެވެ.
ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ، އެ ފައިސާ ހޯދިގޮތުގެ ތަފްސީލު ހާމަކުރަންޖެހޭ ގޮތަށް ކަސްޓަމްސްގެ އުސޫލު ދާދި ފަހުން ވަނީ އިސްލާހުކޮށްފަ އެވެ.
އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން 10،000 ޑޮލަރަށް ވުރެ އިތުރަށް، ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ އެ ފައިސާގެ ހޯދިގޮތް ހާމަކުރަން ޖެހޭނެ އެވެ.
ވަކި އަދަދަަކަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ އާމްދަނީ ލިބޭ ގޮތުގެ ތަފްސީލުވެސް ހާމަކުރަން ޖެހެ އެވެ.