އަންނަ އަހަރުފެށުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ މަޝްރޫއުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ކުރިން ދަރުމަވަންތަ ސްކޫލް ހުރިތަނުގައި އެޅުމަށް ހަމަޖެހިފައިވާކަމަށާއި އޭގެތެރެއިން ބައެއް ކްލާސްރޫމްތައް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވިގެންދާ ސްމާޓް ކުލާސްރޫމްގެ ގޮތުގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެންވިދާޅުވީ، މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ފަހުރެއްކަމުގައިވާ ދާރުލް އުލޫމާ ކުރިބޯށި އިމާރާތް ނެޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާކަމަށާއި، އެކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގޭ ތާރީހީ ތައުލީމީ ހަޔާތުގެ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށެވެ.
ދަރިވަރުންގެ ތައުލީމް ކުރިއަށް ގެންދިއުމުގެ މައްޗަށް އަލިއަޅުވައި ރައީސް ވިދާޅުވީ، ތައުލީމީ ދުވަސްވަރުގެ ހަގީގީ ބޭނުމަކީ ގައުމަށް ހިދުމަތްތަކެއް ކުރުމަށާއި އަމިއްލަ ހަޔާތް ބިނާކުރުމާއި މުޖުތަމައަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމަށްޓަކައި ތައުލީމު ހާސިލްކޮށް ތަމްރީނުވެގެން ނުކުތުންކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކިޔެވުމުގެ އަދި ކިޔަވައިދިނުމުގެ ބޭނުމަކީ ތިމާގެ ފަރާތުން ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި ފިކުރުކޮށް އެކަމެއް ކޮށްދިނުމަށް ތައްޔާރުވުން ކަމަށެެވެ.
މި ރަސްމިއްޔާތަށްފަހު އެ މަނިކުފާނު ވަނީ މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި ކުރިއަށްދާ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.
މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތައުލީމީ ބިނާއެވެ. މަޖީދީ "ސައްތަވީ ބިނާ" ރަމްޒުކޮށްދެނީ މަޖީދިއްޔާ ސްކޫލްގެ އިލްމީ ހިޔާވައްސެވެ. މި ސައްތަވީ ބިނާ އުފަންކުރުމުގެ އެންމެހާ މަސައްކަތެއް ކުރި ބަޔަކީ މަޖީދިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުންނެވެ.